ދަނގެތީގައި މީހަކު މަރާލުން

މަހުމޫދުގެ ވާރިސުން ބޭނުންވަނީ މަރަށް މަރު

އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރު މަރާލި މައްސަލާގައި ދައުވާ ލިބޭ ބަންގަލްދޭޝްގެ ޝާ އަލޮމް މިއާ (ސާލިމް) ޝަރީއަތުގައި ކުށަށް އިއުތިރާފްވެއްޖެ އެވެ.

މީގެ ކުރިން ފުލުހުން ކުރި ތަހުގީގުގައި ވެސް ގަސްދުގައި މަހުމޫދު މަރާލިކަމަށް ސާލިމް އެއްބަސްވި އިރު ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ދިޔަ ޝަރީއަތުގައި ވެސް އޭނާ ވަނީ ކުށަށް އިއުތިރާފުވެފަ އެވެ. އަދި އަދަބު ލުއިކޮށްދޭން އެއްބަސްވުމެއް ހަދަން އެދުނެވެ.

އެހެން ނަމަވެސް މަހުމޫދުގެ ވާރިސުން ވަނީ އެއްބަސްވުން ހެދުމާ ދެކޮޅު ހަދައި މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އެހެންވެ އެއްބަސްވުން ނަހަދަން ދައުލަތުން ނިންމި އެެވެ.

ވަކީލަކު އައްޔަނުކުރާނެ ފައިސާ ނެތުމުން ސާލިމްއަށް ދައުލަތުން އޮތީ ވަކީލެއްވެސް ހަމަޖައްސައިދީފަ އެވެ.

ތަރުޖަމާނެއްގެ އެހީގައި އޭނާ މިއަދުގެ ޝަރީއަތުގައި ބުނީ އޭނާ މި އަމަލު ހިންގީ ޝައިތޯނާ ބޮލަށް ވަދެގެން ކަމަށެވެ. އަދި ކުށަށް އިތުތިރާފުވެ މާފަށް ވެސް އެދި ދައްކާނެ އިތުރު ވާހަކައެއް ނެތް ކަމަށް ބުންޏެވެ. އަދި ސާލިމް ކުށަށް އިއުތިރާފްވުމުން އަވަސް ނިއާއެއްގެ ގޮތުގައި މައްސަލަ ކުރިއަށް ގެންދަން ސާލިމްގެ ވަކީލު އެދިވަޑައިގެންނެވި އެވެ.

ވަކީލުގެ އެދިވަޑައިގަންނެވުމާ އެެއްގޮތަށް އަވަސް ނިއާއެއްގެ ގޮތުގައި މި މައްސަލައިގެ ޝަރީއަތެއް އަންނަ ބުދަ ދުވަހު ކުރިއަށްގެންދަން ގާޒީ ނިންމެވި އެވެ.

ދަނގެތީގައި ތޫނު ހަތިޔާރެއް ބޭނުންކޮށްގެން މަހްމޫދު މަރާލުމަށްފަހު އެރަށު ފަޅުގޯއްޗެއްގެ ވަޅަކަށް އެއްލައިލާފައި އޮއްވާ ފެނުނު މައްސަލައިގައި ސާލިމްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހެޅީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ.

އޭނާގެ މައްޗަށް އުފުލާފައިވަނީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާ އެވެ.

މަހުމޫދަ މަރާލީ އޮޅޮވާލައިގެން މަހުމޫދު ސާލިމް ދިރިއުޅޭ ނެދުންގެއަށް ގެންގޮސް ހަމަލާދީގެން ނެވެ. އުމުރުން 57 އަހަރުގެ މަހުމޫދު މަރާލީ ސާލިމް މަހުމޫދު ކައިރިން ފައިސާ އަށް އެދުމުން އެކަމަށް އިންކާރުކުރުމާ ގުޅިގެން ހިނގި ކުރިމަތިލުމަކަށްފަހު އެވެ. މަހްމޫދު މަރާލާފައި އޮއްވާ މިދިޔަ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު ފެނުނީ ދަނގެތީގެ މެދަށްވާ ގޮތަށް ހުންނަ އޭނާގެ މާމަގެ ގެ، މަންޒަރު ގޭގެ ވަޅެއްގެ ތެރޭގައި އޮއްވަ އެވެ

ސާލިމަކީ ދަނގެތީގެ ނެދުންގޭގައި އުމުރުން ދުވަސްވީ މީހަކު ބެލުމަށް އެ ގޭގައި ހުންނަ މީހެކެވެ. އެ ގޭގައި އެ ދެ މީހުން ފިޔަވާ އިތުރު ބަޔަކު ނޫޅެ އެވެ.

މަހްމޫދުގެ ހަށިގަނޑު ފެނުނު ބައެއް މީހުން ބުނި ގޮތުގައި އޭނާގެ ހަށިގަނޑުގެ އެތައް ތަނަކަށް ވަޅި ހަރާފައި ހުއްޓެވެ. ވަޅިން ހަމަލާދީ މަރާލުމަށްފަހު، މަހްމޫދުގެ ހަށިގަނޑު ފެނުނު މަންޒަރުގެއަށް އެ ހަށގަނޑު ސާލިމް ގެންދިޔައީ މަހްމޫދުގެ ބޮލާއި ފަޔަށް ގޯންޏެއް މަހައި ސާލިމްގެ ކޮނޑުގަ އެވެ.