ދަނގެތި

މަހްމޫދުގެ މަރު: ފުލުހުންގެ ހާއްސަ ޓީމެއް ދަނގެއްޗަށް

ދަނގެތީގައި މީހަކު މަރާލާފައި އޮއްވާ ފެނުނު މައްސަލަައިގެ ތަހުގީގަށް ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށަށް ދަތުރުކުރަމުންދާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.

މަރާލާފައި އޮއްވާ ފެނިފައިވަނީ އެ ރަށުގެ ވިޔަފާރިވެރިޔެއް ކަމުގައިވާ އެ ރަށު މޮނަލާޒް، މަހްމޫދު އަބޫބަކުރު އެވެ. މަހުމޫދު މަރާލުމަށް ފަހު ގޯންޏަކަށްލުމަށް ފަހު އެއްލާލާފައިވަނީ ވަޅެއްގެ ތެރެއަށެވެ.

ފުލުހުން ދެންމެ ބުނީ މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ހާއްސަ ޓީމެއް އެ ރަށަށް ދަތުރު ކުރަމުންދާ ކަމަަށެވެ. މުޅި ރާއްޖެ ސިހުން ކޮށްލި އެ ހާދިސާގެ ތަހުގީގަށް ފަހު މުޖުރިމުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަަށްވެސް ފުލުހުން ބުންޏެވެ.

މަހުމޫދުގެ މަރާ ގުޅިގެން އެ ތުހުމަތު ކުރެވޭ ބަޔަކު އެ ރަށު މީހުން މިހާރު ފުލުހުންނާވެސް ހަވާލުކޮށްފައެވެ.

ނަމަވެސް އެކަމާއި ގުޅޭގޮތުން ފުލުހުން އަދި ވަކި އެއްޗެއް ނުބުނެއެވެ. ދަނގެތީ ކައުންސިލް މެންބަރަކު ވިދާޅުވި ގޮތުގަައި އެ މައްސަލައާ ގުޅިގެން ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.