އިންޑިއާއަށް ދަތުރުކުރާ މީހުން ކޮވިޑް-19 އަށް ޓެސްޓްކުރަން އެގައުމުން ފަށައިފި އެވެ.
އިންޑިއާގެ ހެލްތު މިނިސްޓްރީން ނެރުނު ގައިޑްލައިންގައި ވަނީ ބައެއް ގައުމުތަކުގައި ކޮވިޑް ފެތުރޭ މިންވަރު އިތުރުވެފައިވާތީ މާދަމާ އިން ފެށިގެން އަޅަމުންދާނެ ފިޔަވަޅުތައް އާންމުކޮށްފަ އެވެ. ގައިޑްލައިންގައިވާ ގޮތުން ވައިގެ މަގުންނާއި ކަނޑުމަގުން އަދި އެއްގަމު މަގުން އިންޑިއާއަށްދާ މީހުންވެސް އެ އުސޫލަށް އަމަލުކުރަން ޖެހެ އެވެ.
ފްލައިޓްގައި މާސްކް އެޅުމަށް ފްލައިޓްތަކުން ފަސިންޖަރުންނަށް އަންގަން ޖެހެއެވެ. އިންޑިއާއަށް ކުރާ ދަތުރުގައި ކޮވިޑްގެ އަލާމާތްތައް ފެންނަނަމަ ފެސިލިޓީއަށް ގެންދެވޭނެ ކަމަށް ގައިޑްލައިންގައިވެ އެވެ.
އިންޑިއާއަށް އެތެރެވާ މީހުން ސްކްރީން ކުރުމަށް ތާމަލް ކެމެރާ ބޭނުންކުރުމަށް ނިންމާފައިވާއިރު ބަލީގެ އަލާމާތްހުރި މީހުން ވަގުތުން ފެސިލިޓީއަށް ގެންދެވޭނެ އެވެ.
އޭގެ އިތުރުން ފްލައިޓްތަކުން ދަތުރުކުރާ ފަސިންޖަރުންގެ ދެ އިންސައްތަ މީހުން ރެންޑޮމްކޮށް އެއާޕޯޓްގައި ޓެސްޓްކުރާނެ އެވެ. ސާމްޕަލް ނެގުމަށްފަހު އެއާޕޯޓުން އެ ފަސިންޖަރަކަށް ދެވޭނެ އެވެ. ފަސިންޖަރެއްގެ ނަތީޖާ ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ އިތުރު ޓެސްޓެއް ހަދައި ބަލި ހުރިތޯ ޔަގީން ކުރާނެ އެވެ. އެ ޓެސްޓުންވެސް ޕޮޒިޓިވްވެއްޖެ ނަމަ އެ މީހަކު އެކަހެރި ކުރާނެ އެވެ.
ކޮވިޑްގެ އަލާމާތެއް ހުރިނަމަ އެންމެ ކައިރީގައި ހުރި ސިއްހީ ފަރުވާ ދޭ ތަނަކަށް ނުވަތަ އިންޑިއާގެ ނެޝަނަލް ހެލްޕްލައިނަށް ގުޅުމަށް ވަނީ އަންގާފަ އެވެ.
ގައިޑްލައިންގައިވާ ގޮތުން އުމުރުން 12 އަހަރުން ދަށުގެ ކުދިން ކޮވިޑް ޓެސްޓް ހަދާކަށް ނުޖެހެ އެވެ. ނަމަވެސް ކޮވިޑްގެ އަލާމާތްތައް ހުރިނަމަ ޓެސްޓް ހަދައި އުސޫލާއި އެއްގޮތަށް އަމަލުކުރާނެ އެވެ.