ސަގާފަތް

ތުނޑުކުނާތައް ގެއްލެން ގިނަ ދުވަހެއް ނެތް!

ދިވެހިންގެ ސަގާފީ އަތްތެރި އުފެއްދުންތަކަކީ މުއްސަނދި އުފެއްދުންތަކެކެވެ. ގިނަ މަސައްކަތްތަކަކީ ކަވި އަދި އެކަމަށް ވަގުތު ހޭދަވާ މަސައްކަތްތަކެކެވެ. ދިވެހި ތުނޑުކުނާ ވިޔުމަކީވެސް އެކަމަށް އެތައް ވަގުތެއް ހޭދަވާ އަދި މަސައްކަތަށް ބޭނުންވާ ސާމާނު ހޯދައި އުފެއްދަން ވެސް އުނދަގޫ މަސައްކަތެކެވެ. "މޭޑް އިން މޯލްޑިވްސް" ގެ ޓެގް އަޅުވައިގެން ރާއްޖޭގައި އުފައްދައި އަދި ވިއްކާ ތުނޑުކުނަލަކީ ރާއްޖެ އަންނަ ޓޫރިސްޓުންނަށް ވެސް ވަރަށް ކަމުދާ އުފެއްދުމެކެވެ. ކުރިއަށް ދާއިރު އެ ތަކެތި އެންމެ ގިނައިން ގަންނަނީ ރިސޯޓުތަކުންނެވެ. ނަމަވެސް ތުނޑުކުނާ ވިޔުމަށް އެންމެ މަޝްހޫރު ގދ. ގައްދޫ އަންހެންވެރިން ބުނާ ގޮތުގައި މިހާރު އެ ޑިމާންޑެއް ނެތެވެ.

އެރަށުގައި ކުނާ ވިޔުމުގެ މަސައްކަތް ކުރަނީ ވެސް ދުވަސްވީ އިހުގެ ޖީލެވެ. އެ މަސައްކަތުގައި އުޅޭތާ 40 އަހަރުވެފައިވާ ގައްދޫ މަރިޔަމް ފާއިޒާ ބުނި ގޮތުގައި ކުނަލަށް އޮންނަ ޑިމާންޑް މިހާރު ސުމެކޭ ބުންޏަކަސް ދޮގަކަށް ނުވާނެ އެވެ. އެހާވެސް ވިޔަފާރިއެއް ނެތެވެ. އަޅައިލުމެއް ނެތެވެ.

އޭނާ ބުނާގޮތުގައި ދެމެހެއްޓެނިވި ގޮތެއްގައި ފަހުރުވެރި އެ މަސައްކަތް ކުރާނެ އެއްވެސް ގޮތެއް ވެސް މިހާރު ނެތެވެ. އަދި ކަންކަން މިވަގުތަށް އޮތް ގޮތުން މަސައްކަތުގައި މުސްތަގުބަލެއް ވެސް ފެންނާކަށް ނެތެވެ.

"އަޅުގަނޑުމެން ގައްދޫ މީހުން ވަރަށް ފަހުރުވެރިވާ މަސައްކަތެއް މީ. އެކަމަކު މިކަން މިދަނީ އުވިގެން. މިހާރު އެއްވެސް ވަރަކަށް ޑިމާންޑެއް ނެތް މި ކަމަކަށް. އަދި ހާއްސަކޮށް ކޮވިޑް އައި ފަހުން ހާލަތު މާ ދެރަ. މަސައްކަތް އޮތީ ހުއްޓިފައި. ގަންނާނެ މީހުންނެއް ނުވޭ،" ފާއިޒާ ބުންޏެވެ.

ފާއިޒާ ފާހަގަކުރި ގޮތުގައި ޒުވާނުން އެކަމުގެ ތެރެއަށް ވަންނާކަށް އެހައި ބޭނުމެއް ނުވެ އެވެ. ވިޔަފާރިއެއް ނެތް އަދި ޑިމާންޑެއް ވެސް ނެތް ކަމެއް ދަސްކުރަން އެ ކުދިން ބޭނުން ވެސް ނުވަނީ އެވެ. ޑިމާންޑް ނެތް ކަމެއް ކޮށްގެން ލިބޭނެ ފައިދާއެއް ވެސް ނެތެވެ. ކާބަފައިންގެ ޒަމާނުއްސުރެ އެކި ޑިޒައިންތަކަށް ވިޔަމުން އަންނަ ދިވެހި އުފެއްދުން އުވިގެންދާ މަންޒަރު ވަރަށް ކައިރިން ފެންނަމުންދާ ކަމަށް ހިތާމައާއި އެކު އޭނާ ވަނީ ފާހަގަ ކޮށްފަ އެވެ.

ގައްދޫ އަންހެނުން ވަނީ މި މަސައްކަތް ރާއްޖޭގެ އިތުރުން ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ދައްކާލާފަ އެވެ. އެގޮތުން ރާއްޖެއިން ބޭރުގެ ފެއާ ތަކުގައި ވެސް އެމީހުން ހުނަރު ވަނީ ދައްކާލައިފަ އެވެ. ތުނޑުކުނަލަކީ އެމީހުން ފަހުރެވެ. އެމީހުން އެ މަސައްކަތް ކުރަނީ ވަރަށް ކުރާހިތުންނެވެ. އަދި ކުރެވޭ މަސައްކަތާ މެދު ވަރަށް ބޮޑަށް ފަހުރުވެރިވެ އެވެ.

