ތާރީހު

ކޮމާޝަލް އެންބާގޯ؛ ހަތިޔާރު އެޅި ސިފައިން ރާއްޖެއަށް

Jul 26, 2021

ރާއްޖޭގެ މިނިވަން ދުވަސް ފާހަގަ ކުރާއިރު މިނިވަން ކަމުގެ ބަތޮލު ރައީސް އިބްރާހިމް ނާސިރަށާއި އެ މަނިކުފާނުގެ ދަށުގައި ވެގެން ތިބި ދިވެހި ރައްޔިތުންނަށާއި ދިވެހި ރާއްޖެއަށް ދިމާވީ މިހައިރު ވެސް ރާއްޖެއަށް ދިމާވެފައި މިވާ "އިންޑިއާ ތުރާ" ފަދަ "އިނގިރޭސި ބަލާ" ގެ މަރުހަލާތަކެކެވެ. މައިގަނޑު ސަބަބަކީ ރައީސް އިބްރާހިމް ނާސިރު އިސްލާމީ ގައުމުތަކާ ގުޅުން ބަދަހި ކުރެއްވުމާއެކު އިރު މައްޗާއި މެދުއިރުމައްޗަށް ރާއްޖޭގެ ހާރިޖީ ސަމުގާ ގެންދެވުމެވެ.

ރާއްޖޭގެ 56 ވަނަ މިނިވަން ދުވަސް ފާހަ ކުރާއިރު ރާއްޖޭގެ ދާހިލީ މިނިވަންކަމާ ބެހެން ބޭރުގެ ނުފޫޒުތައް ހާއްސަކޮށް އިންޑިއާ ދަނީ ގަދަ އަޅައި މަސައްކަތް ކުރަމުންނެވެ. އެގޮތް މިގޮތުން މިހައިރުވެސް ދަނީ ވަރުގަދައަށް ރާއްޖެއާ ބެހެމުން އެ މީހުން ބޭނުންވާ މިސްރާބާ ކޮއްޕާ ގަޅުވަމުންނެވެ. ކުރިޔާ ހިލާފަށް ރާއްޖޭގެ "ދާހިލީ ދާގަނޑު" އަލުން ވީދާލާން، ބޭރުގެ ނުފޫޒުތައް ފަހަތުގައި އޮވެގެން ތަފާތު ރޭވުންތައް ރާވާން މިހައިރު ބޭނުން ކުރަނީ ރާއްޖޭގައި ބަދަލު ވެފައިވާ ސިޔާސީ ނިޒާމާއި ރާއްޖޭގެ ޕޮލިޓީޝަނުންނާއި ރާއްޖެއަށް އަންނަ ބަދަލުތަކެވެ.

ޖޫން 23، 1964 (ރޮއިޓާސް)

ލަންޑަނުގައި ވާހަކަފުޅު ދައްކަވަމުން ކޮމަންވެލްތު ސެކްރެޓަރީ ޑަންކަން ސެންޑީސް ވިދާޅުވަނީ ދިވެހިރާއްޖެ އަށް މިނިވަންކަން ދިނުމާބެހޭ ގޮތުން ދެ ގައުމުގެ ދެމެދު ލަންޑަނުގައި މަޝްވަރާތައް ކުރަމުން އެބަދެ އެވެ. އެހެން ނަމަވެސް ކަމުގެ ނާޒުކުކަން ގުޅިގެން ދަނީ ދުނިޔޭގެ މަސްރަހަށް ހާއްސަކޮށް އިސްލާމީ ދުނިޔެއަށް އަންނަ ބަދަލުގެ ތެރެއަށް ދިވެހި ރާއްޖެ ވަދެ އިސްލާމީ ގައުމުތަކާ ބައިވެރިވަމުން ދާދި އުމެވެ. އަދި އޭނާ ރޮއިޓާސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވާ ސެޕްޓެމްބަރު މަހު މާލޭގައި ބޮޑުވަޒީރު އިބްރާހިމް ނާސިރާއެކު ބޭއްވި ބައްދަލުވުމުގައި 1960 ގެ އެގްރީމެންޓް އިސްލާހްކޮށް ރާއްޖެ އަށް ފުރިހަމަ މިނިވަންކަން ދިނުމަށް ނާސިރު އެދިވަޑައިގެންނެވި އެވެ.

