އަނިޔާވެރިންގެ ރަހުމުކުޑަ ހަމަލާތަކެއްގެ ޝިކާރައަކަށްވި އދ. ދަނގެތީ މޮނަލާޒް، މަހްމޫދު އަބޫބަކުރުގެ މަރާއެކު މުޅި ދަނގެއްޗަށް ވެރިވެފައި ވަނީ ހިތާމައާއި ބިރުވެރި ކަމެވެ. ހަމަހިމޭން ކަމެކެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. މިދިޔަ ބުދަ ދުވަހުގެ ރެއާ ހަމައަށް ވެސް އެއީ ވަރަށް އަމާން ރަށެކެވެ. ޖެހިލުންވާން ޖެހޭ ވަރުގެ ކަމެއް ނޯންނަ އެއްބައިވަންތަ ރައްޔިތެކެވެ. ސިޔާސީ ދުވަސްވަރަށް ހިސާބެއްގެ އަޑުގަދަވުމެއް އައި ނަމަވެސް ދުވަހަކުވެސް މީހަކަށް ގެއްލުވާނެ ކަމެއް ކޮށްފައެއް ނެތެވެ. ނަމަވެސް އެ ފަހުރުވެރި ތާރީހު ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ބަދަލުވެގެން ހިނގައްޖެ އެވެ. އެއީ އެ ރަށުގެ އެންމެން އެކުވެރި މަހްމޫދުބެގެ މަރާ ހަމައިންނެވެ.
މަހުމޫދުބެގެ ފުރާނަ ނެތް މަސްގަނޑު ފެނިފައިވަނީ އޭނާގެ އުފަން ގޭގެ ވަޅެއްގެ ތެރެއަށް ވައްޓާލާފައި އޮއްވައެވެ. އެއީ މިހާރު ފަޅަށް ހުންނަ ގެއެކެވެ. މަހުމޫދުގެ ހަށިގަނޑު ވަޅަށް ވައްޓާލާފައި އޮތީ ގޯންޏަކަށް ލުމަށް ފަހު އެވެ. އަތާއި ފައި ގޯންޏެއްގެ ބަޔަކުން ބަނދެފަ އެވެ. ހަށިގަނޑުގެ ބައެއް ތަންތާގައި ހުރީ ފުން ޒަހަމުތަކެވެ. އޮތީ ލެޔާއި ވެލިން ތަތްތެޅިފައެވެ.
އެ މަންޒަރު ފެނުނު ކޮންމެ މީހަކުވެސް ހުއްޓުން އަރާހާ އަނިޔާ ކޮށްފައި އޮތެވެ. ބައެއް މީހުން ކައިރިއަށް ގޮސް ހޭނެތިގެން ވެއްޓިފައި ވެއެވެ.
މިދިޔަ 48 ގަޑިއިރުތެރޭ މުޅި ރާއްޖޭގެ ފޯކަސް ހުއްޓިފައި އޮތީ މަހުމޫދުގެ މަރަށެވެ. އެ މަރާއި ގުޅިގެން ހިނގަމުންދާ ކަންކަމަށެވެ. އެފަދަ ލާއިންސާނީ އަނިޔާތަކެއްދީ ހަތަރު ކުދީންގެ ބައްޕަ މަރައިލާން ޖެހުނު ސަބަބު ދެނެގަތުމަށެވެ. އުމުރުން ދުވަސްވީ މަންމަ އާއި ހަޔާތުގެ ބައިވެރިޔާއާ ވަކިކޮށްލި އަނިޔާވެރި މަރުގެ ފަހަތުގައި ތިބި ގާތިލުން ހޯދަން ފުލުހުން ކުރަމުންދާ މަސައްކަތަށެވެ.
ނަމަވެސް މި ހުރިހާ ކަމަކާއެކު އެހެން ކަމެއްވެސް ވަރަށް ބޮޑަށް ފާހަގަ ކުރެވުނެވެ. އެއީ ދަނގެތި ރޮއްވާލި ހިތާމައިގެ މި ވަގުތު އެ ރަށުން ފެނުނު ލަދުވެތި މަންޒަރަކަށް ވެއްޖެ އެވެ. ޔަގީނުންވެސް ރަށުގެ ވެރިން ތިބީ އެކަމާއި ވަރަށް ބޮޑަށް ލަދު ގެންފައެވެ. ދެރަވެފައެވެ.
މަހުމޫދުގެ ހަށިގަނޑު އިއްޔެ ވަޅުލުމުގެ ކުރީން އެތައް ފަހަރަކު އެތައް ތަނަކަށް އުފުލަން ޖެހުނެވެ. ފުރަތަމަ މަހުމޫދުގެ ހަށިގަނޑު ފެނުނު ވަޅުން ނަގައިގެން ހިނަވާ ގެއަށެވެ. އޭގެ ފަހުން ތަހުލީލުތަކަށް މާލެ ގެންދިއުމަށް ބަދަރަށެވެ. އަދި މާލެއިން ރަށަށް ހަށިގަނޑު ގެނައުމުން އަނެއްކާ ހިނަވާ ގެއަށް ގެންދިއުމަށެވެ. އަދި ހިނަވާގެއިން ސަހަރާއަށް ގެންދިއުމަށެވެ.
