ރިޕޯޓް

ލޭ ނުދޭ މައްސަަލަ ނާސިރު ހައްލުކުރީ އެކަތިފަހަރުން!

Jun 14, 2017
5
  • ލޭ ނުލިބިގެން ފުރާނައެއް ގެއްލިގެން ނުވާނެ ކަމަށް އެންގެވި
  • ލޭ ދޭން ބިރުން ބައެއް މީހުން ސިފައިންގެއިން ވަކިވި
  • ސިފައިން ލޭ ނުދީފި ނަމަ ވަޒީފާއިން ވަކި ކުރާނެ ކަމަށް އެންގި

މިއަދަކީ ދުނިޔޭގައި ފާހަގަ ކުރާ "ބްލަޑް ޑޯނާސް ޑޭ" އެވެ. މިއަދުވެސް ދެތިން މީހަކު "ލޭ ފޮދެއް" ލިބިދާނެ ހެއްޔޭ؟ އަހައި ފޭސްބުކްގައި ޖަހާގައި އޮއްވާ ދުށީމެވެ. އެއިން އެއްވެސް މީހެއްގެ ލޭގެ ގްރޫޕާ އަހަރެންގެ ލޭ ދިމައެއް ނުވެ އެވެ. ދެރަވީ ބައިނަލް އަގުވާމީ ލޭ ހަދިޔާ ކުރުމުގެ ދުވަހުވެސް ލެއަށް ބޭނުންވާ އެ މީހުނަށް ލޭ ނުދެވުނީމަ އެވެ. ހަގީގަތަކީ އަދިވެސް ރާއްޖޭގައި ލޭ ހަދިޔާކުރުމުގެ ރޫހު ނެތުމާއި ލޭ ލިބުމުގެ ދަތިކަން ބޮޑުވެފައި އޮތުމެވެ. ހާއްސަކޮށް ލޭ އަޅާ ބަލީގެ ކުދިންނަށެވެ.

ލޭ ހަދިޔާކުރާ މީހުންގެ އަދަދު އިތުރެއް ނުވެ އެވެ. ލޭ ފޮދެއް ދެނީ އަބަދުވެސް އެއް ބައެކެވެ. ހާއްސަކޮށް އަންހެނުން ލޭ ދީ އުޅޭތަން އެއްގޮތަކަށް ވެސް ނުފެނެ އެވެ. ދިމާއަށް ބުނަނީ "ނުކެރޭނެ" އޭއެވެ.

ރާއްޖޭގައި އެއް ގޮތަކަށް ވެސް ލޭ ދޭން މީހުން ބޭނުން ނުވެ އެކަމާ އިންކާރު ކުރި އިރެއް ދިޔައެވެ. މިހާރު މި އޮތް މިންވަރަށް ލޭ ލޭގެ މައްސަލައަށް ހައްލެއް ހޯއްދަވައި ދެއްވީ ކުރީގެ ރައީސް އިބުރާހިމް ނާސިރެވެ. މިހާރުގެ ހާލަތަށް ބަލާއިރު ނާސިރު ކަންތައް ކުރެއްވި ގޮތުގެ ތަޖުރިބާއަކީ ލޭ ހޯދުމުގައި އާ ނަޒަރަކުން ވިސްނާނެ މަގަކަށް ވާނެ އެވެ.

ނަވާރަ ސަތޭކަ ފަސްދޮޅަސް ނުވަ ވަނަ އަހަރުގެ ކުރީކޮޅުގެ ދުވަހެއްގައި މިނިސްޓްރީ އޮފް ހެލްތުން ލޭގެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބައްލަވައި އެކަން ރައީސްގެ ސަމާލު ކަމަށް ގެންނެވުމަށް ރައީސް ނާސިރަށް ސިޓީފުޅެއް ފޮނުއްވައިފި އެވެ. އެފަދަ ކަންކަމުގައި ނާސިރުގެ ނިންމެވުންތައް ބައްޓަންެވެފައި އޮންނަ ގޮތަކީ އެވަގުތަކަށް މުހިންމު ކަމަކަށް އަވަހަށް ފިޔަވަޅުއްވާ އެކަތިފަހަރުން ނިންމަވައިލެއްވުމެވެ.

ނާސިރު ވެރިކަން ދޫކޮށްލެއްވުމާ ވަރަށް ގާތަށް ވެސް އެ މަނިކުފާނަކީ ހެނދުނު ބަރާބަރު 00: 9 ޖަހާއިރު އޮފީހަށް ވަޑައިގަންނަވާ ބޭފުޅެކެވެ. ވެރި ކަމުގެ އެންމެ ފަހު މަސްތަކުގައި އެ އާދައަށް ބަދަލު ގެންނެވައި ތަންކޮޅެއް ލަސްކޮށް އޮފީހަށް ވަޑައިގަންނަވަ އެވެ.

