ސިއްހަތު

ލޭބަލެއް ނޭނގޭ ފެންވަރު ދަށް މުދަލުގެ ބިރު

ތަށި ދޮންނަން ދިވެހިން އާއްމުކޮށް ބޭނުން ކުރާ މަޝްހޫރު އުފެއްދުމެކެވެ. ކުރިން އޭގެން ވަރަށް މީރު ވަސް ދުވަ އެވެ. ކުޑަ އެތިކޮޅަކުން ފޮނު ވެސް އަރަ އެވެ. އެކަމަކު މިހާރު ބާޒާރުން ފެންނަ މި އުފެއްދުމުން ދުވަނީ ޒަވި ހިތި ވަހެވެ. ފޮނު އަރަނީ ވެސް ވަރަށް ގިނައިން އެޅީމަ އެވެ. އެކަމަކު ފުޅީގެ ބޭރުން މާކަބޮޑު ތަފާތެއް ނުފެނެ އެވެ. އެހެންވެ އުފެއްދުމެކެވެ؛ އާއްމުކޮށް ދިވެހިން ބޭނުން ކުރާ ބިސްކޯދެކެވެ. ކުރިން އެ ބިސްކޯދުން ދޭ ރަހައާއި މިހާރު ލިބޭ މި ބިސްކޯދުން ދޭ ރަހަ ހާސްބައި ތަފާތު ވެއްޖެ އެވެ. އެކަމަކު ޕެކެޓުގެ ބޭރުން ތަފާތެއް ނުފެނެ އެވެ. މިއީ ހަމައެއް އުފެއްދުމެކެވެ. ލޯޝަން ފުޅިއެއް ގަންނަން ގޮސް ބެލިއިރު ވިއްކަން ހުރީ ލޯޝަނެއް ކަމެއް ނޫނީ ޝޭމްޕޫއެއް ކަމެއް ނޭނގެ އެވެ. ދިވެހިންނަށް އެނގޭ- އިނގިރޭސި ބަހުން- އޭގައި ލޭބަލެއް ޖަހާފައެއް ނެތެވެ. މި ފަދަ އެތަށް "ވާނުވާ ނޭނގޭ" ޕްރޮޑަކްޓްތަކެއް ރާއްޖޭގެ ބާޒާރަށް މިވަނީ ގިނަވެފަ އެވެ. ގޮތް ނޭނގޭ ލޭބަލް ނޭނގޭ އުފެއްދުންތަކުން ބާޒާރު "ފްލަޑް" ވެއްޖެ އެވެ. މިއާއެކު އާއްމު ސިއްހަތު މިވަނީ ބޮޑު ނުރައްކަލެއްގެ ތެރެ އަށް ވެއްޓެން ފަށައިފި އެވެ.

"ކިރިޔާ އެއްޗެއް ހިނގަން [ވިކެން] ފަށާއިރަށް އެ ބޭރަށް ފޮނުވައިގެން ހައްދާ މީހުން އެބަތިބި. މިގޮތަށް ގެންނަ އެއްޗިހީގަ މި ހުންނަނީ ހަމައެކަނި އޮރިޖިނަލް އެތީގަ ހުންނަ ކަހަލަ ކުލައަކާއި ކައިރިކުރާ ވަހެއް. މިއީ މިހާރު ކުރިމަތިވެފައިވާ ވަރަށް ބޮޑު ނުރައްކާާތެރި މައްސަލައެއް،" ރާއްޖެ އަށް ގިނަ އަދަދަކަށް މުދާ އިމްޕޯޓް ކުރާ ކުންފުންޏެއްގެ ވެރިއަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ.

