އދ. ދަނގެތީ މޮނަލާޒް، މަހްމޫދު އަބޫބަކުރު މަރާލި ކަމަށް ތުހުމަތުވި، އެރަށުގައި ދިރިއުޅެމުން ދިޔަ ބަންގްލަދޭޝްގެ ޝާ އަލޮމް މިއާ (ސާލިމް) ގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދެ ދައުވާއަށް އިއުތިރާފުވެފައި ވާތީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން
ކަނޑައަޅައިފި އެވެ.
މަހުމޫދު މަރާލި މައްސަލައިގައި ސާލިމްގެ މައްޗަށް ދައުލަތުން އުފުލައިފައި ވަނީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާ އެވެ. މި ދެ ދައުވާއަށް ވެސް އެއްވެސް މަޖުބޫރު ކަމެއް ނެތި ސާލިމް ވަނީ އިއުތިރާފުވެފަ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބާއްވާފައި ވަނީ މި މައްސަލައިގެ އަވަސް ނިޔާގެ އަޑުއެހުމެކެވެ. މި އަޑުއެހުމުގައި ވެސް ސާލިމް ވަނީ އިއުތިރާފް ދަމަހައްޓާފަ އެވެ. މިއަދު ވެސް އޭނާ ބުނެފައި ވަނީ "އެއީ ޝައިތޯނާ ބޮލަށް ވަދެގެން ކުރެވުނު ކަމެއް" ކަމަށެވެ.
ސާލިމް އިއުތިރާފް ވެފައިވާތީ މަހުމޫދު މަރާލި މީހަކީ ސީދާ ސާލިމްކަން ކަށަވަރު ކުރުމަށް އޭނާ އަށް މިއަދުގެ އަޑުއެހުމުގައި މަހުމޫދުގެ ފޮޓޯ ވެސް ދެއްކި އެވެ. އަދި މަރައިލި ރޭ މަހުމޫދު ލައިގެން ހުރި އެއްޗެހި ކަށަވަރުކުރުމަށް ވެސް ފޮޓޯ ދެއްކި އެވެ.
ސާލިމް ވަނީ މަހުމޫދުގެ ފޮޓޯ ބެލުމަށްފަހު އެކަން ކަށަވަރުކޮށްދީފަ އެވެ. އަދި މަހުމޫދު އެރޭ ލައިގެން ހުރި ހެދުން މާ ބޮޑަށް ހަނދާން ނެތް ކަމަށާއި އެކަމަކު ހީވަނީ އެ އެއްޗެހި ކަމަށް ވެސް ބުނެފަ އެވެ.
އެހެންކަމުން އިސް ގާޒީ އަހުމަދު ޝަކީލް ވަނީ މަހުމޫދު މަރާލި ކަމުގެ ކުށަށް ސާލިމް އިއުތިރާފްވެފައި ވާތީ އެއީ ސައްހަ އިއުތިރާފެއް ކަމަށް ކަނޑައަޅައިފަ އެވެ. އަދި އޭނާގެ މައްޗަށް މީހަކު މެރުމުގެ ކުށާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފިކަމުގެ ކުށް ސާބިތުވާ ކަމަށް ވެސް ކަނޑައެޅި އެވެ.
ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި ވާރިސުން ސާބިތު ކުރުމަށްފަހު ވާރިސުންގެ ބަސް ނެގުން ވެސް ކުރިއަށްގެންދަން ނިންމި އެވެ. އެކަމަކު ބައެއް ވާރިސުން ކަރަންޓީނުގައި ތިބުމުން، އެމީހުންގެ ބަސް ނެގުމަށްފަހު ހުކުމްކުރުން އޮންނާނީ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހުގެ 10:00 ގައި ކަމަށް ގާޒީ ވިދާޅުވި އެވެ. އެކަމަކު މިއަދު ވަނީ ވާރިސުން ސާބިތުކޮށްފަ އެވެ.
ވާރިސުން ބޭނުންވަނީ ގިސޯސް ހިފަން ކަމަށް ކުރިން ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ ބުނެފަ އެވެ. ސާލިމްގެ ފަރާތުން އިއުތިރާފްގެ އެއްބަސްވުން ހަދަން އެދިފައިވީ ނަމަވެސް، ވާރިސުން އެގޮތް ބޭނުންވާތީ އެ އެއްބަސްވުން ނުހެދުމަށް ދައުލަތުން ވަނީ ނިންމައިފަ އެވެ.
ދައުލަތުން ބުނެފައި ވަނީ ސާލިމް، މަހުމޫދު މަރާލީ ވަޅިންނާއި ކޮޅު ތޫނުކޮށްފައިވާ ދެ ދަގަނޑުބުރިން މަހުމޫދުގެ ކަރަށާއި މެޔަށް ހަމަލާދީގެން ކަމަށެވެ. މަރައިލުމަށްފަހު މަހުމޫދުގެ ބޮލަށާއި ފަޔަށް ގޯންޏެއް ލައްވައިގެން ގެންގޮސް ފެންވަޅަކަށް ބޯކޮޅުވަތަށް ވައްޓާލީ ކަމަށެވެ.
ސާލިމަކީ ދަނގެތީގެ ނެދުންގޭގައި އުމުރުން ދުވަސްވީ މީހަކު ބެލުމަށް އެ ގޭގައި ހުންނަ މީހެކެވެ. އެ ގޭގައި އެ ދެ މީހުން ފިޔަވާ އިތުރު ބަޔަކު ނޫޅެ އެވެ.
މަހުމޫދު މަރައިލި ރޭ އޭނާއަށް ގުޅައިގެން ސާލިމް ދިރިއުޅޭ ނެދުންގެއަށް ގެންގޮސް ފަސް ގަޑިއިރު އެގޭގައި ގެންގުޅެފައި ވެއެވެ. އަދި އެވަގުތުގެ ތެރޭގައި ތިން ފަހަރެއްގެ މަތިން މަހުމޫދަށް ހަމަލާދީފައި ވެއެވެ. މަހުމޫދު މަރާލާފައި ވަނީ ފައިސާ ބޭނުންވެގެންނެވެ. މަރައިލީ ފައިސާ ދިނުމަށް މަހުމޫދު އިންކާރު ކުރުމުންނެވެ.