ދަނގެތީގައި މީހަކު މަރާލުން

މަހުމޫދުގެ މަރު: އަންނަ ހަފްތާ ދައުވާކުރަން ފޮނުވަނީ

އދ. ދަނގެތީ މޮނަލާޒް، މަހްމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގެ ތަހުގީގު ނިންމައިލުމަށްފަހު އަންނަ ހަފްތާގައި ދައުވާ ކުރަން ފޮނުވާނެ ކަމަށް ފުލުހުން ބުނެފި އެވެ.

މަހުމޫދު މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައ ވަނީ އެރަށުގައި އުމުރުން ދުވަސްވީ މީހަކު ބަލަން އުޅޭ ބަންގްލަދޭޝްގެ ޝާ އަލޮމް މިއާ (ސާލިމް) އެވެ.

މަހުމޫދުގެ މަރާ ގުޅޭ ތަފްސީލުތައް ހާމާކުރުމަށް މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޖާ ކްރައިމްސް އިންވެސްޓިގޭޝަންގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ ފުލުހުންގެ ތަހުގީގުއާއި ބަންދު މަޖިލީހަށް ކޯޓަށް ގެންދިއުމުން ވެސް މަހުމޫދު މަރާލި ކަމަށް ސާލިމް އެއްބަސްވެފައިވާ ކަމަށެވެ.

ކުށަށް ސާލިމް އެއްބަސްވެފައި ވަނީ އޭނާ ދިރިއުޅެމުން ދިޔަ ނެދުންގެ ތެރޭގައި ވަޅުލާފައި ހުރި މަހުމޫދުގެ އެކި އެއްޗެތި ފުލުހުންނަށް ފެނުނު ހިސާބުން ކަމަށް ވެސް ޝިފާއު ވިދާޅުވި އެވެ.

ހާދިސާ އާއި ގުޅޭ ތަފްސީލް ދެއްވަމުން ޝިފާއު ވިދާޅުވީ މަހުމޫދަށް ހަމަލާ ދޭން ބޭނުންކޮށްފައިވަނީ ތޫނު އެއްޗެއް ކަމަށެވެ. މަހުމޫދުގެ ބޮލުގެ ތިން ތަނަކަށް ހަމަލާ ދީފައިވާއިރު ހަށިގަނޑުގެ 30 އަށް ވުރެ ގިނަ ތަނަށް އެކިވަރުގެ އަނިޔާ ދީފައިވާ ކަމަށެވެ.

ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓްގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ސައީދު އެ ހާދިސާ އިތުރަށް ތަފްސީލުކޮށްދެއްވަމުން ވިދާޅުވީ ސާލިމް، މަހުމޫދަށް ގުޅައިގެން ނެދުންގެއަށް ގެންގޮސް ފަސް ގަޑިއިރު އެގޭގައި ގެންގުޅެފައިވާ ކަމަށެވެ. އަދި އެވަގުތުގެ ތެރޭގައި ތިން ފަހަރެއްގެ މަތިން ހަމަލާ ދީފައިވާ ކަމަށެވެ.

ހަސަން ސައީދު ވިދާޅުވީ މަހްމޫދު މަރާލި ކަމަށް ބެލެވޭ ރޭ ދަންވަރު ދޭކާއި ތިނަކާ ދޭތެރޭ މީހަކު އެހެން މީހަކު ކޮނޑަށް ލައިގެން ދާ މަންޒަރު ސީސީޓީވީ ފުޓޭޖްތަކުން ފެންނަ ކަމަށެވެ. ގަބޫލުކުރެވޭ ގޮތުގައި އެއީ މަހުމޫދު މަރާލުމަށްފަހު ސާލިމް، މަހުމޫދުގެ ހަށިގަނޑު ކޮނޑަށް ލައިގެން ދަނީ ކަމަށެވެ. އަދި މިހާތަނަށް ތަހުގީގަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މަހުމޫދު މަރާލާފައިވަނީ ސާލިމް އެކަނި ކަމަށް ގަބޫލުކުރެވޭ ކަމަށްވެސް ވިދާޅުވި އެވެ. އަދި ސާލިމް އެކަން ކޮށްފައި ވަނީ ފައިސާގެ ބޭނުމުގައި ކަމަށާއި މީގެ ކުރިން އެރަށުގައި ހިނގި ވައްކަމެއްގެ ތުހުމަތު ސާލިމަށް އެބައޮތް ކަމަށް ވެސް ވިދާޅުވި އެވެ. އެ މައްސަލަ ފުލުހުން މިހާރު ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.