އަަސްލު އޮރިޖިނަލް އުފެއްދުމުގެ ނަކަލު ކޮށްގެން ތައްޔާރު ކުރާ "ފޭކް ޕްރޮޑަކްޓް" އެތެރެ ކުރުން މިވަނީ އާއްމުވެފަ އެވެ. މީގެ އަހަރު ތަކެއް ކުރީގައި ދިވެހިންގެ ސުފުރާތަކާއި ހަންގަނޑުގައި ހާކާ އެއްޗިއްސަކީ އަސްލަށް ވިޔަސް މި އެއްޗިހި ބަދަލު ވަމުން މި ދަނީ "ފޭކް ޕްރޮޑަކްޓް" ނުވަތަ "ކައުންޓަ ފީޑް" ނޫނީ "ގްރޭ" މާކެޓަކުން ގެންނަ ކޮންމެވެސް އެއްޗަކަށެވެ. މިދިޔަ އަހަރުގެ ނިޔަލަށް ކައުންޓަފީޓް މާކެޓުގެ ޖުމްލަ އަގު ދުނިޔޭގައި 120.27 ބިލިއަން ޑޮލަރަށްވުރެ މަތީގައި ހުރިއިރު މިހާރު މީގެ ކުޑަ ޕަސެންޓެއް މިދަނީ ރާއްޖެ އެތެރެ ކުރަން ފަށާފަ އެވެ.- މިއީ ކިހާ ބޮޑު މައްސަލައެއް ހެއްޔެވެ؟ މީގެން ނުކުމެދާނެ ސިއްހީ މައްސަލަތައް ކޮޅާކޮޅު ނުފެނޭހާ ބިރުވެރި އެވެ.

ވެރިރަށް މާލޭގެ ފިހާރަތަކުގެ މުދާ ހަރުތަކަށް ބަލާއިރު ލޭބަލް ނެތް އުފެއްދުންތައްވެސް ގިނަ ވެއްޖެ އެވެ. އޭގައި ބޭނުންކޮށްފަ ހުންނަނީ ކޮން އެއްޗެއް ކަމެއް އެ ބޭނުން ކުރަން ޖެހެނީ ކިހިނެއް ކަމެއް ނޭނގެ އެވެ. އެކަމަކު ފިހާރައަށް ވަންނަ މީހާ ގަނެލަނީ އެވެ. އާއްމުކޮށް އެނގޭ ބަހަކުން ލޭބަލް ކޮށްގެން ނޫން ގޮތަކަށް ވިއްކުމަކީ މަނާ ކަމެއް ނަމަވެސް އެކަމެއް ނުބަލަ އެވެ. އެކަމަށް ހަދާފައިވާ ގަވައިދު ތަންފީޒެއް ނުކުރެ އެވެ.

"ޑުޕްލިކޭޓް ކޮސްމެޓިކްސް ވަރަށް ގިނަ. ރާއްޖޭގަ އުފައްދާ އެއްޗިހި ލޭބަލް ކުރަން މަޖުބޫރު ކުރޭ. އެކަމަކު ބޭރުން ގެނެސް އެބަ ވިއްކާ އެނގޭ ބަހަކުން ލޭބަލް ނެތް ކިތަންމެ އެއްޗެއް. މިއީ ވަރަށް ބޮޑު ނުރައްކަލެއް. ކާބޯތަކެއްޗާއި ޖޫސް ވެސް އެބަހުރި މިފަދަ އެއްޗިހި. ޕެކެޓުން އެއީ ޖޫހެއް ނޫނީ ލޯޝަނެއް ކަމަށް ބަލައި ގަންނަނީ. އޭގައި ބޭނުންކޮށްފަ ހުރީ ކޮން އެއްޗެއް ކަމެއް ނޭނގެ،" ވިޔަފާރިވެރިއަކު ނަން ނުޖެހުމަށް އެދި ބުންޏެވެ.

ޑުޕްލިކޭޓް ކޮސްމެޓިކްސް ވަރަށް ގިނަ. ރާއްޖޭގަ އުފައްދާ އެއްޗިހި ލޭބަލް ކުރަން މަޖުބޫރު ކުރޭ. އެކަމަކު ބޭރުން ގެނެސް އެބަ ވިއްކާ އެނގޭ ބަހަކުން ލޭބަލް ނެތް ކިތަންމެ އެއްޗެއް
ވިޔަފާރިވެރިއެއް

އެހެން ވިޔަފާރިވެރިއަކު ބުނި ގޮތުގައި ބާޒާރުގައި "ފޭކް" މުދާ ބޮޑު ތަނުން އިތުރުވެފައިވާ ކަމަށެވެ.

"މާމާ ލެމަންއަކީ އިންޑޮނޭޝިއާ އެއްޗެއް. މިހާރު މި އެބަގެނޭ ޗައިނާ އިން ވެސް. ހަމަ ފުޅި ދައްކާލީމަ އެބަ އެ ތައްޔާރު ކޮށްލަދޭ. މިއީ ބޮޑު އޮޅުވާލުމެއް،" ނަން ނުޖެހުމަށް އެދި ބުންޏެވެ.

ބިސް- އެންމެ ފެންވަރު ދަށް އެކަތި!

