އިންޑިއާގައި ކޮވިޑް ވެކްސިން ދޭން ފަށަނީ އެވެ. އެކަމަކު މިއީ ހީކުރާ ވަރަށް ވުރެ ބުރަ ބޮޑު މަސައްކަތަކަށް އިންޑިއާއަށް ވާނެ އެވެ. އެހެން ނަމަވެސް، ބޮޑުވަޒީރު ނަރެންދުރަ މޯދީ ފޫގަޅުއްވާފައި ހުންނެވީ ފިސާރި އަޒުމެއްގަ އެވެ. އަހަރު ދެބައިވުމުގެ ކުރިން 1.3 ބިލިއަން އާބާދީގެ ތެރެއިން 300 މިލިއަން މީހުންނަށް ވެކްސިން ދިނުމަށް ބޮޑުވަޒީރު ވަނީ އަމާޒު ހިއްޕަވާފަ އެވެ.
އަންނަ ހޮނިހިރު ދުވަހު، ޖެނުއަރީ 16 ގައި ވެކްސިން ދޭން ފަށަން ކުރަން ހުރި ހުރިހާ ކަމެއް ހުރީ ކަރުދާހަށް ތިލަކޮށްފަ އެވެ. ވެކްސިން ދިނުން އާންމުންނަށް ފަސޭހަ ކުރުމަށްޓަކައި ބައެއް މަސައްކަތްތައް އަންދާޒާކޮށް ރިހާސަލު ވެސް ވަނީ ބާއްވާފަ އެވެ. އިންޑިއާގެ މުޅި އާބާދީއަށް ވެކްސިން ދޭން ހަމަޖައްސާފައި ވަނީ މުޅިން ހިލޭ ކަމަށް އޭއެފްޕީ ރިޕޯޓްތައް ބުނެ އެވެ.
އިންޑިއާ އަކީ ކޮވިޑްގެ ހާލަތު ދެވަނައަށް އެންމެ ދަށް ގައުމެވެ. ރެކޯޑްތަކުން ފެންނަ ގޮތުގައި ރަސްމީކޮށް ރެޖިސްޓްރީ ކުރެވިފައިވާ އަދަދު 10 މިލިއަން ފަހަނައަޅަ އެވެ. އެހެން ނަމަވެސް، އިންޑިއާ ވެފައި ވަނީ ނިސްބަތުން އެންމެ މަދުން މީހުން މަރުވި ގައުމަށެވެ. ކޮވިޑްގައި އެންމެ ބޮޑުވަރުވި ގައުމަކީ އެމެރިކާ އެވެ.
ވެކްސިންދިނުން ފިޔަވަހިތަކަކަށް ބަހާލަފައި ވާއިރު، ބަލި މީހުން ގާތުަގައި އުޅެންޖެހިފައި ތިބި، ސިއްހީ އަދި އިދާރީ އޮފިޝަލުންނަށް 30 މިލިއަން ޑޯޒް އެއްފަރާތް ކުރެވިފައި ވެ އެވެ. ދިފާއީ، ސެކިޔުރިޓީ ބާރުތަކަށް 270 މިލިއަން އަދި އުމުރު މަަތިވުން އުޒުރަކަށްވެ ތިބި މީހުންނަށް 50 މިލިއަން ވަނީ ކަނޑައަޅާފަ އެވެ.
އިންޑިއާގައި ދޭނެ ކަމަށް ބެލެވެނީ އެސްޓްރަޒެނެކާ / އޮސްފޯޑް ވެކްސިނާއި ބާރާތު ބަޔޯޓެކް ވެކްސިނެވެ. މި ދެ ވެކްސިނަށް ވެސް އިންޑިއާއިން ވަނީ ހުއްދަދީފަ އެވެ.