އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރާލި ބަންގަލްދޭޝްގެ ޝާ އަލޮމް މިއާ (ސާލިމް) މަރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ސާލިމް ވަނީ މަހުމޫދު މަރާލި ކަމަށް ފުލުހުންގެ ތަހުގީގުގައި ވެސް އަދި ކޯޓުގައި ވެސް އިއުތިރާފްވެފަ އެވެ. އޭނާ ބުނެފައިވަނީ މަހުމޫދު މަރާލީ ޝައިތޯނާ ބޮލަށް ސަވާރުވުމުން ކަމަށެވެ.
އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާ އެވެ.
ސާލިމް ކުށަށް އިއުތިރާފްވުމުން މައްސަލަ ނިންމީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގަ އެވެ. އެހެންވެ މީގެ ކުރިން ގާޒީ ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވާކަމަށް ނިންމައިފަ އެވެ. އޭގެ ފަހުން ވާރިސުންގެ ބަސް ނެގުމަށް އަޑުއެހުމެއް ބޭއްވި އެވެ. އެ އަޑުއެހުމުގައި މަހުމޫދުގެ ވާރިސުންގެ ގޮތުގައި ތިބި ހަތް މީހުންވެސް ވަނީ މަރުގެ ދިޔަ ބޭނުން ނުވާ ކަމަށާއި، މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އެދުވަހުގެ މަޖިލީހުގައި ސާލިމް ވަނީ ކުރެވުނު ކުށަށް މައާފަށް ވެސް އެދިފަ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ސާލިމްގެ މައްޗަށް ސާބިތުވެފައިވާ ގަސްދުގައި މީހަކު މެރިކަމުގެ ކުށުގައި މަރަށް މަރު ހިފުމަށް ވަނީ ހުކުމްކޮށްފަ އެވެ. އަދި މައްޔިތާގެ ބޭނުން ނަހަމަގޮތުގައި ހިފިކަމުގެ ކުށުގައި އެއް މަހާއި 24 ދުވަހަށް ޖަލަށް ލާން ހުކުމްކުރި އެވެ. އެކަމަކު އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވެފައި ވަނީ ބަންދުގައި އެ މުއްދަތަށް ހުރުމުގެ ސަބަބުން އެ އަދަބު ތަންފީޒުކޮށް ނިމިފައިވާ ކަމަށެވެ.
ހުކުމް އިއްވުމަށްފަހު ގާޒީ ވިދާޅުވެފައި ވަނީ ގަސްދުގައި މީހަކު މެރުމަކީ މާތްﷲ ލަޢުނަތް ލައްވާފައިވާ ކަމެއް ކަމަށެވެ. އެކަމަކު ދުނިޔޭގައި ބާކީ އޮތް ދުވަސްތަކުގައި ކުރެވުނު ކުށަށް ތައުބާވުމަށާއި ތައުބާގެ ދޮރު ބަންދު ނުވާނެ ކަމަށް ގާޒީ، ސާލިމަށް ނަސޭހަތްތެރިވި އެވެ.
ދަނގެތީގައި ތޫނު ހަތިޔާރެއް ބޭނުންކޮށްގެން މަހުމޫދު މަރާލުމަށްފަހު އެރަށު ފަޅުގޯއްޗެއްގައި ހުރި ވަޅަކަށް އެއްލައިލާފައި އޮއްވާ ފެނުނު މައްސަލައިގައި ސާލިމްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހެޅީ މިދިޔަ ޑިސެންބަރު މަހުގެ 14 ވަނަ ދުވަހު އެވެ.
މި މައްސަލައިގައި ސާލިމް ބޭނުންވީ އިއުތިރާފްގެ އެއްބަސްވުމެއް ހެދުމަށެވެ. ސާލިމްގެ ފަރާތުން އިއުތިރާފްގެ އެއްބަސްވުން ހަދަން އެދިފައިވީ ނަމަވެސް، ވާރިސުން ގިސޯސް ހިފަން ބޭނުންވާތީ އެ އެއްބަސްވުން ނުހެދުމަށް ދައުލަތުން ނިންމި އެވެ.
މަހުމޫދު މަރާލީ އޮޅޮވާލައިގެން ސާލިމް ދިރިއުޅޭ ނެދުންގެއަށް މަހުމޫދު ގެންގޮސް ހަމަލާދީގެންނެވެ.
އުމުރުން 57 އަހަރުގެ މަހުމޫދު މަރާލީ މަހުމޫދު ކައިރިން ސާލިމް ފައިސާ އަށް އެދުމުން އެކަމަށް އިންކާރުކުރުމާ ގުޅިގެން ހިނގި ކުރިމަތިލުމަކަށްފަހު އެވެ. މަހުމޫދުގެ ކަރަށާއި، ބޮލަށް އަދި މެޔަށް ވަޅިޔަކުން އަދި ކޮޅުތޫނު ދަގަނޑުބުރިއަކާއި އިތުރު ދެ ދަގަނޑުބުރިން ވަނީ ހަމަލާ ދީފަ އެވެ.
މަހުމޫދު މަރާލާފައި އޮއްވާ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު ފެނުނީ އެރަށު ރަޖިނީ ގޯތިތެރޭގައި ހުރި ވަޅަކުންނެވެ.
ސާލިމަކީ ދަނގެތީގެ ނެދުންގޭގައި އުމުރުން ދުވަސްވީ މީހަކު ބެލުމަށް އެ ގޭގައި ހުންނަ މީހެކެވެ. އެ ގޭގައި އެ ދެ މީހުން ފިޔަވާ އިތުރު ބަޔަކު ނޫޅެ އެވެ. މަރާލުމަށްފަހު މަހުމޫދުގެ ހަށިގަނޑު ފެނުނު ގެއަށް އޭނާގެ ހަށިގަނޑު ސާލިމް ގެންދިޔައީ މަހްމޫދުގެ ބޮލާއި ފަޔަށް ގޯންޏެއް މަހައި ސާލިމްގެ ކޮނޑުގަ އެވެ.