ރަހުމްކުޑަ ގޮތަކަށް މަރާލާފައިވާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުވާ ސާބިތުނުވާ ހަތަރު މީހުންގެ ތެރެއިން ދެ މީހެއްގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
ޔާމީންގެ މަރު މައްސަލައިގެ ހުކުމްކޮށްފައި ވަނީ މިދިޔަ ޖެނުވަރީ މަހުގެ 19 ވަނަ ދުވަހު އެވެ. ޔާމީން މަރައިލި ކަމުގެ ކުށް ސާބިތުވެފައި ވަނީ އެ މައްސަލައިގައި ދައުވާ އުފުލި ހަ މީހުންގެ ތެރެއިން މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.
މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލައިފައިވާ އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ. ހަ މީހުންގެ މައްޗަށް ވެސް ދައުލަތުން އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.
ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މިއަދު ވިދާޅުވީ ސަލާމަތްވި ހަތަރު މީހުންގެ ތެރެއިން އިސްމާއިލް ރަޝީދާއި މުހައްމަދު ދިފްރާންގެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. ހަސަން ޝިފާޒާއި ހުސެއިން ޒިހާންގެ މައްސަލަ އިސްތިއުނާފް ކުރެވޭވަރަށް ހެކި ނެތުމުން އެ މީހުންގެ ބައި އިސްތިއުނާފް ނުކުރާ ކަމަށް ވެސް ވިދާޅުވި އެވެ.
މައްސަލަ ސާބިތުވި ދެ މީހުންނަށް އިއްވާފައި ވަނީ 25 އަހަރުގެ ޖަލު ހުކުމެކެވެ. އަދި 1.3 މިލިއަން ރުފިޔާގެ މަރުގެ ދިޔަ އެއް އަހަރުގެ ތެރޭގައި ދެއްކުމަށް ވަނީ ހުކުމްކޮށްފަ އެވެ.
ޔާމީން މަރާލައިފައި ވަނީ އޭނާ ދިރިއުޅެމުން ދިޔަ ގޭގެ ސިޑިގޮޅީގައި 2017 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ. އޭނާ މަރާލައިފައި ވަނީ ދުރާލާ ރާވައިގެންނެވެ. އޭނާ މަރައިލުމުގައި މި މައްސަލައިގެ ދައުވާ އުފުލި އެކި މީހުން އެކި ދައުރު އަދާކޮށްފައިވާކަން ހެކިންގެ ހެކިބަހުން އެނގެ އެވެ. އެކަމަކު އެމީހުން ސަލާމަތްވީ ދައުލަތުން އެމީހުންގެ މައްޗަށް އުފުލާފައިވާ ގަސްދު މަރުގެ ދައުވާގެ ސަބަބުންނެވެ. އެކަންކަން މި މައްސަލައިގެ ހުކުމުގައި ގާޒީ އާދަމް މުހައްމަދު ވަނީ ފާހަގަކުރައްވާފަ އެވެ.