ދަނގެތީގައި މީހަކު މަރާލުން

މަހުމޫދުގެ މަރު: ސާލިމަށް ދައުވާކޮށްފި

އދ. ދަނގެތީ މޮނަލާޒް، މަހްމޫދު އަބޫބަކުރު މަރައިލި ކަމަށް ތުހުމަތުކުރާ އެރަށުގައި ދިރިއުޅެމުން ދިޔަ ޝާ އަލޮމް މިއާ (ސާލިމް) އަށް ދައުވާ ކޮށްފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ތަރުޖަމާނު އަހުމަދު ޝަފީއު މިއަދު ވިދާޅުވީ ދަނގެތީގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހަކު މަރައިލުމަށްފަހު އެރަށު ފަޅުގޯއްޗެއްގެ ވަޅަކަށް ވައްޓާލާފައި އޮއްވާ ފެނުނު މައްސަލައިގައި ބަގްލަދޭޝް ރައްޔިތެއް ކަމަށްވާ ޝާ އަލޮމް މިއާގެ މައްޗަށް ދައުވާ ކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.

އޭނާގެ މައްޗަށް އުފުލާފައިވަނީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާ އެވެ.

މަހުމޫދުގެ މަރާ ގުޅޭ ތަފްސީލުތައް ހާމާކުރުމަށް މިމަހުގެ ދެ ވަނަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޖާ ކްރައިމްސް އިންވެސްޓިގޭޝަންގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވެފައި ވަނީ ފުލުހުންގެ ތަހުގީގުއާއި ބަންދު މަޖިލީހަށް ކޯޓަށް ގެންދިއުމުން ވެސް މަހުމޫދު މަރާލި ކަމަށް ސާލިމް އެއްބަސްވެފައިވާ ކަމަށެވެ.

ކުށަށް ސާލިމް އެއްބަސްވެފައިވަނީ އޭނާ ދިރިއުޅެމުން ދިޔަ ނެދުންގެ ތެރޭގައި ވަޅުލާފައި ހުރި މަހުމޫދުގެ އެކި އެއްޗެތި ފުލުހުންނަށް ފެނުނު ހިސާބުން ކަމަށް ވެސް ޝިފާއު ވަނީ ވިދާޅުވެފަ އެވެ.

މަހުމޫދަށް ގުޅައިގެން ސާލިމް ދިރިއުޅޭ ނެދުންގެއަށް ގެންގޮސް ފަސް ގަޑިއިރު އެގޭގައި ގެންގުޅެފައި ވެއެވެ. އަދި އެވަގުތުގެ ތެރޭގައި ތިން ފަހަރެއްގެ މަތިން މަހުމޫދަށް ހަމަލާދީފައި ވެއެވެ. މަހުމޫދު މަރާލާފައި ވަނީ ފައިސާ ބޭނުންވެގެންނެވެ.

ސާލިމަކީ ދަނގެތީގެ ނެދުންގޭގައި އުމުރުން ދުވަސްވީ މީހަކު ބެލުމަށް އެ ގޭގައި ހުންނަ މީހެކެވެ. އެ ގޭގައި އެ ދެ މީހުން ފިޔަވާ އިތުރު ބަޔަކު ނޫޅެ އެވެ.

އުމުރުން 57 އަހަރުގެ މަހުމޫދު މަރާލީ ސާލިމް ދިރިއުޅޭ ގެއަށް މަހްމޫދު ގެންދިއުމަށްފަހު ފައިސާ އަށް އެދުމުން އެކަމަށް މަހްމޫދު އިންކާރުކުރުމާ ގުޅިގެން ހިނގި ކުރިމަތިލުމަކަށްފަހު އެވެ.

މަހްމޫދުގެ ހަށިގަނޑު ފެނުނު ބައެއް މީހުން ބުނި ގޮތުގައި އޭނާގެ ހަށިގަނޑުގެ އެތައް ތަނަކަށް ވަޅި ހަރާފައި ހުއްޓެވެ. ވަޅިން ހަމަލާދީ މަރާލުމަށްފަހު، މަހްމޫދުގެ ހަށިގަނޑު ފެނުނު މަންޒަރުގެއަށް އެ ހަށގަނޑު ސާލިމް ގެންދިޔައީ މަހްމޫދުގެ ބޮލާއި ފަޔަށް ގޯންޏެއް މަހައި ސާލިމްގެ ކޮނޑުގަ އެވެ.