ރާއްޖޭގެ ކުޑަ މާކެޓުގައި އޮތް ވިޔަފާރީގެ ބޮޑު ވާދަވެރިކަމާއި މުދަލުގެ ފެންވަރު ބެލޭނެ މެކޭނިޒަމެއް ނެތުމުގެ ސަބަބުން އާއްމުކޮށް ކޮންމެ ދުވަހަކު ބޭނުން ކުރާ އެއްޗިހި މިވަނީ ފެންވަރު ދަށް އެއްޗިއްސަށް ބަދަލުވެފަ އެވެ. މީގެ އެއް އުފެއްދުމަކީ ރާއްޖެ އަށް އެތެރެކުރާ ކުކުޅު ބިހާއި ފިޔާ އަދި އަލުއްވެ އެވެ.

ރާއްޖޭގެ ފިހާރަތަކުގައި ވިއްކާ ކުކުޅު ބިހުގެ ބޭރުގައި ނަޖިސް ގިނަ އަދަދަކަށް ހުރެ އެވެ. އެހެންވެ ބިސް ރާއްޖެ އެތެރެކޮށް އެ ފިހާރަތަކުގެ ދޮރުމަތީ ބަހައްޓައިގެން ސާފު ކުރާތަން ފެނެ އެވެ. އަނެއްބައި ފަހަރު ސާފު ނުކުރާ ކުކުޅު ބިސް "ހެޔޮ އަގުގައި" ވިއްކަމުން ވެސް އެބަދެ އެވެ. އެކަމަކު "ބޭރުތޮށި ނުސާފުކޮށް އަދި ނަޖިސް ހަރުލާފައި ހުންނަ ބިސް ރާއްޖެ އަށް އެތެރެކޮށް ވިއްކުމަކީ" މަނާ ކަމެކެވެ. ރާއްޖެ އަށް ބިސް އެތެރެކޮށް ވިއްކުމާ ބެހޭ ގޮތުން، ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ގަވާއިދެއް ހަދާފައިވެ އެވެ.

ކުކުޅު ބިހަށް އެކަނި ބަލާލި ނަމަވެސް މުދަލުގެ ފެންވަރު ދަށްވެ، މައްސަލަ ގޯސްވެގެން ގޮސްފައިވާ މިންވަރު އެނގެ އެވެ. ގިނަ ފަހަރު ފިހާރަ އަކުން ގަނެގެންދާ ބިހުގެ ބޮޑުބައި ހުންނަނީ ކުނި ފީ ވެފަ އެވެ. ބިސް ކޮތަޅަށް އަޅާފަ ވަސް ބަލަލާލުމުން ކޮތަޅުން ދުވަނީ ކުކުޅު ނަޖިސް ވަހެވެ.

މި ނޫން ވެސް އެތަށް އުފެއްދުމެއް ރާއްޖޭގެ ބާޒާރުގައި މިހާރު އެބަ ވިއްކަ އެވެ. މިފަދަ އެހެން އެއްޗަކަށް ބަލާނަމަ ސަން ފްލާވާ ތެޔޮ ނެގިދާނެ އެވެ. ފުޅީގެ ތެރޭގައި ހުންނަނީ ކޮންމެ ފެންވަރެއްގެ ތެލެއްކަން ޔަގީން ނުވިނަމަވެސް ބޭރުގައި ޖަހާފަ އިންނަނީ ސަން ފްލާވާ ތެލުގެ ލޭބަލެކެވެ. އެކަމަކު ހަގީގަތަކީ މިހާރު ބާޒާރުގައި އަގުހެޔޮކޮށް ވިއްކާ ސަން ފްލާވާ ތެލުގެ ތެރޭގައި ވަރަށް ފެންވަރު ދަށް ތެޔޮވެސް ހިމެނެ އެވެ. މިކަން ބަލާނީ ކާކު ހެއްޔެވެ؟