ސާލިމް ރާއްޖޭގައި ދިރިއުޅެމުން ދިޔައީ ގަވާއިދާ ހިލާފަށް ކަމަށް ވެސް ފުލުހުން މިއަދު ވަނީ ބުނެފަ އެވެ.

"މަހުމޫދު ލާރި ގެންގުޅޭތަން އޭނައަށް ފެނިފަ ހުރީ. އަދި އެރަށުގެ ގިނަ މީހުން ބުނޭ މަހުމޫދަކީ އަތުގައި ވަރަށް ގިނަ ފައިސާ ގެންގުޅޭ މީހެއް ކަމަށް. އެހެންވީމަ ޝާ އަލޮމް މިއާ އަށް ހީވީ ކަންނޭގެ އެވަގުތު ވެސް މަހުމޫދުގެ އަތުގައި ފައިސާ ހުންނާނެ ކަމަށް. 500ރ. ގެ 20 ގަނޑު ފެނުނު،" ސައީދު ވިދާޅުވި އެވެ.

ސައީދު އިތުރަށް ވިދާޅުވީ ސާލިމްގެ މައްޗަށް ހަ ތުހުމަތެއް ކުރާއިރު، އޭނާއާ ދެކޮޅަށް އެކަށީގެންވާ މިންވަރަށް ހެކި ލިބިފައިވާ ކަމަށެވެ. ތަހުގީގު އެއްކޮށް ނިންމާލުމަށްފަހު އަންނަ ހަފްތާގައި ޕީޖީ އޮފީހަށް މައްސަލަ ފޮނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.

މަހްމޫދު މަރާލާފައި އޮއްވާ މިދިޔަ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު ފެނުނީ ދަނގެތީގެ މެދަށްވާ ގޮތަށް ހުންނަ އޭނާގެ މާމަގެ ގެ، މަންޒަރު ގޭގެ ވަޅެއްގެ ތެރޭގައި އޮއްވަ އެވެ.

ސާލިމަކީ ދަނގެތީގެ ނެދުންގޭގައި އުމުރުން ދުވަސްވީ މީހަކު ބެލުމަށް އެ ގޭގައި ހުންނަ މީހެކެވެ. އެ ގޭގައި އެ ދެ މީހުން ފިޔަވާ އިތުރު ބަޔަކު ނޫޅެ އެވެ.

އުމުރުން 57 އަހަރުގެ މަހުމޫދު މަރާލީ ސާލިމް ދިރިއުޅޭ ގެއަށް މަހްމޫދު ގެންދިއުމަށްފަހު ފައިސާ އަށް އެދުމުން އެކަމަށް މަހްމޫދު އިންކާރުކުރުމާ ގުޅިގެން ހިނގި ކުރިމަތިލުމަކަށްފަހު އެވެ. މަހްމޫދުގެ ހަށިގަނޑު ފެނުނު ބައެއް މީހުން ބުނި ގޮތުގައި އޭނާގެ ހަށިގަނޑުގެ އެތައް މިތަނަށް ވަޅި ހަރާފައި ހުއްޓެވެ. ވަޅިން ހަމަލާދީ މަރާލުމަށްފަހު، މަހްމޫދުގެ ހަށިގަނޑު ފެނުނު މަންޒަރުގެއަށް އެ ހަށގަނޑު ސާލިމް ގެންދިޔައީ މަހްމޫދުގެ ބޮލާއި ފަޔަށް ގޯންޏެއް މަހައި ސާލިމްގެ ކޮނޑުގަ އެވެ.