މިގޮތަށް އިނގިރޭސި ސަރުކާރުން އެއްބަސްވާނެ ކަމަށް ހުށަހަޅާފައިވާ ޝަރުތުތަކަކީ ދިވެހި ރާއްޖޭގެ އައްޑު އަތޮޅުގައި ގާއިމް ކޮށްފައިވާ އަސްކަރީ މަރުކަޒު ދެމެހެއްޓުމުގެ ހައްގު ލިބިފައި އޮތުމާއި އެއްވެސް އެހެން ގައުމަކަށް ރާއްޖޭގައި އަސްކަރީ މަރުކަޒެއް ހެދުމުގެ ފުރުސަތު ނުދިނުމެވެ. ހާއްސަކޮށް ދިވެހި ސަރުކާރުން އިސްލާމީ ގައުމު ތަކާ އޮންނަ ގުޅުންތައް ފެއަށް ޖައްސާލުމާއެކު އިރު މައްޗާއި މެދު އިރުމައްޗާ ބާއްވާ ގުޅުން ކުޑަ ކުރަންޖެހޭނެ އެވެ.

އިނގިރޭސި "ގަންބޯޓު ޑިޕްލޮމަސީ" ގެ ތެރެއިންލާފައި އައިސް އިނގިރޭސި ވިލާތާއި ރާއްޖެއާ ދެމެދު 1887 ގައި ހެދި އެއްބަސްވުމެއްގެ ދަށުން، އިނގިރޭސިންގެ "ހިމާޔަތުގެ އުނގަށް" ރާއްޖެ ދިޔުމާއެކު ރާއްޖޭގެ ހާރިޖީ ހުރިހާ ކަންތައްތަކެއްގެ ޒިންމާ ނެގީ އިނގިރޭސިންނެވެ. އޭގެ ފަހުން އިނގިރޭސިން އެކި ސިފަސިފައިގައި ރާއްޖޭގެ މައްޗަށް ބާރު ފޯރުވާފައި ވެއެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ރާއްޖޭގައި އިނގިރޭސިންގެ އަސްކަރީ މަރުކަޒުތައް ގާއިމްކުރި އެވެ.

އައްޑު އަތޮޅުގައި އިނގިރޭސިންނަށް އަސްކަރީ މަރުކަޒެއް ހެދުމުގެ ހުއްދަ އެންމެ ފުރަތަމަ ލިބިދީފައި ވަނީ 1953 ގައި ހެދި އެއްބަސްވުމުގަ އެވެ. އަދި 1950 ގެ ފަހުކޮޅު އައްޑު އަތޮޅުގައި ރޯޔަލް އެއާފޯސްގެ މަރުކަޒެއް ގާއިމްކުރުމުގެ މަސައްކަތް ވެސް ފެށި އެވެ. އެއީ 1956 ގައި ބޮޑުވަޒީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނާއެކު ސްރީލަންކާގެ ކޮލަމްބޯގައި ވި ނުރަސްމީ އެއްބަސްވުމެއްގެ ދަށުންނެވެ.

ދުނިޔޭގެ މަސްރަހު އޮތް ގޮތް

ދުނިޔޭގެ މަސްރަހަށް ބަލާއިރު އެ އަހަރު، 1956 އެއީ ސުއޭޒް ކެނެލްގެ މައްސަލަ ކުރިމަތިވެ އިނގިރޭސިންނާއި ފަރަންސޭސިން ޔަހޫދީ އިޒްރޭލާ ގުޅިގެން މިސްރާ ދެކޮޅަށް އަސްކަރީ ފިޔަވަޅެއް އެޅި, ނުވަތަ "ގާހިރާ އަދަބު" ދިން އަހަރެވެ. މުޅި އެ ހާދިސާގެ ސަބަބުން އަރަބި ދުނިޔެ އޮތީ "ވަޅީގެ މިޔަ މަތީ" ގަ އެވެ. އޭގެ ތެރެއަށް މުސްލިމް ދިވެހި ރާއްޖެ ވަދެ އެވެ.

