ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ޖައިލަމްގެ މަރު: މީހުން ދޫވުމުން ހައިކޯޓަށް

ހ. ހަންޑްރެޑް ފްލާވާސް، ޖައިލަމް އަހްމަދު ޝާކިރު މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.

ޖައިލަމްގެ މަރާ ގުޅިގެން ދައުލަތުން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އުފުލާފައިވަނީ ސ. ފޭދޫ، ވީނަސްވިލާ، ނަސީބު ސައީދާއި، ވ. ސިނަމާލެ، އިސްމާއިލް އަނީގު އަދި ޏ. ފުވައްމުލައް ޖަމްނާ، އަލީ އިރުފާން އާއި ގއ. ވިލިނގިލީ ފިޔަޖަހާގޭ، މުހައްމަދު ހުމައިދުގެ މައްޗަށެވެ.

ޖައިލަމް މަރާލިތާ ހަތް އަހަރު ފަހުން ކުރި ހުކުމުގައި އެ މީހުންގެ މައްޗަށް މައްސަލަ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ މިދިޔަ މާޗް މަހުގެ 10 ވަނަ ދުވަހު އެވެ. އެ މައްސަލަ އިއްޔެ ދައުލަތުގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލި މުހައްމަދު ހުމައިދުގެ ބައި އިސްތިއުނާފްކޮށްފައެއް ނުވެ އެވެ. އޭނާގެ ބައި އިސްތިއުނާފް ކޮށްފައި ނުވަނީ އެކަށީގެންވާ މިންވަރަށް ހެކިބަސް ލިބިފައި ނުވާތީ އެވެ.

މި މައްސަލައިގެ ހުކުމް މިއަދު އިއްވާފައިވާއިރު، ހަތަރު މީހުން ދައުވާއިން ސަލާމަތްވީ ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނުނެގުމާއި، ގިނަ ކިތާބީ ހެކި ހޯދާފައިވާ ގޮތާއި އަދި ތަހުގީގުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުންނެވެ.

މި މައްސަލަ ސާބިތުކުރުމަށް ދައުލަތުން އަށް ޝަފަހީ ހެކިން ހުށަހެޅި އެވެ. އެކަމަކު އޭގެ ތެރެއިން ހެކިބަސް ދިނީ ތިން މީހުންނެވެ. އެހެންކަމުން އެމީހުން ފުލުހުންގެ ތަހުގީގަށް ދީފައިވާ ބަޔާނަށް މައްސަލަ ނިންމާއިރު ރިއާޔަތްކުރުމަށް ދައުލަތުން އެދުނެވެ. އެކަމަކު އެމީހުންގެ ހެކިބަސް ނުނެގޭތީ، ބަޔާންތަކަށް ރިއާޔަތް ނުކުރުމަށް ޝަރީއަތުން ނިންމި އެވެ.

ޖައިލަމް މަރާލާފައިވަނީ 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. ދައުލަތުން ބުނެފައިވަނީ ޖައިލަމަށް ހަމަލާ ދީފައި ވަނީ ހުމައިދު އަދި އަނީގު ކަމަށެވެ. ނަސީމާއި އިރުފާނަކީ އެމީހުން ޖައިލަމް ކައިރިއަށް ގެންގޮސް އަދި ހަމަލާއަށްފަހު އެ ދެ މީހުން ފިލުވި ދެ މީހުން ކަމަށެވެ. ޖައިލަމްގެ ހަށިގަނޑުގެ 12 ތަނަކަށް ވަޅިން ހަމަލާދީފައިވެ އެވެ.