ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ފޯކައިދޫ

ފޯކައިދޫ ކްލަސްޓާ ބޮޑުވެ 100 އިން މައްޗަށް

ށ. ފޯކައިދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 100 އިން މައްޗަށް އަރައިފި އެވެ.

ފޯކައިދޫ ހެލްތު ސެންޓަރުން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު އެރަށުން މިހާތަނަށް 103 މީހުންނަށް ވަނީ ބަލިޖެހިފަ އެވެ. އަދި އިއްޔެ އެކަނިވެސް ހަ މީހުން ޕޮޒިޓިވްވި އެވެ.

ފޯކައިދޫ ހެލްތު ސެންޓަރާ ހަވާލުވެ ހުންނެވި ސީނިއާ އެޑްމިނިސްޓްރޭޓާ އޮފް ހެލްތު ސާވިސް އަހްމަދު އަންވަރު މިއަދު އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކޮވިޑާ ގުޅިގެން އެއްވެސް މީހަކު މިހާރު އެޑްމިޓް ކޮށްފައި ނެތް ކަމަށެވެ. އެކަމަކު ކޮންމެވެސް ވަރަކަށް އޮކްސިޖަން ލެވެލް ދަށްވެގެން 35 އަހަރުގެ ޒުވާނަކު ށ. އަތޮޅު ކޮވިޑް ފެސިލިޓީ އަށް ފޮނުވާފައިވާ ކަމަށެވެ.

ރަށުތެރެއަށް ކޮވިޑް ފެތުރުނު ގޮތެއް މިވަގުތު ދަންނަވަން ނޭނގޭ ކަމަށްވެސް އަންވަރު ވިދާޅުވެ އެވެ. ނަމަވެސް ކުޅުދުއްފުށިން ރަށަށް އައި މީހެއްގެ ފަރާތުން ނުވަތަ "ފޯލްސް ނެގެޓިވް" ނަތީޖާއެއް ކުރިން ދެވިފައި އޮތް މީހެއްގެ ފަރާތުން ބަލި ފެތުރުނީ ކަމަށް ބެލެވޭ ކަމުގައި ވިދާޅުވި އެވެ.

ފޯކައިދޫން ގިނަ ބަޔަކު ޕޮޒިޓިވް ވަމުންދާއިރު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް އެރަށުގެ އާބާދީގެ 67 ޕަސެންޓް އަދި ދެވަނަ ޑޯޒް އާބާދީގެ 43 ޕަސެންޓް މީހުން ފުރިހަމަކޮށްފައިވެ އެވެ.

ފޯކައިދޫގައި 237ގެ ހުންނަ އިރު އެރަށުގެ 155 ގެ މިހާރު އޮތީ ކަރަންޓީނުގަ އެވެ. ކޮވިޑް ކޮންޓްރޯލް ކުރަން އެރަށުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލައިފައިވާ އިރު ހޮޓާ ތައް ބަންދުކޮށް ފިހާރަތަކުން ވެސް މިހާރު ހަމައެކަނީ ކުރެވެނީ ޑެލިވަރީ އެވެ.

ކޮވިޑް ބަލި ރަށުތެރެއަށް ފެތުރިފައިވާ މިންވަރު ދެނެގަތުމަށްޓަކައި މޮނިޓަރިންގެ ހާލަތަށް ގެނެވިފައި ނުވާ ކޮންމެ ގެޔަކުން އެކެއްގެ ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ވެސް ފޯކައިދޫ ހެލްތު ސެންޓަރުގެ ބޭފުޅުން ގެންދަނީ ކުރަމުންނެވެ.

ފޯކައިދޫގައި ކޮވިޑް ހާލަތު ގޯސްވުމާ ގުޅިގެން އެ ރަށް މޮނީޓަރިންގައި އޮންނަތާ ވެސް ހަތް ދުވަސް ވަނީ ވެފަ އެވެ.