އެ މަންޒަރު ފެންނަ ވީޑިއޯތަކާއި ފޮޓޯތަކުން މުޅި ސޯޝަލް މީޑިއާ އޮތީ ފުރިފަ އެވެ. އެއިން ކޮންމެ މަންޒަރަކުން ފެންނަ އެންމެ ހިތްދަތި އަދި ލަދުވެތި އެއް ކަމަކީ މަހުމޫދުގެ ހަށިގަނޑު އުފުލަން ބޭނުން ކުރަން ޖެހުނު ވެހިކަލެވެ. ބައެއް ފަހަރު ކުޑަ ޕިކަޕެކެވެ. އަނެއްބައި ފަހަރު ބަގީ އެކެވެ.
އެ ރަށު ކައުންސިލްގެ ރައީސް މުއާވިޔަތު ރަޝީދު ވިދާޅުވި ގޮތުގައި މަހުމޫދުގެ މަރާއެކު ރަށަށް ލިބުނީ ދުވަހަކު އެ ހަނދާންތަކާއި ވަކިނުވެވޭނެ ބޮޑު ހިތާމައެކެވެ. އަދި މަހުމޫދަށް އެންމެ ފަހުގެ އިހުތިރާމު އަދާކުރަން ޖެހުނު ވަގުތު ފެނުނީ ލަދުވެތި ދެރަ މަންޒަރެކެވެ.
"މަހުމޫދުބެގެ މަރާއެކު އަޅުގަނޑުމެން އެންމެނަށް ވެެސް ލިބުނީ ކުއްލި ހައިރާން ކަމެއް، އިންތިހާ ހިތާމަ. އެ ހާލަތުގައި ވަނިކޮށް މަހުބޫދުގެ ހަށިގަނޑު އެއް ފަހަރު ޕިކަޕެއްގައި އަނެއް ފަހަރު ބަގީއެއްގައި އުފުލަން ޖެހުން އެއީ ހަމަ ޔަގީނުންވެސް އަޅުގަނޑު ވަރަށް ލަދުވެތިވި ކަމެއް. އެހާމެ ދެރަވި ވެސް ކަމެއް. ރަށުގެ އެ ބޮޑު ހިދުމަތްތެރިޔާއަށް އަޅުގަނޑު އަދާކުރަން ބޭނުންވި ފަހުގެ އިހުތިރާމަކީ މިއީއެއް ނޫން،" މުއާވިޔަތު ވިދާޅުވި އެވެ.
މުއާވިޔަތު ވިދާޅުވި ގޮތުގައި މަހުމޫދުގެ ހަބަރެއް ނުވެގެން ކައުންސިލާއި ރައްޔިތުން ގުޅިގެން ހޯދަމުން ދަނިކޮށް ވަޅެއްގެ ތެރެއިން ފެނުމުން އެތަނުން ހިނަވާގެއަށް ގެންދިޔައީ ޕިކަޕެއްގަ އެވެ. އެއީވެސް ކައުންސިލް އިދާރާގައި ކުނި ނެގުމަށް ހާއްސަކޮށްފައި ޕިކަޕެކެވެ.
"އޭރުވެސް ޕިކަޕު އޮތީ ކުނި ނަގަން. މަހުމޫދުގެ ހަށިގަނޑު ފެނުނުއިރު ރަށުގެ އެމްބިއުލާންސް ނުދުވާތާ ހަތަރު ފަސްމަސްވީ. އެހެންވީމަ އަޅުގަނޑު ބޭނުންވީ ބަގީއެއްގައި ގެންދަން. ނަމަވެސް ތަހުގީގީ ސަބަބުތަކަށްޓަކައި ފުލުހުން އެދުނީ ޕިކަޕެއްގައި ގެންދަން. އެހެންވެ ކައުންސިލްގެ ޕިކަޕު ގެނައީ. އެކަމަކު ޕިކަޕުގައި ހުރި ކުނި ހުސްކޮށް ގެނައިރު އިރުތަކެއް ފާއިތުވެއްޖެ. މިއީ އަޅުގަނޑު ޔަގީނަށް ވެެސް ވަރަށް ދެރަވި ލަދުގަތް ކަމެއް،"
އޭގެ ފަހުން ފަތިހު މަހުމޫދުގެ ހަށިގަނޑު މާލެއަށް ގެންދަން ހަމަޖެހުނެވެ. އެހެން ކަމުން ބަނދަރަށް ގެންދަން ހޯދަން ޖެހުނީ އަމިއްލަ މީހެއްގެ ބަގީއެކެވެ. އެއީ ޕިކަޕު ދުއްވާ ކައުންސިލްގެ މުވައްޒިފު ނިދާފައި އޮތުމުންނެވެ. އަދި މަހުމޫދުގެ ހަށިގަނޑު އަލުން ރަށަށް ގެނައުމުން ހިނަވާގެއަށް ދެން ގެންދިޔައީވެސް ބަގީގައެވެ.
