ރިޕޯޓް

ދަނގެތީ ގޮނޑުދޮށުން ފެންނަ ސަގާފީ މަސައްކަތުގެ ދިރުން

އދ ދަނގެތިން: އާމިނަތު ފައުޒާ
Aug 16, 2019
3

އދ. ދަނގެތީ އުތުރު ފަރާތުގެ ގޮނޑުދޮށް ކައިރިއަށް ކޮންމެ ދުވަހަކު ހަވީރު ދާ މީހަކަށް ފެންނާނީ ތަފާތު މަންޒަރެކެވެ. ރަށުގެ މެދު އުމުރުގެ އަންހެން ވެރިން އެއް ތަނަަކަށް ޖަމާވެ ފަން ވިނުމުގައި މަސައްކަތް ކުރާ މަންޒަރެވެ. މިއީ މި ޒަމާނުގައި ރަށް ރަށުން މަދުން ފެންނަ އެއްބައިވަންތަކަން ދައްކުވައިދޭ އުފާވެރި މަންޒަރެކެވެ.

ފަން ވިނުމުގައި 15 އަހަރު ވެފައިވާ ފަޒްނާ ޔޫސުފް އޭނާގެ ވާހަކަ ކިޔައިދިނެވެ. އެ ރަށަށް އުފަން ފަޒްނާއަކީ ފަން ވިނުމުގައި ކޮންމެ ދުވަހެއްގެ ކުޑަ ވަގުތުކޮޅެއް ނަމަވެސް ހޭދަކުރެ އެވެ. ފަޒްނާ އަކީ އެ ރަށު ސްކޫލްގެ މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރާ މީހެކެވެ. ކޮންމެ ދުވަހެއްގެ ވެސް ރަސްމީ ވަޒީފާ ނިންމުމަށްފަހު ހަވީރުގެ ވަގުތު އޭނާ ހޭދަކުރަނީ ފަން ވިނުމުގައި އެވެ. ފަން ވިނުމުގެ މަސައްކަތް އޭނާ ކުރަނީ ކުރާ ހިތުން އަމިއްލަ ނަފްސަށް އުފާ ލިބޭ މަސައްކަތެއް ގޮތުގައި އެވެ.

"ރަސްމީ މަސައްކަތް ނިންމާފަ އައިސް ވެސް މި މަސައްކަތް ކުރެވެނީ އެހާ ޝައުގުވެރިކަން ހުންނާތީ" ފަޒްނާ ބުންޏެވެ.

ދަނގެތި ކައިރީގައި ހަތް ރިސޯޓު އޮންނަ އިރު އެ ރިސޯޓް ތަކަށް ފަން ވިއްކައިގެން ރަނގަޅު އާމްދާނީ އެއް ލިބޭ ކަމަށް ފަޒްނާ ބުންޏެވެ.

"މިހާރު ވެސް ފަން ނުވިނިފަ މިއިނީ. ޕީކް ސީޒަންގައި ވަރަށް ޑިމާންޑް އޮވޭ." ފަޒްނާ ކިޔައިދިނެވެ.

ނަމަވެސް ޕީކް ސީޒަން ނިމުމުން ފަން ވިއްކަން ދަތިތަކާ ކުރިމަތިވެ އެވެ. އެހެންވެ ބައެއް ދުވަސްވަރު ފަން ވިނާފަ ނުވިއްކާ އެތައް ދުވަހެއް ވަންދެން ބަހައްޓަންވެސް ޖެހެ އެވެ.

"ފަން ވިކޭ އިރެެއްގައި ކިތަންމެ ވަރަކަށް ވިކުނަސް، ބައެއް ފަހަރު ނުވިކި އެތައް ދުވަހެއް ވަންދެން ވެސް ބަހައްޓަން ޖެހިދާނެ."