މި އުފެއްދުންތަކުގެ އިތުރުން "ރީސައިކަލް" މެޓީރިއަލް ވިއްކުމުގެ ވިޔަފާރީގައި ވެސް މިފަދަ ނުރައްކާތެރި "ފުޑް ޕެކިން މެޓީރިއަލް" ވިއްކުމުގެ ފުރުސަތު މި އޮތީ ފަހިވެފަ އެވެ. ދުނިޔޭގެ ކޮންމެ ތަނަކުންވެސް އެއްޗިހި ގެނެސް ވިއްކަން ވީ އެވެ. ޖޫސް ބޯން ބޭނުން ކުރާ ސްޓޯ- ހޮޅި- އާއި ޕްލާސްޓިކް ތަށި، ސަމުސާ ފަދަ އެއްޗިހި އުފައްދަން ބޭނުން ކުރާ މެޓީރިއަލްއަކީ ވެސް އިންސާނުންގެ ހަށިގަނޑަށް ނުރައްކާ ވެދާނެ މާއްދާތަކުން ތަކެތި އުފެއްދުމުގެ ފުރުސަތު ހުރި އެއްޗިއްސެވެ. މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައި ފެނިފައި ހުރި މައްސަލަތަކެވެ. އެހެންވެ ރާއްޖެ ގެންނަ އެއްޗިހިން މި މައްސަލަ ނުފެނިދާނެ ކަމަށް ގަބޫލު ކުރަން ދައްޗެވެ.

ބޮޑެތި ބަލިތައް "ޕެންޑެމިކް" ލެވަލްގައި

ރާއްޖޭގައި ވިއްކާ އުފެއްދުންތަކުގެ ފެންވަރު ބެލޭނެ ގޮތެއް ނެތްއިރު، ސަރުކާރުގެ ކަމާބެހޭ ދާއިރާތައް މިކަމުގައި އޮތީ "ޕެރަލައިޒް" ވެފަ އެވެ. އަބަދު ވެސް ދައްކަނީ ކޮންމެ ވެސް ގާނޫނެއް ނޫނީ ގަވާއިދެއްގެ ނެތުމުގެ ބަހަނާ އެވެ. އެކަމުގައި ތިއްބައި ދިވެހިންގެ ޖީލުތައް މިވަނީ ސިއްހީ ބޮޑު ނުރައްކަލެއްގެ ތުއްފަތް މައްޗަށް ގެންގޮސްފަ އެވެ. ކެންސަރު ފަދަ ބޮޑެތި ބަލިތައް ރާއްޖޭގައި ޕެންޑެމިކް އެއް ޑިކްލެއާ ކުރާ ދަރަޖަ އަށް މިވަނީ އިތުރު ވެފަ އެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ 2020 ވަނަ އަހަރަށް އެކަނި ބަލާނަމަ 100 އަށް ވުރެ ގިނަ މީހުން ކެންސަރު ބަލީގައި މަރުވި އެވެ. ކޮވިޑުގެ މަރު 200 އިން މަތީގައި އުޅޭއިރު ކެންސަރު ބަލީގެ މަރުތައް 125 ގައި ހުރުމަކީ ނުރައްކަލުގެ އިންޒާރެވެ.

މި ނުރައްލުން ދިވެހިން ރައްކާތެރިކޮށްދެވޭނީ ކާބޯތަކެތީގެ ޔަގީންކަން ކަށަވަރު ކޮށްދެވިގެންނެވެ. މިކަން ކުރަން މަޖިލީހުގައި މިހާރު އޮތް ކާބޯކަތީގެ ބިލް ގާނޫނަށް ހަދައި އެ ތަންފީޒު ކުރަން ޖެހެ އެވެ. މި ގާނޫނުގައިވާ ގޮތުން ރާއްޖެ އެތެރެ ކުރާ އެއްޗިހި ގަވައިދުން ބަލައި ޗެކް ކުރަން "ގައުމީ ހެލްތް ލެބޯޓްރީއެއް ގާއިމް" ކުރަން ޖެހެ އެވެ. ކާބޯތަކެތީގެ މި ބިލުގައިވާ ގޮތުން ފާހަގަ ކުރެވޭ ތަންތަން ގަވައިދުން ބެލުމަށްޓަކައި ޓްރޭސަބިލިޓީ ނިޒާމެއް ގާއިމް ކުރެވޭނެ އެވެ.

ބާޒާރަށް ބަލާއިރު އުފެއްދުންތަކުގެ އޮރިޖިނަލް މި ވަނީ އޮޅިފަ އެވެ. ހަގީގީ އޮރިޖިނަލް މުދާ ހުރީ ކޮން ތަނެއްގައިކަން މިހާރު ދެނެގަން ދަތިވެއްޖެ އެވެ. މިއީ ގައުމަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ނުރައްކަލެވެ. މިހާރު ކެވެނީ ފޭކްއެއްކަމެއް އޮރިޖިނަލްއެއް ކަމެއް ނޭނގެ އެވެ. މުދަލުގައި ލޭބަލެއް ނުހުރެ އެވެ.