އޮކްޓޯބަރު 17، 1959 ގެ އެމެރިކާގެ "ނިއު ޔޯކް ޓައިމްސް" ނޫހުގައި ލިއެފައިވާ ގޮތުގައި "ކުޑަަކުޑަ ދިވެހި ރާއްޖޭގެ ސަރުކާރާއި ވަރުގަދަ ވެރިޔާ އިބްރާހިމް ނާސިރު އިނގިރޭސިވިލާތާ މެދު ދެކޭ ގޮތް ބަދަލުވީ ސުއޭޒް ކެނެލްގެ ހާދިސާ އަށް ފަހުގަ" އެވެ.

ދިވެހިންނަކީ މުސްލިމުންނަށް ވެފައި އަދި ވަރަށް ގިނަ ޒުވާނުންނަކީ މިސުރުން / ގާހިރާއިން ކިޔަވާ ވިދާޅުވެގެން ތިއްބެވި ބޭފުޅުންނަށް ވުމާއެކު މިއީ ޔަގީނުން ވެސް ވުން އެކަށީގެންވާ ކަމެކެވެ.
ނިއުޔޯޓައިމް

އަދި އެ ނޫހުގައި މިހެން ރިޕޯޓް ކުރެ އެވެ: "ދިވެހިންނަކީ މުސްލިމުންނަށް ވެފައި އަދި ވަރަށް ގިނަ ޒުވާނުންނަކީ މިސުރުން / ގާހިރާއިން ކިޔަވާ ވިދާޅުވެގެން ތިއްބެވި ބޭފުޅުންނަށް ވުމާއެކު މިއީ ޔަގީނުން ވެސް ވުން އެކަށީގެންވާ ކަމެކެވެ."

އަދިވެސް އެ ނޫހުގައި ލިޔެފައިވާ ގޮތުގައި ވިޔަފާރީގެ ގޮތުން ރާއްޖެ އެންމެ ބޮޑަށް ގުޅިފައިވަނީ, ބާޑްފްލައި / ވައިގެ މަގުން ކުރާ ދަތުރެއްގެ 642 މޭލުގެ ރާސްތާގައިވާ އަވަށްޓެރިޔާ, ސްރީ ލަންކާއާ ކަމުގައި ވީ ނަމަވެސް، ސިޔާސީ ގޮތުން އެންމެ ކައިރީ ދުރު އިރުމަތި ވެސް ހިމެނޭ ގޮތަށް އިރު މައްޗާއި މެދުއިރުމަތީގެ ގައުމުތަކާ އެވެ. އަދި އަރަބި އިސްލާމީ ގައުމުތަކާ "ކުޑަ ކުޑަ ދިވެހި ރާއްޖެ އާ ދެމެދު އޮންނަނީ ވަރަށް ބޮޑު އެހައި މާނަ ފުން ލޯތްބެ" ކެވެ. އަދި މުޅި ދިވެހި ރާއްޖެެއަކީ އިސްލާމިކް ސިމްބޮލް އެވެ.

ހަގީގަތުގައި ވެސް ދިވެހި ރާއްޖޭގެ ސަރުކާރާއި އިނގިރޭސިވިލާތާ ދެމެދު 1953 ގައި ކޮށްފައިވާ އެއްބަސްވުން އިސްލާހު ކުރުމަށް ރާއްޖެ އިން މަސައްކަތް ކުރަން ފެށީ ސުއޭޒް ކެނެލްގެ ހާދިސާ އަށް ފަހު އެވެ. އިނގިރޭސިންނަށް ރާއްޖޭގައި އަސްކަރީ މަރުކަޒެއް ގާއިމް ކުރުމާއި އަދި ރާއްޖޭގެ ދިފާއީ އަދި ހާރިޖީ ކަންތައްތައް ބެލެހެއްޓުމުގެ ބާރު 1956 ގެ އެއްބަސްވުމުން ލިބިދީފައިވެ އެވެ. އެންމެ ފަހުން 1956 ގެ ނުރަސްމީ އެއްބަސްވުމާ ދެކޮޅަށް އާންމުންނާއި ސަރުކާރުގެ އިސް ބޭފުޅުން ނުރުހުން ފާޅުކުރަން ފެށުމުގެ ނަތީޖާ އަކީ ޑިސެމްބަރ 1957 ގައި ބޮޑުވަޒީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނު އިސްތިއުފާ ދެއްވުމެވެ.

