ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިންޑިއާގައި ކޮވިޑް ވެކްސިންދޭން ފަށަނީ، ރިހާސަލް ބާއްވައިފި

އިންޑިއާގައި އިމަޖެންސީ ބޭނުންތަކަށް އެސްޓްރަޒެނެކާ / އޮކްސްފޯޓް ޔުނިވާސިޓީ ކޮވިޑް ވެކްސިނަށް ހުއްދަދީފި އެވެ. އެހެން ނަމަވެސް، އިންޑިއާގެ ބިޔަ އާބާދީއަށް ކޮވިޑް ވެކްސިން ދޭން ފަށާނީ ޑްރަގްސް ކޮންޓްރޯލް އޮތޯރިޓި އޮފް އިންޑިއާއިން ފަހުބަސް ބުނުމުންނެވެ. ސިއްހީ އިދާރާތަކުން ލަފާ ކުރާ ގޮތުގައި ލަސްތަކެއް ނުވެ އާންމުކޮށް ވެކްސިން ދޭން ފެށި ދާނެ އެވެ. އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓަރު، ޕްރަކާޝް ޖާވެދޭކަރު ވެސް ވަނީ މިކަން ކަށަވަރު ކޮށްދެއްވާފަ އެވެ.

އިންޑިއާ އަކީ ބިޔަ އާބާދީއެކެވެ. ކޮވިޑް ހާލަތު ފަރަށް ގޯސް ގައުމެވެ. މުޅީ އާބާދީއަށް ވެކްސިން ދޭން ނަގާނެ ދުވަހެއް ވެސް ނޭނގެ އެވެ. އިންޑިއާއިން އުންމީދު ކުރަނީ މި އަހަރު މެދުޖެހުމުގެ ކުރިން 300 މިލިއަން މީހުންނަށް ވެކްސިން ދިނުމަށެވެ.

އިންޑިއާ ބެލެވިފައި ވަނީ ކޮވިޑްގައި އެންމެ ބޮޑުވަރުވި ދެވަނަ ގައުމު ކަމަށެެވެ. ރިކޯޑްތަކުން ދައްކާ ގޮތުގައި 10.2 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑްޖެހިފައި ވެއެވެ.

މުޅި ދުނިޔޭގައި ވެސް ކޮވިޑާ ބެހޭ ގޮތުން އިތުބާރު ނުހިފޭ، ހަގީގަތެއް ނެތް ވާހަކަތައް ދެކެވެ އެވެ. އިންޑިއާއަށް ވެސް މިކަންވެފައި ވަނީ ތަކުލީފަކަށެވެ. ސިއްހީ އިދާރާތަކުން ވެކްސިންދޭން ގޮވާލިއެއް ކަމަކު އާބާދީގެ ރުހުން ނުލިބިދާނެ ކަމަށް އޮތް ބިރު ކުޑައެއް ނޫނެވެ. މިކަމުން އަރައިގަތުމަށް އިންޑިއާގެ ސިއްހީ އިދާރާތަކުން އަންނަނީ ރިހާސަލްތައް ބާއްވައި ފަރިތަކުރަމުންނެވެ. އަދި އާންމުން ހޭލުންތެރިކުރުވުމަށް ސައްހަ މައުލޫމާތު ފޯރު ކޮށްދެމުންނެވެ.

ކޮވިޑާ ބެހޭ ގޮތުން އާންމުންގެ ތެރޭގައި ދެކެވޭ އިތުބާރު ނުހިފޭ ވާހަތަކާ ބެހޭ ގޮތުން ޑރ. ވަރުޝް ވަރްދަން ޓްވީޓް ކުރައްވާފައި

އިންޑިއާގެ މުޅި އާބާދީއަށް ވާވަަރަށް ވެކްސިން ގުދަން ކުރުމަކީ ވެސް ކުޅަދާނަ ކަމަކަށް ނުވެ އެވެ. އެހެން ނަމަވެސް، ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން މިކަން ހައްލު ކުރުމަށް ދުރުފިޔަވަޅުތަކެއް އަޅާފައި ހުރި ކަަމަށް އިވެ އެވެ.

ވެކްސިން ދޭން ފަށައިގަތުމަށް ބާއްވާ ރިހާސަލްތަކުގެ ސަބަބުން ވަގުތު ސަލާމަތް ކުރެއްވޭނެ ކަަމަށް ހެލްތު މިނިސްޓަރު، ވަރުޝް ވަރްދަން ވިދާޅުވެފައި ވެއެވެ.