ތެޔޮ ބޯޓުން ގެއްލުނު ބަންގްލަދޭޝްގެ މުހައްމަދު ލިޓަން (35 އ) ގެ މަރުގެ މައްސަލައިގައި ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމު (45 އ)ގެ މައްޗަށް ތިން ދައުވާއެއް އުފުލުމަށް މަސައްކަތް ކުރަމުންދާކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން ޝަމީމް ވިދާޅުވީ ނިޒާމުގެ މައްޗަށް ގަސްތުގައި މީހަކު މެރުމާއި، ވައްކަމާއި، މަސްތުވާތަކެތީގެ މުއާމަލާތު ކުރުމުގެ ކުށުގެ ދައުވާ ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
މިގޮތުން ނިޒާމު ދައްކާފައި ހުރި ވާހަކަތަކުގެ އިތުރުން އެހެން ހެކިތަކުން ވެސް އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ގަބޫލުކުރެވޭކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި ތެޔޮ ބޯޓުގައި ހުރި ފައިސާ ވަގަށް ނެގިކަމަށް ތުހުމަތު ނިޒާމުގެ މައްޗަށް ކުރެވޭ ކަމަށާއި އެކަމަށް ބާރު ލިބިދޭ ހެކިވެސް ލިބިފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.
މީގެ އިތުރުން ނިޒާމު ހައްޔަރުކުރި އިރު، ނިޒާމުގެ އަތުގައި މަސްތުވާތަކެތި ހުރި ކަން ވެސް ޝަމީމް ފާހަގަކުރެއްވި އެވެ.
ތެޔޮ ބޯޓެއްގައި މިދިޔަ ޑިސެމްބަރު 28 ވަނަ ދުވަހުގެ ރޭ ފުރި ދެ މީހަކު ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން އާއްމުކުރީ އެ މަހުގެ 30 ވަނަ ދުވަހުގެ ރޭ އެވެ.
ތެޔޮ ބޯޓުން ގެއްލިގެން ހޯދަމުން ދިޔައީ މުހައްމަދު ނިޒާމުގެ އިތުރުން ބަންގްލަދޭޝްގެ މުހައްމަދު ލިޓަން (35 އ) އެވެ. އެ ދެމީހުން ހޯދުމަށް ފުލުހުން މާލެތެރެ ވެސް ބަލަމުން ދަނިކޮށް ނިޒާމު ފެނުނީ ޖެނުއަރީ ތިންވަނަ ދުވަހުގެ ވަގުތެއްގައި މާލޭގައި ހުރި ގެސްޓްހައުސްއަކުން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ. އޭގެ ކުރިން އާންމުންގެ މީހަކު ވަނީ އޭނާއާއި އެކު ފޮޓޯއެއް ނަގައި ސޯޝަލް މީޑިއާގައި ވެސް އާންމުކޮށްފަ އެވެ.
ލިޓަން އަދިވެސް ފެނިފައިނުވާ އިރު، މީހެއްގެ ހަށިގަނޑެއް ޖެނުއަރީ މަހުގެ ދެވަނަ ދުވަހު ވަނީ ވ. ވެމްޕަރު ފަޅުން ފެނިފައެވެ. ނަމަވެސް އެއީ ލިޓަންގެ ހަށިގަނޑު ނޫންކަން ޑީއެންއޭ އެނަލިސިސްއިން ވަނީ ހާމަވެފަ އެވެ. އެ ހަށިގަނޑު މިހާރު ވަނީ ވަޅުލާފަ އެވެ.
ނިޒާމުގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓުގައި ޖެނުއަރީ ހަތަރުވަނަ ދުވަހު ކުރިއަށް ގެންދިޔަ އަޑުއެހުން ފުލުހުންގެ އެދުމުގެ މަތިން ވަނީ ސިއްރު ކޮށްފަ އެވެ. އަޑު އެހުމަށްފަހު ކްރިމިނަލް ކޯޓުން ވަނީ ނިޒާމުގެ ބަންދަށް ދެ މަސް ދުވަސް ޖަހައިފަ އެވެ.
މި ދެމީހުން ދަތުރުކުރި ތެޔޮ ބޯޓު ފެނުނީ ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުގެ ކައިރިންނެވެ.