ބޮޑުވަޒީރުކަމާ ހަވާލުވެ ވަޑައިގެން ނާސިރު މަސައްކަތް ކުރެއްވީ ރާއްޖޭގެ ހާރިޖީ ގުޅުން އެހެން ގައުމުތަކާ އެކު އަމިއްލައަށް ގާއިމްކޮށް ދެމެހެއްޓުމުގެ މިނިވަންކަން ހޯއްދެވުމަށެވެ. މިކަމާ ގުޅޭ ގޮތުން މިނިސްޓަރުންގެ ފެންވަރުގައި އެތަކެއް ބައްދަލުވުމެއް އިނގިރޭސި ވިލާތުގެ ލަންޑަނުގައި ބާއްވައިފައި ވެއެވެ. އަދި އެކަންކަން ކުރިޔަށް ދިޔައިރު އަރަބި އިސްލާމީ ދުނިޔެއާ ކައިރިވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ފާޅު ކުރެއްވެވި އެވެ.

އެއާއެކު އިނގިރޭސިންގެ އަސްކަރީ މަރުކަޒެއް އައްޑު އަތޮޅުގައި ގާއިމްކުރުމާ ދެކޮޅަށް ދުނިޔޭގެ ތާއީދު ހޯދަން ދިވެހި ސަރުކާރުން މަސައްކަތް ފެށި އެވެ. އެޕްރީލް 1، 1958 ގައި ކޮލަމްބޯގައި ދިވެހި ސަރުކާރުން ނިއުސް ކޮންފަރެންސެއް ބޭއްވި އެވެ. އެ ކޮންފަރެންސްގެ ތެރެއިން ޑިޕްލޮމޭޓުންނަށް ބްރީފްކޮށް ދެއްވުމުގެ އިތުރުން ރާއްޖޭގެ ތައުލީމާ ބެހޭ ވަޒީރު އިބްރާހިމް ޝިހާބު އެ ނޫސް ކޮންފަރެންސްގައި އިންޑިއާ އަދި ސްރީލަންކާގެ ސަރުކާރަށް ގޮވާލެއްވީ އިނގިރޭސިންގެ އަސްކަރީ މަޝްރޫއަށް ފާޅުގައި ދެކޮޅު ހެދުމަށެވެ.

މީގެ އިތުރުން ރާއްޖޭގެ "ހާރިޖީ ސަމުގާ" އިރު މައްޗަށާއި މެދު އިރުމައްޗަށް އަނބުރާލާފައިވާ ކަމުގެ އިންޒާރު ހުޅަނގަށް ދިނެވެ. -- މިއަދު ވެސް ރާއްޖެއިން މިފެންނަނީ ދާދި އެއް ފޮޓޯއެކެވެ. ތަފާތަކީ ދެ ފަރާތުގައި ގައުމުތަކާއި މީހުނެވެ.

އިނގިރޭސިންނާއި ދިވެހި ސަރުކާރާ ދެމެދު މައްސަލަތައް އުފެދި އެންމެ ފަހުން ދެކުނުގެ ތިން އަތޮޅުން ސަރުކާރާ ދެކޮޅަށް ހައިޓްރީޒަން ބަޣާވާތެއް ކުރުން ވީ ރާއްޖެ އިނގިރޭސިންގެ އަތްދަށުން މިނިވަންވުމާ މެދު ފުންކޮށް ވިސްނަން ފެށި ސަބަބަށެވެ. އައްޑޫ މައްސަލާގައި ދެ ސަރުކާރުގެ ދެމެދުގައި ދެކެވެމުން އައި ވާހަކައިގެ އެޖެންޑާގެ ތެރެއަށް މިނިވަންކަން ހޯދުމުގެ ނުކުތާ ވެސް އިތުރުކޮށް އެއީ މައިގަނޑު ނުކުތާއަކަށް ހެދި އެވެ.