އެ މަނިކުފާނުގެ ދުވަހުގެ މަސައްކަތްޕުޅު ބިނާ ކުރައްވަނީ އޮފީސްކޮޅުގެ ދެ ސެކެއްޓަރީންނާއި ޕްރައިވެޓް ސެކެއްޓަރީ އާއި ސަރުދާރުގެ އެހީތެރިކަމާއެކު އެވެ. އެކަންކަން ކުރައްވަނީ މޭޒުކޮޅުގައި މުޅި އޮފީހަށް އަޑު ހިފާ ގޮތަށް ބަހައްޓާފައި ހުންނަ ކަރަންޓް ރަނގަބީލެއް ޖައްސަވައިގެނެވެ. އެއްވަނަ ސެކެއްޓަރީއަށް ޖަހާނީ އެއް ރަނގަބީލެވެ. ދެވަނަ ސެކެއްޓަރީއަށް ރަނގަބީލުގައި ދެ ބޮނޑި އަޅުއްވަނީ އެވެ. ތިނެތި ޖައްސަވައިފިނަމަ އެއީ ސަރުދާރާ ޖެހުނީ އެވެ.

މަސައްކަތްތަކުގެ ކުޑައަޑި އާއި ބޮޑު ކުޑަމިން ދެނެގަތުމަށް ސިޓީތަކާއި ނޯޓްތައް ގެންގުޅެން ޖެހެނީ ކްލިޕް ބޯޑުގައި ހަރުކޮށްގެނެވެ. އެމަނިކުފާނު ބައްލަވައިލެއްވީމާ ބޯ މިނުން ނޫނީ ތުނިކަމުން މަސައްކަތުގެ ބުރަކަމާއި ލުއިކަން ދެނެވަޑައިގަތުމަށެވެ. ހުރިހާ ސިޓީއެއް ވެސް ސުރެންސުރެން ބައްލަވާ އައްސަވައި އަވަސް ކަންތައްތައް އެދުވަހު ނިންމަވާފައި ނޫނީ ގެއަށް ވަޑައެއް ނުގަންނަވަ އެވެ.

ރައީސް ނާސިރުގެ މަސައްކަތް މި މަގަށް ބައްޓަން ކުރައްވާފައި ވަނިކޮށް އޭރުގެ ހެލްތު މިނިސްޓަރު އަދި ރާއްޖޭގެ ފުރަތަމަ އަންހެން މިނިސްޓަރު މޫމިނާ ހަލީމްގެ ސިޓީފުޅެއް ލިބިވަޑައިގެންފި އެވެ.

އެކަމަނާގެ ސިޓީފުޅުގެ މައި ގަނޑަކީ ބަލި މީހުންނަށް ހޮސްޕިޓަލުން ލޭ ދޭން ޖެހޭ ކަމަށާއި ހޮސްޕިޓަލުގައި ލޭ އެޅެން ވެސް ހުރި ކަމަށާއި ނަމަވެސް ލޭ ލިބުމުގެ ދަތިކަން ވަރަށް ބޮޑުވެއްޖެ ކަމަށެވެ. ލޭ ދިނުމަށް މީހުން ފަސްޖެހި، އެކަމާ ބިރު ގަންނަ ވާހަކަ އެވެ. އަދި އެއްގޮތަކަށް ވެސް ލޭ ދޭން ބޭނުން ނުވާ ވާހަކަ އެވެ.

މޫމިނާ ހަލީމްގެ ސިޓީފުޅު އެ މަނިކުފާނުގެ ދެވަނަ ސެކެއްޓަރީ މެދުވެރިކޮށް އަޑު އައްސަވާފައި ވަރަށް ބާރަށް "ހޫނއް!" އޭ ވިދާޅުވި އެވެ. މިވާހަކަ ނާސިރުގެ ދެ ވަނަ ސެކެއްޓަރީއަކަށް އުޅުއްވި ބޭފުޅަކު "ދުވަސްވީ ލިޔުންތަކުގެ ފޮތްބައި"ގެ އަދަދެއްގައި ހިސާބަކަށް ބަޔާންކޮށްފައި ވެސް އެބައޮތެވެ. އޭނާ މިހާރު ވެސް ދުޅަހެޔޮ ސިއްހަތެއްގައި އެބަ ހުންނެވި އެވެ.

