ދަނގެތީގައި މީހަކު މަރާލުން

މަހުމޫދުގެ މަރު: ބިދޭސީ މީހާ 15 ދުވަހަށް ބަންދު

އަނިޔާވެރިންގެ ރަހުމުކުޑަ ހަމަލާތަކެއްގެ ޝިކާރައަކަށްވި އދ. ދަނގެތީ މޮނަލާޒް، މަހްމޫދު އަބޫބަކުރުގެ މަރުގެ ތުހުމަތަށް އެ ރަށުން ހައްޔަރު ބިދޭސީ މީހާގެ ބަންދަށް މުއްދަތު ޖަހަައިފި އެވެ.

ބިދޭސީ މީހާ ހައްޔަރުކުރީ މަހުމޫދުގެ މަރާ ގުޅިގެން ތުހުމަތުތަކެއް އޮތުމުން ކަމަަށެވެ. އޭނާ ހައްޔަރު ކުރަން ކޯޓުން އަމުރެއްވެސް ހޯދި އެވެ.

މަހްމޫދު އެއްލާލާފައި އޮއްވާ ފެނުނީ ރަށުގެ މެދަށްވާ ގޮތަށް ހުންނަ އޭނާގެ މާމާގެ، މަންޒަރު ގޭގެ ވަޅެއްގެ ތެރޭގައި އޮއްވަ އެވެ. ފުލުހުން ބަލައި ފާސްކުރަނީ ނެދުންގެ އެވެ.

އެ ގޭގައި ދިރިއުޅެނީ އުމުރުން ދުވަސްވީ މީހަކާއި އޭނާ ބެލުމަށް އެ ގޭގައި އުޅޭ މި ބިދޭސީ މީހާއެވެ. މަހްމޫދު މަރާލީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރޭގަނޑުގެ ވަގުތެއްގައި ކަމަށް ބެލެވޭއިރު ބިދޭސީ މީހާގެ ފަރާތުން ޝައްކުވާ ކަންތައްތަކެއް ފެނިފައިވާ ކަމަށްވެ އެވެ.

ފުލުހުން ބުނީ ބިދޭސީ މީހާގެ ބަންދަށް 15 ދުވަސް ދީފައިވާ ކަމަށެވެ.

މަހްމޫދުގެ މަރާ ގުޅިގެން މީގެކުރިން ތިން ދިވެއްސަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އެއީ ދެ ފިރިހެނަކާއި އަންހެނެކެވެ. އެ ތިން މީހުން މިހާރު ހައްޔަރުކޮށްފައިވާއިރު މިވަގުތު އެ މީހުން ހައްޔަރުކޮށްފައި ތިބީ މަހްމޫދުގެ މަރުގެ ތުހުމަތުގައި ނޫން ކަމަށް ފުލުހުން ބުނެ އެވެ.

ދަނގެތި ރައްޔިތުންގެ ތެރެއިން ގިނަ މީހުން ތުހުމަތުކުރާ ގޮތުގައި މަހްމޫދު މަރާލީ އެންމެ ފުރަތަމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދެ މީހުންނެވެ.