ކްރިމިނަލް ކޯޓް

ސާލިމަށް ކުރި ހުކުމް ކަށަވަރުކުރަން ހައިކޯޓަށް

އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރާލި މައްސަލައިގައި ބަންގަލްދޭޝްގެ ޝާ އަލޮމް މިއާ (ސާލިމް) މަރަން ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ ސައްހަކަން ކަށަވަރު ކުރުމަށް ހައިކޯޓަށް ހުށަހަޅައިފި އެވެ.

މަހުމޫދު މަރާލި ކަމަށް ސާލިމް ވަނީ ޝަރީއަތުގައި އިއުތިރާފްވެފަ އެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވުމުން ވާރިސުންގެ ބަސް ނެގުމަށް ބޭއްވި އަޑުއެހުމުގައި މަހުމޫދުގެ ވާރިސުންގެ ގޮތުގައި ތިބި ހަތް މީހުން ވަނީ މަރުގެ ދިޔަ ބޭނުން ނުވާ ކަމަށާއި، މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ބުނެފަ އެވެ.

ކްރިމިނަލް ކޯޓުން ސާލިމް މަރަން ހުކުމްކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު އެވެ.

މަރުގެ ހުކުމް އަންނަ މީހުންގެ މައްސަލަ އެފަރާތަކުން އިސްތިއުނާފް ނުކޮށްފިނަމަ ދަށު ކޯޓުން ކުރާ ހުކުމުގެ ސައްހަކަން ކަށަވަރު ކުރުމަށް އެ މައްސަލަ ދައުލަތުގެ ފަރާތުން ހައިކޯޓަށް ހުށަހަޅަން ޖެހޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

އެ މައްސަލަ ދައުލަތުގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައި ވަނީ އިއްޔެ އެވެ. ހައިކޯޓުން އަދި މައްސަލަ ބަލައިގަތުމާ މެދު ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.

އުމުރުން 57 އަހަރުގެ މަހުމޫދު މަރާލީ މަހުމޫދު ކައިރިން ސާލިމް ފައިސާ އަށް އެދުމުން އެކަމަށް އިންކާރުކުރުމާ ގުޅިގެން ހިނގި ކުރިމަތިލުމަކަށްފަހު އެވެ.

މަހުމޫދުގެ ކަރަށާއި، ބޮލަށް އަދި މެޔަށް ވަޅިޔަކުން އަދި ކޮޅުތޫނު ދަގަނޑުބުރިއަކާއި އިތުރު ދެ ދަގަނޑުބުރިން ވަނީ ހަމަލާ ދީފަ އެވެ.

މަހުމޫދު މަރާލާފައި އޮއްވާ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު ފެނުނީ އެރަށު ގެއެއްގައި ހުރި ވަޅަކުންނެވެ.