އދ. ދަނގެތީ މޮނަލާޒް، މަހްމޫދު އަބޫބަކުރު މަރާލި މައްސަލާގައި ދައުވާ ލިބޭ ޝާ އަލޮމް މިއާ (ސާލިމް) އަށް ދައުލަތުން ކުރާ ދައުވާތަކުގެ ޝަރީއަތް މާދަމާ ފެށުމަށް ނިންމައިފި އެވެ.
ކްރިމިނަލް ކޯޓުގައި ސާލިމްގެ ޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10:30 ގައެވެ.
ދަނގެތީގައި ތޫނު ހަތިޔާރެއް ބޭނުންކޮށްގެން މަހްމޫދު މަރާލުމަށްފަހު އެރަށު ފަޅުގޯއްޗެއްގެ ވަޅަކަށް އެއްލައިލާފައި އޮއްވާ ފެނުނު މައްސަލައިގައި ބަގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސާލިމްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހެޅީ މިމަހުގެ 14 ވަނަ ދުވަހު އެވެ.
އޭނާގެ މައްޗަށް އުފުލާފައިވަނީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާ އެވެ.
މަހުމޫދުގެ މަރާ ގުޅޭ ތަފްސީލުތައް ހާމާކުރުމަށް މިމަހުގެ ދެވަނަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޖާ ކްރައިމްސް އިންވެސްޓިގޭޝަންގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވެފައި ވަނީ ފުލުހުންގެ ތަހުގީގާއި ބަންދު މަޖިލީހަށް ކޯޓަށް ގެންދިއުމުން ވެސް މަހުމޫދު މަރާލި ކަމަށް ސާލިމް އެއްބަސްވެފައިވާ ކަމަށެވެ.
ކުށަށް ސާލިމް އެއްބަސްވެފައިވަނީ އޭނާ ދިރިއުޅެމުން ދިޔަ ނެދުންގެ ތެރޭގައި ވަޅުލާފައި ހުރި މަހުމޫދުގެ އެކި އެއްޗެތި ފުލުހުންނަށް ފެނުނު ހިސާބުން ކަމަށް ޝިފާއު ވިދާޅުވި އެވެ.
މަހުމޫދަށް ގުޅައިގެން ސާލިމް ދިރިއުޅޭ ނެދުންގެއަށް ގެންގޮސް ފަސް ގަޑިއިރު އެގޭގައި ގެންގުޅެފައި ވެއެވެ. އަދި އެވަގުތުގެ ތެރޭގައި ތިން ފަހަރެއްގެ މަތިން މަހުމޫދަށް ހަމަލާދީފައި ވެއެވެ. މަހުމޫދު މަރާލާފައި ވަނީ ފައިސާ ބޭނުންވެގެންނެވެ.
ސާލިމަކީ ދަނގެތީގެ ނެދުންގޭގައި އުމުރުން ދުވަސްވީ މީހަކު ބެލުމަށް އެ ގޭގައި ހުންނަ މީހެކެވެ. އެ ގޭގައި އެ ދެ މީހުން ފިޔަވާ އިތުރު ބަޔަކު ނޫޅެ އެވެ.
އުމުރުން 57 އަހަރުގެ މަހުމޫދު މަރާލީ ސާލިމް ދިރިއުޅޭ ގެއަށް މަހްމޫދު ގެންދިއުމަށްފަހު ފައިސާ އަށް އެދުމުން އެކަމަށް މަހްމޫދު އިންކާރުކުރުމާ ގުޅިގެން ހިނގި ކުރިމަތިލުމަކަށްފަހު އެވެ. މަހްމޫދު މަރާލާފައި އޮއްވާ މިދިޔަ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު ފެނުނީ ދަނގެތީގެ މެދަށްވާ ގޮތަށް ހުންނަ އޭނާގެ މާމަގެ ގެ، މަންޒަރު ގޭގެ ވަޅެއްގެ ތެރޭގައި އޮއްވަ އެވެ.
ސާލިމަކީ ދަނގެތީގެ، ނެދުންގޭގައި އުމުރުން ދުވަސްވީ މީހަކު ބެލުމަށް އެ ގޭގައި ހުރި މީހެކެވެ. އެ ގޭގައި އެ ދެ މީހުން ފިޔަވާ އިތުރު ބަޔަކު ނޫޅެ އެވެ
މަހްމޫދުގެ ހަށިގަނޑު ފެނުނު ބައެއް މީހުން ބުނި ގޮތުގައި އޭނާގެ ހަށިގަނޑުގެ އެތައް ތަނަކަށް ވަޅި ހަރާފައި ހުއްޓެވެ. ވަޅިން ހަމަލާދީ މަރާލުމަށްފަހު، މަހްމޫދުގެ ހަށިގަނޑު ފެނުނު މަންޒަރުގެއަށް އެ ހަށގަނޑު ސާލިމް ގެންދިޔައީ މަހްމޫދުގެ ބޮލާއި ފަޔަށް ގޯންޏެއް މަހައި ސާލިމްގެ ކޮނޑުގަ އެވެ.