ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިންޑިއާ

އިންޑިއާއިން ސައުތު އެފްރިކާ އަދި ބްރެޒިލް ކޮވިޑް އާވެރިއަންޓްތައް ފެންނަން ފަށައިފި

އިންޑިއާއިން ކޮވިޑްގެ އާވެރިއަންޓްތައް ފެނިފައިވާ ކަމަށް ރިޕޯޓްކޮށްފި އެވެ. އޭޝިއަން ނިއުސް އިންޓަނޭޝަނަލް (އޭއެންއައި) އިން ބުނީ ސައުތު އެފްރިކާއިން ފެނިފައިވާ ކޮވިޑާއި ބްރެޒިލް ކޮވިޑް ވެސް އިންޑިއާއިން ފެނިފައިވާ ކަމަށެވެ.

އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗް (އައިސީއެމްއާރު) ގެ ޑިޕިއުޓީ ޖެނެރަލް، ޑރ. ބަލްރާމް ބަރްގަވާ ހަފުތާ ނޫސް ކޮންފަރެންސްގައި ވިދާޅުވީ ސައުތު އެފްރިކާ ވޭރިއަންޓް ޖެހިފައި ވަނީ އެފްރި ބައްރުން އައި މީހުންނަށް ކަމަށެވެ. އޭގެ ތެރޭގައި އެންގޯލާ، ތަސްމޭނިއާ އަދި ސައުތު އެފްރިކާއިން ދަތުރުކުރި މީހުން ވެސް ހިމެނޭ ކަމަށެވެ. އިންޑިއާގައި ކޮވިޑްގެ ހާލަތާ ބެހޭ ގޮތުން މައުލޫމާތުދިނުމަށް ކޮންމެ ހަފުތާއަކު ބާއްވާ ނޫސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން ބަލްރާމް ވިދާޅުވީ އެމީހުން ކޮންޓެކްޓްވި މީހުން ވެސް ހޯދައި ކަރަންޓީން ކޮށްފައިވާ ކަމަށެވެ.

ބްރެޒިލްއިން ފެނިފައިވާ ކޮވިޑް ވޭރިއަންޓް އިންޑިއާއިން ފާހަގަކުރެވިފައި ވަނީ ފެބްރުއަރީ ފުރަތަމަ ހަފުތާގައި ކަމަށް އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗުން ބުނެ އެވެ. މިވައިރަހާ ބެހޭ ތަފުސީލުތައް ދެނެގަނެ ދިރާސާކުރަމުން ދަނީ ޕޫނޭގައި ހުންނަ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީގައި ކަމަށް ވެސް އައިސީއެމްއާރުން ވަނީ ބުނެފަ އެވެ.

ޑރ. ބަރްގަވާ ވިދާޅުވާ ގޮތުގައި ސައުތު އެފްރިކާއާ ބްރެޒިލް ވޭރިއަންޓް ވެސް ޔޫކޭ ވޭރިއަންޓާ މުޅިން ތަފާތެވެ. އޭނާ ވިދާޅުވީ އިންޑިއާ ވެކްސިންގައި ޔޫކޭ ވޭރިއަންޓް ވައިތިރިކުރެވޭ ބާރު ހުރި ކަމަށެވެ. އެހެން ނަމަވެސް އަލަށް ފެނިގެން އުޅޭ ވައްތަރުތަކުން ހިމާޔަތްވުމުގައި ވެކްސިނަށް ކާމިޔާބުކުރެވޭ މިންވަރު އަދި ދެނެނުގަނެވޭ ކަމަށް އެނާ ވިދާޅުވި އެވެ.

އޭޝިއަން ނިއުސް އިންޓަނޭޝަނަލްއިން ބުނާ ގޮތުގައި އިންޑިއާއިން ފެނިފައި ވަނީ ޔޫކޭ ވޭރިއަންޓްގެ 187 މީހުންނެވެ. އެމީހުން އަދި އެމީހުންނާ ގުޅުން ހުރި ކަމަށް ފާހަގަކުރެވިފައިވާ މީހުން ވެސް ހޯދައި ކަރަންޓީންކޮށްފައިވާ ކަމަށް އޭއެންއައި ބުނެ އެވެ.

ސައުތު އެފްރިކާ ވޭރިއަންޓް ދުނިޔެއަށް އާންމުވީ ފާއިތުވި އަހަރު ޑިސެމްބަރު މެދާހިސާބުގަ އެވެ. މިހާތަނަށް އެނގިފައިވާ ގޮތުގައި 44 ގައުމަކުން މިވައްތަރު ފެނިފައިވެ އެވެ. ބްރެޒިލުން އުފަންވެގެން އުޅޭ ކޮވިޑް ފާހަގަވެފައި ވަނީ މިއަހަރު ޖެނުއަރީ ކުރީކޮޅު އެވެ.