ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

"ބޭނުންވާ ވަރަށް ހިލޭ ވެކްސިން ޔަގީން"

Jan 20, 2021
24

ރާއްޖެއަށް ބޭނުންވާ ވަރަށް ކޮވިޑް ވެކްސިން ލިބޭނެ ކަމުގެ ޔަގީންކަން މިހާރު ލިބިފައިވާ ކަމަށާއި އަމާޒަކީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި، ރާއްޖޭގެ ދިރިއުޅޭ އެންމެނަށް، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ހިލޭ ވެކްސިން ދިނުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ބްރޯޑްކާސްޓް މީޑިއާ މެދުވެރިކޮށް މިއަދު ގައުމާ މުހާތަބު ކުރައްވާ ރައީސް ސޯލިހު ދެއްވި ތަގުރީރުގައި ވިދާޅުވީ ކޮވިޑް-19 އިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވި ދަތި އުނދަގޫ 10 ވަރަކަށް މަސް ދުވަހަށް ފަހު، މިއަދަކީ، މާތް ﷲ ރަހުމަތާއެކު އެ ބަލިން ސަލާމަތްވުމުގެ އުންމީދު، އަވެގެންދާ ދުވަހެެއް ކަމަށެވެ.

"މިއަދަކީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭނުންވާ ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް ރާއްޖެއަށް ލިބޭ ދުވަސް. އެކަމަށްޓަކައި އެންމެ ފުރަތަމަވެސް ﷲ އަށް ހަމްދާއި ޝުކުރު ކުރަން،" ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ މިއަދު ރާއްޖެއަށް ލިބޭ ވެކްސިނަކީ، އިންޑިއާ ސަރުކާރުން ދިވެހި ރައްޔިތުންނަށް ވެދިން ދީލަތި އެހީއެއް ކަމަށެވެ.

"އެކަމަށްޓަކައި އިންޑިއާގެ އެކުވެރި ރައްޔިތުންނަށާއި، އިންޑިއާ ސަރުކާރަށް އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް، ރާއްޖޭގެ ރައްޔިތުންނާއި ސަރުކާރާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި، ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

އިންޑިއާ ސަރުކާރަށް އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް، ރާއްޖޭގެ ރައްޔިތުންނާއި ސަރުކާރާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި، ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން،
އިބްރާހިމް މުހައްމަދު ސޯލިހު | ރައީސުލްޖުމަހޫރިއްޔާ

އެ މަނިކުފާނު ވިދާޅުވީ ކޮވިޑް ބަލި ރާއްޖޭން ފެނުނު ފުރަތަމަ ދުވަހުން ފެށިގެން ބަލިން ރައްޔިތުން ސަލާމަތް ކުރަން ސިއްހީ މާހިރުންގެ ލަފަޔާއެކު، ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އައި ކަމަށާއި ބައްޔެއް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް، ދުނިޔޭގެ އެކި ގައުމުތަކުން ކުރަން ފެށުމާއެކު، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ވަރަށް ވެކްސިން ހޯދުމުގެ މަސައްކަތް ސަރުކާރުން ފެށި ކަމަށެވެ.

"އެކަން ހާސިލް ކުރުމަށްޓަކައި، މިއަދާ ހަމައަށް އައި އިރު، ކުރެވުނު މަސައްކަތުން މާތް ﷲ ގެ ވާގިފުޅާއެކު، އަޅުގަނޑުމެންނަށް މިވަނީ ރާއްޖެއަށް ބޭނުންވާ ވަރަށް ވެކްސިން ލިބޭނެކަމުގެ ޔަގީންކަން ލިބިފައި. އަޅުގަނޑުމެންގެ އަމާޒަކީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި، ރާއްޖޭގެ ދިރިއުޅޭ އެންމެނަށް، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ހިލޭ ވެކްސިން ދިނުން." ރައީސް ވިދާޅުވި އެވެ.

ވޭތުވެ ދިޔަ 10 މަސްދުވަހަކީ، ކޮވިޑްގެ ސަބަބުން ރައްޔިތުން ވަރަށް ގިނަ ދަތި އުނދަގޫތަކެއް ތަހައްމަލު ކުރި ދުވަސްތަކެއް ކަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ އެތައް ބައެއްގެ ވަޒީފާ ގެއްލުނު ކަމަށާއި އެތައް އާއިލާއެއްގެ ބައެއް މެންބަރުން އަބަދަށްޓަކައި ވަކިވެ ގޮސްފައިވާ ކަމަށެވެ.

