ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިންޑިއާއިން 500 ހާސް އެސްޓްރަޒެނެކާ ވެކްސިން ޔުކްރޭނަށް

އެސްޓްރްޒެނެކާ-އޮކްސްފޯޑްގެ 500 ހާސް ޑޯޒް ވެކްސިން އިންޑިއާއިން ޔުކްރޭންއަށް ފޮނުވައިފި އެވެ. ޔުކުރޭނުގެ މިނިސްޓާ އޮފް ހެލްތު، މެކްސިމް ސްޓެޕަނޯ ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ.

ހެލްތު މިނިސްޓަރު ސްޓެޕަނޯ އޭނާގެ ފޭސްބުކް ޕޭޖްގައި ފޮޓޯއަކާއެކު ވިދާޅުވެފައިވާ ގޮތުން އިންޑިއާ ޕޫނޭ ފެކްޓަރީން ވެކްސިން ޝިޕްމަންޓް ގެން ދިއުމަށްޓަކައި ހުރިހާ އިރުޝާދެއް ދެއްވީ އޭނާ އެވެ. އޭނާ ވިދާޅުވީ ޔުކްރޭންއަށް ވެކްސިން ޝިޕްމަންޓް ގެންދާނީ މުމްބާއިން ކަމަށެވެ.

ސްޓެޕަނޯ ވިދާޅުވީ ވެކްސިން ޝިޕްމަންޓް އުފުލާ މަތިންދާބޯޓް ތުރުކީއަށް ވެސް ޖައްސާނެ ކަމަށާއި ޖެހިގެން އަންނަ ދުވަހު ޔުކްރޭނަށް ދާނެ ކަމަށެވެ.

ޔުކްރޭނުން ވަނީ ފެބްރުއަރީ 16 އިން ފެށިގެން އިދާރާތަކުގައި ވެކްސިން ރެޖިސްޓްރީ ކުރަން މަސައްކަތް ފަށާފަ އެވެ. އެގޮތުން ހެލްތު މިނިސްޓްރީން ދަށުން ހިންގާ ސްޓޭޓް އެކްސްޕާޓް ސެންޓަރަށް ވަނީ ބޭނުންވާ ލިޔުންތައް ވެސް ހުށަހަޅާފަ އެވެ.

އިންޑިއާއިން ދަނީ އެސްޓްރަޒެނެކާ ވެކްސިން ވަރަށް ގިނަ ގައުމުތަކަށް ހަދިޔާވެސް ކުރަމުންނެވެ. ދިވެހިރާއްޖެ އަދި މިސަރަހައްދުގެ ގިނަ ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގައި އިންޑިއާ ބޮޑު ދައުރެއް އަދާ ކުރެ އެވެ.

އިންޑިއާގެ އާބާދީއަށް ވެކްސިންދިނުމަށް ބިޔަ ޕްރޮގްރާމެއް ކުރިއަށް ދާއިރު، އެގައުމުގައި ކޮވިޑް ޖެހޭ އަދަދު ވެސް ބޮޑުތަން ވަނީ މަދުވެފަ އެވެ. އެހެން ނަމަވެސް، ޔޫކޭއާ ސައުތު އެފްރިކާ އަދި ބްރެޒިލް ފަދަ ގައުމުތަކުން ފެނިފައިވާ ކޮވިޑްގެ އާ ވައްތަރުތައް އިންޑިއާއަށް އެެތެރެވެ ހާލަތަށް މިހާރު ކޮންމެވެސް ބަދަލެއް އައިސްފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ. އެހެން ނަމަވެސް، އިންޑިއާ އަކީ ކޮވިޑް ބަލީގައި މީހުން މަރުވުން މަދު ގައުމެއްކަން ވެސް ފާހަގަކުރަން ޖެހެ އެވެ.