ދެކުނުގެ ފުރަތަމަ ބަޣާވާތް ފެށީ 1 ޖެނުއަރީ 1959 ގަ އެވެ. އަދި މާޗް 1959 ގައި އައްޑޫ، ފުވައްމުލައް އަދި ހުވަދު އަތޮޅު ގުޅިގެން ވަކި ސަރުކާރެއް އަބްދުﷲ އަފީފު އިއުލާން ކުރެއްވި އެވެ. އިނގިރޭސިވިލާތާއި ރާއްޖޭގެ ގުޅުން ދެކުނުގެ ބަޣާވާތުން ވަރަށް ބޮޑަށް ގޯސްވި އެވެ.

ކޮމާޝަލް އެންބާގޯ އާއި ވައިގެ ފައުޖެއް

ނާސިރުގެ މޭސްތިރި ކަމުގެ ދަށުގައި ހުވަދު އަތޮޅާއި ފުވައްމުލަކު ދިވެހި ދައުލަތުގެ ބާރުގެ ދަށަށް ގެންނަން އަސްކަރީ ބާރު ބޭނުން ކުރުން ވީ އިނގިރޭސިން އެކަމާ މެދު ނުރުހުން ފާޅުކޮށް ފިޔަވަޅުތަކެއް އަޅަން ޖެހުނު ކަމަކަށެވެ. ހުވަދު އަތޮޅު ދިވެހި ސަރުކާރުގެ ބާރުގެ ދަށަށް ގެންނެވުމަށް ސިފައިންނާ އެކު ނާސިރު މޯލްޑިވް ސްޓާރުގައި ޖުލައި 1959 ގައި ވަޑައިގެން އެޅުއްވި ފިޔަވަޅުތަކުގައި ބަޑިޖެހުމުގެ ސަބަބަބުން މީހުން މަރުވުމާ ގުޅިގެން އިނގިރޭސިވިލާތުން އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށް ދިވެހި ސަރުކާރަށް މުއްދަތެއް ނެތް "ކޮމާޝަލް އެމްބާގޯ" އެއް ނުވަތަ ވިޔަފާރި މުއާމަލާތް ހުއްޓާލުމުގެ އިންޒާރު ދިނެވެ.

ސިލޯނުގައި ހުންނަ އިނގިރޭސި ހައިކޮމިޝަނުން އޯގަސްޓް 7، 1959 ގައި ނެރުނު ބަޔާނެއްގައިވެ އެވެ:

"ދިވެހި ރާއްޖޭގެ ހުވަދު އަތޮޅުގައި ދިވެހި ސަރުކާރުން ހަތިޔާރު ބޭނުން ކޮށް, މީހުނާއި މަދަނީ އަމާޒުތަކަށް ބަޑި ޖަހައި ހިންގި ހަރަކާތުގައި މީހުން މަރުވެފައި ވާތީ އެކަން ޔުނައިޓެޑް ކިންގްޑަމްގެ ސަރުކާރުން ވަރަށް ބޮޑަށް ކުށްވެރި ކުރަމެވެ. އަދި މިފަދަ ފިޔަވަޅުތަކެއް، އައްޑު އަތޮޅުގައި އަޅައި ލޭ އޮހޮރުވުމަކީ އެކަމާ މެދު ވަރަށް ކަންބޮޑުވާ ކަމެކެވެ.