"ވިޔަފާރިތައް ހުއްޓުމަކަށް ގެނުވި. މިސްކިތްތަކާއި ސްކޫލްތައް ބަންދު ކުރަން ޖެހުނު. އާއިލާތަކުގެ މެމްބަރުން އެކަކު އަނެކަކާ ބައްދަލުނުވެ ތިބެން ޖެހުނު. ދަތުރުފަތުރު ހުއްޓި އަސާސީ އެތައް ޚިދުމަތަކަށް ބުރޫއެރި"

އެހެން ނަމަވެސް ރައީސް ވިދާޅުވީ މިއަދު މިލިބޭ އާ އުންމީދާއެކުގައި ވެސް ކުރަންޖެހޭ ވަރަށް ބައިވަރު މަސައްކަތްތައް އެބަހުރި. ކަމަށާއި އެ މަނިކުފާނުގެ އިލްތިމާސަކީ، ސިއްހީ މާހިރުން ދެއްވާ ލަފަޔާއި އިރުޝާދާ އެއްގޮތަށް އަ މަލުތައް ބެހެއްޓުން ކަމަށެވެ.

"ބޭރަށް ނުކުންނަވާއިރު މާސްކު އަޅުއްވާ. ގިނަ މީހުން އެއްވެ ގައިގޯޅިކޮށް ބާއްވާ އެއްވުންތައް މިވަގުތަށް އަދިވެސް މަޑުޖައްސަވާލައްވާ. ގިނަގިނައިން އަތް ދޮވެ ސާފުތާހިރުކޮށް ތިއްބެވުމަށާއި ގައިދުރުކަން ދެމެހެއްޓުމަށް އިސްކަން ދެއްވާ." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މާތްﷲ މަދަދާއެކު މިބަލީގެ ނުރައްކާތެރިކަމުން ވަރަށް އަވަހަށް ދިވެހިންނަށް ސަލާމަތް ވެވޭނެ ކަމަށާއި ކޮވިޑްގެ ނުރައްކަލުން ސަލާމަތްވެ، ރާއްޖެ އަލުން އާރާސްތުކޮށް، އުފާވެރި ދިރިއުޅުމަކަށް އެނބުރި ދެވޭނެ ކަމަށެވެ.

ރާއްޖޭގައި ބޭނުންކުރާ ވެކްސިން

  • ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މިންގަނޑުތަކަށް ފެތޭނެ
  • ވެކްސިންގެ ރައްކާތެރިކަމުގެ މިންގަނޑުތައް ބަލާ ކަށަވަރު ކުރާނެ
  • މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދަ އޮންނާނެ
  • ވެކްސިން ޖެހުމުން އަންނަ ސައިޑް އިފެކްޓްތަކަށް ބަލާނެ

އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރަނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެކްސްޓްރާޒެނެކާ ވެކްސިންގެ އެއް ލައްކަ ޑޯޒެވެ. ރާއްޖެއަށް ހަދިޔާ ކުރާ ވެކްސިން އިންޑިއާއިން ތައްޔާރު ކޮށްފައި ވަނީ ކޮވިޑް-19 ބައްޔަށް މިހާރު އުފައްދާފައިވާ ވެކްސިންތަކުގެ ތެރެއިން، އޮކްސްފޯޑް - އެސްޓްރާޒެނެކާ ވެކްސިނާ ގުޅިގެން ތައްޔާރުކުރި ދިރާސާގެ އަލީގަ އެވެ.

އަހަރަކު 1.5 ބިލިއަން ވެކްސިން ޑޯޒް އުފެއްދުމުގެ ގާބިލުކަން ހުރި އިންޑިއާގެ ސީރަމް އިންސްޓިޓިއުޓްއަކީ ދުނިޔޭގެ އެންމެ ގިނައިން ވެކްސިން އުފައްދާ ފަރާތެވެ. މިގޮތުން، ދުނިޔޭގެ 170 ގައުމެއްގައި ދިރިއުޅޭ ކުދިންގެ ތެރެއިން 65 ޕަސަންޓަށް ދޭ ވެކްސިން އުފައްދާފައި ވަނީ ސީރަމް އިންސްޓިޓިއުޓުންނެވެ