ފަން ވިނުމަށް އެ ރަށުގެ އުތުރުކޮޅު ގޮނޑުދޮށް ކައިރީގައި އަންހެން ވެރިން ޖަމާވެފަ ތިބޭ މަންޒަރު ބަލަން ހުރުމަކީ އުފާވެރި މަންޒަރެކެވެ. މިއީ އެ ރަށު މީހުން ޒަމާނުއްސުރެ ކުރަމުން އައި މަސައްކަތަކެވެ. މި މަސައްކަތް ފުޅާ ކުރަން ކައުންސިލުން ވެސް އެއްބާރަލުން ދެ އެވެ. އެގޮތުން ކޮންމެ ހަފްތާއެއްގެ ވެސް ހޮނިހިރު ދުވަހު ހެނދުނު 8:30 ގައި ކައުންސިލް އިދާރާއިން ހިލޭ ފަންވަތް ބަހަ އެވެ. އެއީ ރަށު ތެރެއިން ހޯދާ ފަންތަކެވެ. އާންމުކޮށް މީހަކަށް ދެ ފަންވަތް ވަރު ހިލޭ ލިބެ އެވެ.

ފަން ވިނުމުގެ މަސައްކަތަކީ ރަނގަޅު އާމްދަނީ ލިބޭ މަސައްކަތެކެވެ. މިއީ ކުޑަ ރަށެއްގައި އާމްދަނީ ހޯދަން ކުރަން ރަނގަޅު މަސައްކަތެކެވެ. ފަޒްނާ ބުނި ގޮތުގައި މިދިއަ މަހު އެކަނި ވެސް ގާތްގަޑަކަށް 120 ފަން ބޮނޑި ވިއްކި އެވެ.
އެ ރަށު މީހުން ދެ ފަންވަތް ބޮނޑި ވިއްކަނީ 85 ރުފިޔާއަށެވެ. އަދި ކުރިއަށް އޮތް ދުވަސް ތަކުގައި 90 ރުފިޔާ އަށް ވިއްކޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ފަޒްނާ ބުންޏެވެ.

ދަނގެތީގައި ފަން ވިނުމުގެ މަސައްކަތް ކުރާ އަންހެން ވެެރިންނަށް އެންމެ ބޮޑު ގޮންޖެހުމަކީ ރަށުން ފަން ނުލިބުމުގެ ދަތި ކަމެވެ. ކުރިން ދަނގެތިން ވެސް ފަން ލިބެ އެވެ. ނަމަވެސް އެ ރަށުގައި ބޯޓްޔާޑު ހަދަން ބިން ދޫކުރުމުން ރަށުގެ ގިނަ ރުއްތަކެއް ކަނޑާލަން ޖެހުނެވެ. އެހެންވެ ފަންވަތް ގަންނަން ޖެހެނީ އެ ރަށް ކައިރިގައި އޮންނަ ފެލިދޫ އާއި މަންދޫ އިންނެވެ. އެއީ ފަން ބޮނޑިއެއް 100 ރުފިޔާ އަށެވެ. ފަޒްނާ ބުނި ގޮތުގައި އެއީ ފަން ވިއްކާއިގެން އާމްދަނީ ހޯދާ ފަރާތްތަކަށް އޮންނަ ބޮޑު ގޮންޖެހުމެކެވެ.

"މީގެ ކުރިން ރަށުން ފަން ލިބޭނެ. އެކަމަކު މިހާރު ވަރަށް އުދަނގޫ، ފަން ގަންނަން ޖެހޭނީ ކައިރި ރަށްތަކުން." ފަޒްނާ ބުންޏެވެ.

ދިވެހި ސަގާފީގެ މިފަދަ މަސައްކަތްތައް ރަށް ރަށުން ފެނިގެން ދިއުމަކީ ކުރިއަށް އޮތް ޖީލުތަކަށް ސަގާފަތް ގެންގޮސްދޭން ލިބޭ ހިތްވަރެކެވެ. ދަނގެތީ އަންހެންވެރިން މި ވަނީ މިކަމުގެ މިސާލު ދައްކާފަ އެވެ. މީގެ އެތަކެއް އަހަރު ކުރިން އާމްދަނީ ހޯދަން ފެށި ފަން ވިނުމުގެ މަސައްކަތް މިއަދުވެސް އަންނަނީ ހުއްޓުމެއްނެތި ކުރަމުންނެވެ.