މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ

މާލޭގެ ވައި ނުސާފުވަރު ބަލާނެ ނިޒާމެއް ގާއިމުކުރަނީ

Jul 24, 2021

މާލޭގެ ވައި ނުސާފުވެ ތަޣައްޔަރު ވެފައިވާ މިންވަރު ދެނެގަތުމަށް އެމްބިއަންޓް އެއާ ކޮލިޓީ މޮނިޓަރިން ސްޓޭޝަން ގާއިމު ކުރަން ނިންމައިފި އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން މިހާރު ވަނީ މިފަދަ ސްޓޭޝަންތަކެއް ގާއިމު ކުރުމަށްޓަކައި ކަމާ ގުޅޭ ޓެކްނިކަލް އެސެސްމަންޓް ތައްޔާރު ކޮށްދޭނެ ބަޔަކު ހޯދުމުގެ މަސައްކަތް ފަށާފަ އެވެ.

މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ޓެކްނިކަލް އެސެސްމަންޓް ހަދައި ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 12 ވަނަ ދުވަހުގެ ކުރިން އެ މިނިސްޓްރީއަށް ބީލަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައި ވެއެވެ.

މި މަޝްރޫއާ ގުޅޭ މައުލޫމާތު ސާފުކުރަން ބޭނުންވާނަމަ އަންނަ މަހުގެ އަށްވަނަ ދުވަހުގެ ކުރިން އެ މިނިސްޓްރީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށް އީމެއިލް ކޮށްގެން މައުލޫމާތު ސާފުކުރަން ވެސް އެދިފައި ވެއެވެ.

ބީލަންތައް ހުޅުވުމަށް ނިންމާފައިވަނީ އޯގަސްޓް 12 ވަނަ ދުވަހުގެ ހެނދުނު 11:00 ގައެވެ. އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މައުލޫމާތު ފުރިހަމަ ނޫން ބިޑުތައް ބާތިލްކުރާނެ ކަމަށާއި އަދި ގަޑިޖެހިގެން ހުށަހަޅާ ބިލްތައް ބަލައި ނުގަންނާނެ ކަމަށެވެ.

މާލޭގެ ވައި ނުސާފުވެ ތަޣައްޔަރުވެފައިވާ މިންވަރު ދެނެގަތުމަށް އެކަމަށް ހާއްސަ ސިސްޓަމްތަކެއް ބެހެއްޓުމުގެ މަސައްކަތް ފަށާފައި ވަނީ މާލޭގައި ދުއްވާ ވެހިކަލްތައް ވަރަށް ބޮޑަށް ގިނަވެ ޖައްވަށް ދޫކުރާ ވިހަ ގޭސްތައް އިތުރުވެ، މާލެ ތެރޭގައި ބައެއް ކަހަލަ އިންޑަސްޓްރިއަލް މަސައްކަތްތައް ވެސް ހިނގަމުންދާތީ ބައެއް މީހުން ކަންބޮޑުވުން ފާޅުކުރަމުންދާ ވަގުތެއްގަ އެވެ.