ހުވަދޫ ހާދިސާ އަށް ފަހު ތަފާތު ބަހުރުވައިން ދިވެހި ސަރުކާރަށް އިންޒާރު ދިނުމުގެ އިތުރަށް ސިންގަޕޫރުން އިނގިރޭސި ސިފައިން ފުރިހަމަ ހަތިޔާރާއެކު ގަމަށް ގެންދިޔަ އެވެ. އެއީ، ހުވަދު އަތޮޅާއި ފުވައްމުލައް ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމަށް އަސްކަރީ ފިޔަވަޅުތައް އެޅުމާ ގުޅިގެންނެވެ.

ދިވެހި ރާއްޖޭގެ ހުވަދު އަތޮޅުގައި ދިވެހި ސަރުކާރުން ހަތިޔާރު ބޭނުން ކޮށް, މީހުނާއި މަދަނީ އަމާޒުތަކަށް ބަޑި ޖަހައި ހިންގި ހަރަކާތުގައި މީހުން މަރުވެފައި ވާތީ އެކަން ޔުނައިޓެޑް ކިންގްޑަމްގެ ސަރުކާރުން ވަރަށް ބޮޑަށް ކުށްވެރި ކުރަމެވެ. އަދި މިފަދަ ފިޔަވަޅުތަކެއް، އައްޑު އަތޮޅުގައި އަޅައި ލޭ އޮހޮރުވުމަކީ އެކަމާ މެދު ވަރަށް ކަންބޮޑުވާ ކަމެކެވެ.
އިނގިރޭސި ހައިކޮމިޝަން

އޯގަސްޓް މަހުގެ ފުރަތަމަ ހަފުތާގައި ގަމަށް ގެންދިޔަ ހަތިޔާރު އެޅި 100 ސިފައިން އަނބުރާ ގެންދިޔައީ 17 އޯގަސްޓް ގަ އެވެ. އެއީ މިކަމާ ދިވެހި ސަރުކާރުން ވަރަށް ބޮޑަށް ދެކޮޅު ހަދާ ނުރުހުން ފާޅު ކުރުމުންނެވެ.

ދިވެހި ރާއްޖެއިން އެކަމާ ދެކޮޅު ހެދުމުން އިނގިރޭސިން ރައްދު ދިނެވެ. އިނގިރޭސި ވައިގެ ސިފައިންނާ ހަވާލާދީ ރޮއިޓާސް ނިއުސް އެޖެންސީން ބުނެފައިވާ ގޮތުގައި "އެއީ ވައިގެ ހަރަކާތްތެރިކަން ވަޒަން ކޮށްލުގެ ގޮތުން ހިންގި ތަމްރީނެ" ކެވެ. " ދިވެހިރާއްޖެއަށް ހާސް ކަމެއް ނެތެ. އަދި ހަމަލާއެއް ދޭކަށް ނޫޅެމު" އެވެ. -- މިއަދު ވެސް މިފެންނަނީ ރާއްޖޭގެ ކަންކަމުގައި ރާއްޖެއިން އަޅާ ފިޔަވަޅުތަކަށް ކެތް ނުކުރެވިގެން އިންޑި އާއި އެމްރިކާއި އާއި އިނގިރޭސީންނާ އަދި އެމީހުންނާ ގުޅިފައިވާ ދިވެހިންނާއި އެމީހުންނާ ގުޅިފައި ގައުމުތަކުން ތަފާތު ގޮތްގޮތަށް ރާއްޖެއާ "ބެހޭ" ތަނެވެ.

އިނގިރޭސިންނާ އޮތް ގުޅުން ހީނަރުވެ އަދި ދެކުނުގެ ތިން އަތޮޅުގައި ސިޔާސީ ހަމަނުޖެހުން އުފެދުނު ދުވަސްވަރު، ބޮޑުވަޒީރު ނާސިރު އަވަށްޓެރި އަދި އިސްލާމީ ގައުމުތަކުގެ ސަޕޯޓް ހޯއްދެވުމަށް މަސައްކަތް އިތުރު ކުރެއްވި އެވެ. ޗައިނާއާ ގާތަށް ޖެހިލުމާއެކު މިސުރުގެ ރައީސް ޖަމާލް އަބްދުއް ނާސިރާ ބައްދަލު ކުރެއްވުމަށް އިބްރާހިމް ޝިހާބު ފޮނުއްވި އެވެ. ސީނަށް / ޗައިނާއަށް ވަފުދެއް ފޮނުއްވެވި އެވެ. އަދި އެހެން ވަފުދުތައް ޕާކިސްތާނާއި ސައުދީ އާއި އިންޑިއާ އަށް ވެސް ފޮނުއްވާފައިވެ އެވެ.