"އެ މަންޒަރު ފެންނަ ކޮންމެ ފަހަރަކު ދެރަވޭ. ދެން ވިސްނާލާ އެ ކުދިން [މަހުމޫދުގެ ދަރިން] ދެރަވާނެ ވަރު. އެމްބިއުލާންސްއެއް އޮތްނަމަ މި މަންޒަރު މި ގޮތަށް ނުފެނުނީސް،"
މަހުމޫދުގެ ހަށިގަނޑު ހިނަވާ މޫނު ދެއްކުމަށް ފަހު ކަށުނަމާދުކޮށް ވަޅުލާން ސަހަރާއަށް ގެންދިޔައީ ކައުންސިލްގެ ޕިކަޕުގައެވެ.
ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި މިހާރު ހިނގަމުންދާ އެ ކައުންސިލްގެ ދައުރު ފެށުނުއިރު ވެސް އެމްބިއުލާންސް އޮތީ ގްރަންޑްވެފަ އެވެ. މުއާވިޔަތަކީ އެފަދަ މަސައްކަތް ދަންނަ މީހަކަށްވާތީ އަމިއްލަ ހަރަދުގައި ވެސް އެމްބިއުލާންސް ހެދޭތޯ މަސައްކަތް ކުރި އެވެ. ނަމަވެސް މީހެއްގެ ގަރާޖުގައި އެގޮތަށް އެމްބިއުލާންސް ނުބޭއްވޭނެ ކަމަށް ހެލްތު މިނިސްޓްރީން އެންގުުމުން ނުހެދެނީސް ގެންގޮސް ގްރަންޑް ކޮށްފައި ބާއްވަން ޖެހުނީ އެވެ.
ވަރަށް ގިނަ ރަށްރަށުގައި އެމްބިއުލާންސް ހަލާކުވެ ބޭނުން ނުކުރެވޭ ހާލަތުގައި އޮތުމުގެ ޝަކުވާ ބޮޑެވެ. އެހެން ކަމުން ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ހޯދުމަށް ހާއްސަ މަސައްކަތްތަކެއް ފަށާފައެވެ. އަހަރު ނިމުމުގެ ކުރީން 60 އެމްބިއުލާންސް ގެނައުމަށް ސަރުކާރުގެ ވިޔަފާާރި ކުންފުންޏާއި ވަނީ ހަވާލުކޮށްފައެވެ. މިހާރުވެސް 20 އެމްބިއުލާންސް ގެނެސްފި އެވެ. ކުރިއަށް އޮތް ދެ މަހުގެ ތެރޭގައި އިތުރު 40 އެމްބިއުލާންސް ގެންނާނެ ކަމަށް ރައީސް އޮފީހުން ބުނީ މިދިޔަ ހަފްތާގައެވެ.
އެހެން ކަމުން މިހާރު ގެެނެސްފައި އޮތް 20 އެމްބިއުލާންސް ރަށްރަށް ފޮނުވާއިރު ދަނގެއްޗަށް އިސްކަމެއް ދޭނެ ކަމަށް މުއާވިޔަތު އުންމީދު ކުރައްވައެވެ.
"ރަށުގެ ސިއްހީ މަރުކަޒުގެ އަޕްގުރޭޓްގެ މަސައްކަތަށް މިދޭތެރެއިން ހެލްތްގެ އެކި ޓީމުތައް އައުމުންވެސް އެމްބިއުލާންސް ނެތުމުގެ ޝަކުވާ އަޅުގަނޑުމެން އުފުލިން. އޭރު ޔަގީންކަން ދީފައި އޮތީ މިފަހަރު ހަމަޖެހޭނެ ކަމަށް. އެހެންވީމަ އުންމީދު ކޮށްގެން މިތިބީ މިރަށަށް އިސްކަމެއް ދޭނެ ކަމަށް. އަޅުގަނޑުމެންގެ ޝަކުވާއެއް ނޫން އޮތީއެއް، އަޅުގަނޑުމެން ދެރަވެ ލަދު މި ގަތީ އެ ހިދުމަތްތެރިޔާ އުފުލަން ޖެހުނު ގޮތުން. އެއީ އެއްވެސް ދިވެއްސަކު ދެކެން ބޭނުންވާނެ މަންޒަރެއް ނޫން. މީހަކު ބަލިވިޔަސް އަމުދުން ދުވަސްވީ މީހަކު ބަލިވެއްޖެއްޔާ މި އުފުލަނީ މިގޮތަށް. އުންމީދަކީ ހިތާމައިގެ މިވަގުތު އެންމެ ކުޑަމިނުން މިކަމަށް ރަނގަޅު އިންތިޒާމެއް އައުން،"