އެރަށުން ކުނާ ވިޔުމުގައި 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ޒައީމާ ހުސެން މަނިކު ބުނިގޮތުގައި މިހާރު އެ މަސައްކަތް ކުރާ މީހުން ވެސް މަސައްކަތާ ދުރައް ޖެހެން ފަށައިފި އެވެ. ގައްދޫއަށް ނިސްބަތްވާ މީހުންގެ ތެރެއިން އެ މަސައްކަތް މިހާރު ކުރަނީ ހައެއްކަ މީހުނެވެ.

"ނުވިކޭތީ މީހުން ބޭނުން ނުވަނީ މަސައްކަތުގެ ތެރޭގައި އުޅެން. ކުރިން ވަރަށް ޑިމާންޑް އޮންނަ މަސައްކަތެއް މީ. އެކަމަކު މިހާރު މި މަސައްކަތުން އެއްވެސް މަންފާއެއް ނުލިބޭ،" ޒައީމާ ބުންޏެވެ.

ދިވެހިންގެ މުއްސަނދި ސަގާފީ މަސައްކަތްތަކުގެ ތެރެއިން ތުނޑުކުނަލުގެ ތަފާތު ޑިޒައިންތައް ހުރެ އެވެ. ކުނާ ވިޔަން ހާއްސަ ހަރެއް ބޭނުން ކޮށްގެން މި މަސައްކަތް ކުރަނީ އަތުންނެވެ. އެކި ޑިޒައިންތަކަށް ކުނާ ގަތާލުމަކީ ގައްދޫގައި މި މަސައްކަތްކުރާ މީހުނަށް މާ ބޮޑު ކަމެއް ނޫނެވެ. އެރަށުގައި މިހާރު މި މަސައްކަތް ކުރަމުން އަންނަނީ އެންމެ ކުރިން ވެސް މަސައްކަތުގައި އުޅުނު މީހުންނެވެ. ޒުވާން ޖީލުތަކަށް މަސައްކަތް ފޯރުކޮށްދެވޭނެ ގޮތެއް ނެތެވެ. ސަބަބަކީ މިއީ މިހާރު އެއްވެސް ފައިދާއެއް އޮތް މަސައްކަތަކަށް ނުވީމަ އެވެ.

ސަގާފީ މިފަދަ ކަންކަން ކުރިއަރުވަން ސަރުކާރުން އެއްވެސް އެހީތެރިކަމެއް ނުލިބުމަކީ ވެސް މަސައްކަތް ކުރާ މީހުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އެކި ޖަމިއްޔާތަކުން އެމީހުންނާ އެކިގޮތްތަަށް ވާހަކަ ދައްކަ އެވެ. ފާއިޒާ ފާހަގަކުރި ގޮތުގައި އެގޮތަށް ވާހަކަ ދެއްކި ނަމަވެސް މަސައްކަތާއި އެ ހުނަރު ކުރިއަރުވަން އެހީތެރިކަމެއް ނުލިބެ އެވެ. މާކެޓްކޮށް މިކަން ދިރުވާ އާލާ ކުރުމަށް އެފަރާތްތަކުގެ، އަދި ވަކިން ހާއްސަކޮށް ސަރުކާރުގެ އެހީ ވަރަށް ބޮޑަށް ބޭނުންވެ އެވެ.

"މިކަން އާލާ ކުރަން އަޅުގަނޑުމެންނަށް ކަމާ ގުޅުންހުރި ފަރާތްތަކުން އެހީތެރިކަން ފޯރު ކޮށްދޭނަމަ މިއަދު މި ހާލަތަކަށް ނާންނާނެ. މިއީ އަޅުގަނޑުމެންގެ ސަގާފަތް. އަޅުގަނޑުމެންގެ ކާބަފައިންގެ ފަރާތުން ވާރުތަވެގެން އައި ކަމެއް. އަޅުގަނޑުމެން ބޭނުން މި މަސައްކަތް ކުރިއަށް ހުރި ޖީލުތަކަށް ވެސް ފޯރު ކޮށްދޭން. އެކަމަކު މުސްތަގުބަލެއް ނެތް ކަމެއްގަ އާ ކުދިންވެސް ޝާމިލްވާކަށް ބޭނުމެއް ނުވާނެ ނޫންތޯ؟" ފާއިޒާ ބުންޏެވެ.

ކުނަލުގެ މަސައްކަތް ދަސްކުރަން ބޭނުންވާ ޒުވާނުންނަށް ދަސްކޮށްދޭން އެމީހުން ތިބީ ތައްޔާރަށެވެ. އެއްގޮތަކަށް ވެސް މި މަސައްކަތް އުވިގެން ދާކަށް ބޭނުމެއް ނޫނެވެ. ބޭނުންވަނީ ކުރިއަށް ހުރި ޖީލުތަކަށް ވެސް އަތްތެރި މި މަސައްކަތް ފޯރުކޮށްދިނުމެވެ.

ދިވެހިން ގިނަ އާދަކާދައެއް އުވިގެންދާ މަންޒަރު މި ނޫނަސް ފެނެ އެވެ. ލިޔެލާ ޖެހުމާއި، ފަންގި ވިއުމާއި ރޯނު ވެށުން ފަދަ ކަންކަމަކީ ދިވެހިންގެ ސަގާފަތާއި ގުޅިފައިވާ އަތްތެރި މަސައްކަތްތަކެވެ. ނަމަވެސް އާ ބަދަލާއެކީ ގިނަ ކަންކަން ނެތޭން ފަށަ އެވެ. އެކަންކަން އާ ޖީލުތަކަށް ފޯރުކޮށްދޭން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތި ވެއެވެ. ސަރުކާރުތަކުގެ އެހީ ކުޑަވެ އަޅައި ނުލެވިގެނެވެ.