ގަމުގައި އިނގިރޭސިންގެ އަސްކަރީ މަރުކަޒެއް ގާއިމްކުރުމާ މެދު އުފެދިފައިވާ ދެބަސްވުން ހައްލުވެ އަދި ބަޣާވާތް ނިމުމަކަށް އައީ ފެބްރުއަރީ 3، 1960 ގައި ވި އެއްބަސްވުމުގެ ދަށުންނެވެ.

މި އެއްބަސްވުމުގެ ދަށުން އިނގިރޭސި ސަރުކާރުން 850،000 ޕައުންޑް (ގާތްގަނޑަކަށް 18 މިލިޔަން ދިވެހި ރުފިޔާ) ގްރާންޓެއް ގޮތުގައި ދޭން ހަމަޖެހުނެވެ. މީގެ ތެރެއިން 100،000 ޕައުންޑް (ގާތްގަނޑަކަށް 2.1 މިލިޔަން ރުފިޔާ) ހަރަދު ކުރުމަށް ކަނޑައެޅީ އެކި އަހަރުތަކަށް ބަހާލައިގެން ރާއްޖޭގައި ތަފާތު ތަރައްގީގެ މަޝްރޫއުތައް ހިންގާށެވެ.

ފެބްރުއަރީ 1959 ގައި ކޮލަމްބޯގައި ހުންނަ އިނިގިރޭސި ހައިކޮމިޝަނުން ބުނެފައިވާ ގޮތުގައި ދިވެހި ސަރުކާރުން ފާހަގަކުރާ އެއް ނުކުތާއަކީ "އަށާރަ އައްޑަިހަތެއް" ގެ އެއްބަސްވުމަށް ފަހު ތަފާތު އެތަކެއް އެއްބަސްވުމުގައި ދެ ގައުމުގެ ދެމެދުގައި ސޮއި ކުރެވުނު ނަމަވެސް، ރާއްޖޭގެ މިނިިވަން ކަމަށް އެއްވެސް ހުރަހެއް ކުރިމަތިނުވެ ދެމިގެން ގޮސްފައިވެ އެވެ. އެކަން އިނގިރޭސި ސަރުކާރުން ގަބޫލު ކުރެ އެވެ.

އަދި އޭގެ ޖަވާބަކަށް ހައިކޮމިޝަނުން އިންތިޒާރު ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ. ކޮލަމްބޯގައި ހުންނަވާ ރާއްޖޭގެ ރެޕްރެޒެންޓެޓިވް ފެބްރުއަރީ 9 ގައި ނެރުއްވި ބަޔާނެއްގައި ވާގޮތުން ދިވެހި ސަރުކާރުން ވަނީ އިނގިރޭސި ސަރުކާރަށް ހުށަހެޅުމެއް ހުށަހަޅާފަ އެވެ. އެއީ ރާއްޖެ އަށް މިނިވަންކަން ލިބިފައިވާ ކަމުގެ ގަރާރެއް ރަސްމީކޮށް އިއުލާން ކުރުމަށް ހުށަހަޅައިފައިވާ ހުށަހެޅުމެވެ.

އިނގިރޭސި ހައިކޮމިޝަނަރު އޭއެފް މޯލީ މިކަމާ ގުޅޭ ގޮތުން ވިދާޅުވެފައި ވަނީ 1953 ގެ އެއްބަސްވުމަށް ބަލާއިރު، ރާއްޖެ އަށް ރަސްމީކޮށް މިނިވަންކަން ދިނުމުގެ ގަރާރެއް ނުވަތަ އެއްބަސްވުމެއް އެކުލަވާލުމަކީ އިނގިރޭސި ސަރުކާރަށް ވަރަށް ދަތިކަމަކަށް ވާނެ އެވެ.

