ދަނގެތީގައި މީހަކު މަރާލުން

މަހުމޫދު މަރާލި ކަމަށް ސާލިމް މިހާރު އެއްބަހެއް ނުވޭ

އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރާލީ އޭނާ ނޫން ކަމަށާއި މީގެ ކުރިން އެކުށަށް އޭނާ އިއުތިރާފްވީ ތަރުޖަމާނު ބުނެގެން ކަމަށް މި މައްސަލައިގައި ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވެ މަރަން ހުކުމްކޮށްފައިވާ ޝާ އަލޮމް މިއާ (ސާލިމް) ބުނެފި އެވެ.

މަހުމޫދު މަރާލި މައްސަލައިގައި ބަންގަލްދޭޝްގެ ސާލިމް މަރަން ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ ސައްހަކަން ކަށަވަރުކުރުމަށް ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަތުމަށްފަހު އެމައްސަލައިގެ އަޑު އެހުމުގައި ސާލިމް ވަނީ އޭނާއަށް ހަމަޖައްސާފައި ހުރި ތަރުޖަމާނު ބަދަލުކޮށް ދިނުމަށާއި ބަންގްލަދޭޝް ތަރުޖަމާނެއް ހޯދައިދިނުމަށް އެދިފަ އެވެ.

އޭނާ ބުނީ ކުރިން މި މައްސަލައިގައި އޭނާ އިއުތިރާފްވީ ތަރުޖަމާނު ހަލީލް ބުނެގެން ކަމަށެވެ.

"އިއުތިރާފް ވެއްޖިއްޔާ ތިމަންނާ ޑީޕޯޓްކޮށްފައި ރަށަށް ފޮނުވަ ދޭނެޔޭ ބުނެގެން އިއުތިރާފްވީ. ތިމަންނައަކީ އެކަހަލަ ކަމެއް ކުރި މީހެއް ނޫނޯ. އެހެންވެގެންނޯ ތިމަންނާ ހަލީލް ބޭނުން ނެތީ،" ސާލިމްގެ ވާހަކަތައް ތަރުޖަމާކޮށްދެމުން ހައިކޯޓުގައި ތަރުޖަމާން ހަލީލު ބުންޏެވެ.

މީގެ އިތުރުން ސާލިމް ބުނީ އޭނާ މި މައްސަލައިގައި އިތުރަށް ކުރިއަށް ދާން ބޭނުންވަނީ ވަކީލަކާ އެކު ކަމަށާއި ދައުލަތުގެ ފަރާތުން ވަކީލެއް ހަމަޖައްސައިދިނުމަށް އެދޭ ކަމަށެވެ. ދަށު ކޯޓުގައި ސާލިމްގެ ފަރާތުން ވަކާލާތު ކުރި ދައުލަތުގެ ވަކީލު އަލީ ނަޖީބް ނޫން މީހެއް ހަމަޖައްސައިދިނުމަށްވެސް އެދިފައިވެ އެވެ.

މަހުމޫދު މަރާލި ކަމަށް ސާލިމް ވަނީ ޝަރީއަތުގައި އިއުތިރާފްވެފަ އެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވުމުން ވާރިސުންގެ ބަސް ނެގުމަށް ބޭއްވި އަޑުއެހުމުގައި މަހުމޫދުގެ ވާރިސުންގެ ގޮތުގައި ތިބި ހަތް މީހުން ވަނީ މަރުގެ ދިޔަ ބޭނުން ނުވާ ކަމަށާއި، މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ބުނެފަ އެވެ.

އުމުރުން 57 އަހަރުގެ މަހުމޫދު މަރާލީ މަހުމޫދު ކައިރިން ސާލިމް ފައިސާ އަށް އެދުމުން އެކަމަށް އިންކާރުކުރުމާ ގުޅިގެން ހިނގި ކުރިމަތިލުމަކަށްފަހު އެވެ. މަހުމޫދުގެ ކަރަށާއި، ބޮލަށް އަދި މެޔަށް ވަޅިޔަކުން އަދި ކޮޅުތޫނު ދަގަނޑުބުރިއަކާއި އިތުރު ދެ ދަގަނޑުބުރިން ވަނީ ހަމަލާ ދީފަ އެވެ.

މަހުމޫދު މަރާލި ރޭ އޭނާއަށް ގުޅައިގެން ސާލިމް ދިރިއުޅޭ ނެދުންގެއަށް ގެންގޮސް ފަސްގަޑިއިރު އެގޭގައި ގެންގުޅެފައި ވެއެވެ. އަދި އެވަގުތުގެ ތެރޭގައި ތިން ފަހަރެއްގެ މަތިން މަހުމޫދަށް ހަމަލާދީފައި ވެއެވެ.

މަހުމޫދު މަރާލާފައި އޮއްވާ އޮކްޓޯބަރު 13، 2021 ވަނަ ދުވަހު ފެނުނީ އެރަށު ގެއެއްގައި ހުރި ވަޅަކުންނެވެ.

ސާލިމަކީ ދަނގެތީގެ ނެދުންގޭގައި އުމުރުން ދުވަސްވީ މީހަކު ބެލުމަށް އެ ގޭގައި ހުންނަ މީހެކެވެ. އެ ގޭގައި އެ ދެ މީހުން ފިޔަވާ އިތުރު ބަޔަކު ނޫޅެ އެވެ.