ދިވެހި ސަރުކާރުގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖެ އަކީ މިނިވަން ގައުމެއް ކަމުގައި އިއުލާން ކުރުމަށް އިނިގރޭސިންނަށް ދަތިވަނީ އެއްވެސް ރަސްމީ އެއްބަސްވުމެއް ނެތި ގަމުގައި އިނގިރޭސިންގެ އަސްކަރީ މަރުކަޒެއް ގާއިމްކުރުމުގެ މަސައްކަތް ކޮށްފައި ވާތީ އެވެ.

ރާއްޖެ އިން މިނިވަންކަމަށް އެދެމުންދާތީ އިނގިރޭސި ޚާރިޖީ އޮފީހުގެ ލަފައަކަށް ވަނީ އެދިފަ އެވެ. މިގޮތުން، ބްރިޓިޝް ކޮލޯނިއަލް ސެކްރެޓަރީ ޑަންކަން ސެންޑީސް އަށް ބޮޑުވަޒީރު ނާސިރު ސެޕްޓެމްބަރު 28، 1963 ގައި ފޮނުއްވި ނޯޓެއްގައި ވިދާޅުވެފައިވާ ގޮތުގައި "ދިވެހި ރާއްޖެ ވަރަށް އަވަހަށް ފުރިހަމަ މިނިވަންކަން ލިބިގެންވާ ގައުމަކަށް ވާނޭ ކަމަށް އުއްމީދު ކުރައްވަ" މެވެ. "އަދި ދިވެހި ސަރުކާރުން މިނިވަން ކަމަށް އެދި ހުށަހަޅާ ހުށަހެޅުން އިނގިރޭސިވިލާތުން ގަބޫލުކުރަން އަޅުގަނޑު ދިވެހިރާއްޖޭގެ ދައުލަތުގެ ފަރާތުން އެދެމެ"ވެ.

ރާއްޖެއަށް މިނިވަންކަން ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމުން އެކަމާ އިނގިރޭސިވިލާތުގެ ބައެއް ނޫސްތަކުން ވަރަށް ބޮޑަށް ފާޑުކިޔައި މަލާމާތްކޮށް ހެދި އެވެ.

ޖުލައި 27، 1965 ގެ "ދި ގާޑިއަން އެންޑް ދި އޮބްޒާވަރު" ނޫސް ބުނާ ގޮތުން ރާއްޖެ / އިނގިރޭސި އެއްބަސްވުމުގެ ނަތީޖާ އަކީ ސުއޭޒް ކެނެލްގެ އިރުމަތީގައިވާ އިނގިރޭސިންގެ ދިފާއީ ބާރު ފާރުތައް ނިކަމެތިވެގެން ދިއުމެވެ. އެއީ އިނގިރޭސި ސަރުކާރުން ހެދި ވަރަށް ބޮޑު ގޯހެއް ކަމަށް ސިފަކޮށްފައި ވެއެވެ. ނަމަވެސް މި އެއްބަސްވުމުން އިނގިރޭސިންނަށް ލިބުނު ޔަގީންކަމަކީ 1984 އާ ހަމައަށް އައްޑު އަތޮޅުގައި ތިބުމުގެ މިނިވަންކަމާއި އަދި ބޭރު ގައުމަކަށް ރާއްޖޭގައި އަސްކަރީ މަރުކަޒެއް ހެދުމުގެ ފުރުސަތު ނުދޭނެ ކަމުގެ އިތުބާރެވެ.

އެކަން އަދިވެސް އޮތީ އެގޮތުގަ އެވެ. އެކަމަކު މިހާރު މިވަނީ އިނގިރޭސީން ފަދައިން ރާއްޖެ އަމިއްލައަށް އިންޑިއާގެ "އުނގުތެރެއަށް ވެއްޓިގެންފަ" އެވެ.