ސިޓީ އައްސަވާފައި ނާސިރު ވިދާޅުވީ "ތިޔައީ ދެން އެއްވެސް ކަމެއް ނޫނޭ އެވެ! ސަރުކާރުން ކާންދީ ބަލަހައްޓާ ބަޔަކު ތިބޭނެ އެވެ. ޕަބްލިކް ސޭފްޓީ މިނިސްޓްރީއަށް މިހާރު މިވަގުތު ސިޓީއެއް ލިޔާށެވެ!"

ނާސިރު ވިދާޅުވަނީ ސިޓީ ލިޔާއިރު ސިފައިންގެ ހުރިހާ އެންމެން ހޮސްޕިޓަލަށް ފޮނުވައި ހުރިހާ ސިފައިންގެ ލޭ ނަގައި ސިފައިންގެ މީހުންގެ ލޭގެ ގްރޫޕް ވަކިކޮށް ރަޖިސްޓްރީއެއް ހެދުމަށް އެ ސިޓީގައި އަމުރު ކުރުމަށެވެ. އޭގެ ރަޖިސްޓްރީއެއް ސިފައިންގޭގަ އާއި މިނިސްޓްރީގައި ބާއްވަން އެމަނިކުފާނު އެންގެވި ކަމަށް ސިޓީގައި ލިޔުމަށް ވެސް ވިދާޅުވި އެވެ. އަދި އޭގެ ކޮޕީއެއް އެމަނިކުފާނުގެ އަތްޕުޅަށް ގެނައުމަށް ވެސް އެންގެވި އެވެ.

ނާސިރުގެ އަމުރުފުޅަށް އަދިވެސް އެ ސިޓީގައި ލިޔަނީ ހޮސްޕިޓަލުން އެންގި ސިފައިންގެ މީހަކު އެވަގުތަކު ކުރަން އެހުރި ކަމެއް ހުއްޓުވައި ލޭ ދިނުމަށް އަވަހަށް ހޮސްޕިޓަލަށް ފޮނުވަން ޖެހޭނެ ކަމަށެވެ. އަދި ސިފައިންގެ އެއްވެސް މީހަކު ލޭ ދޭން ދެކޮޅު ހަދައިފި ނަމަ އެ މީހަކު ސިފައިންގެ ތެރެއިން އެވަގުތަކުން ފެށިގެން ވަކިކުރާނެ ކަމަށެވެ.

"މިކަން މި ހަފުތާހައި ނިމޭން ވާނެ" ކަމަށް ސިޓީގައި ލިޔުމަށް ވެސް ނާސިރު އަމުރުކުރެއްވެވި އެވެ.

މީގެ އިތުރުން އެހެން ސިޓީއެއް ވެސް ލިޔުއްވި އެވެ. އެއީ ހެލްތު މިނިސްޓަރު މޫމިނާއަށް ލިޔުއްވި ސިޓީފުޅެކެވެ. ވިދާޅުވަނީ "މީގެ ފަހުން ލޭ ނުލިބިގެން ހޮސްޕިޓަލުން މީހެއްގެ ފުރާނަ ގޮސްގެން ނުވާނެ،" ކަމާށާއި "ލޭގެ މައްސަލަ އެ ގޮތަށް ރައީސް ހަމަޖައްސަވައިފި" ކަމަށެވެ.

މި ސިޓީތައް ހެލްތު މިނިސްޓްރީގެ އާކައިވްގަ އާއި ރައީސް އޮފީހުގެ އާކައިވްގައި ހުންނާނެ އެވެ. ނޫނީ ހުންނާން ވާނެ އެވެ.

ނާސިރު މިކަން ހައްލުކުރެއްވި ގޮތުގެ އެހެން ރިވާއެއް ގައި ބުނަނީ ސިޓީ އަޑު އައްސަވާފައި ކޯފާވެ "ހޫނ ހޫން" ސޭ ވިދާޅުވެފައި، "ސިފައިންގޭގައި ދައުލަތުން ކާންދީ މަސްފަލަކޮށްފައި އެ ތިބީ ލޭދޭނެ މީހުން ނޫންތޯ" އޭ، "މޫމިނާ މެނަށް ތިޔަކަން ބޮޑުވާންވީ ކީއްވެ" ހެއްޔޭ ވިދާޅުވި ކަމަށެވެ. އެކަމަކު މިއީ ބަލިކަށި ރިވާއެކެވެ. އެހެންނަމަވެސް ދާދި އެއްވާހަކައެކެވެ.

ލޭ ލިބުމުގެ މައްސަލައިގައި ނާސިރު އެޅުއްވި ފިޔަވަޅުން އެކަން އޭރަށް ހަމަ މުޅީން ހައްލުވި އެވެ. އެކަމަކު ލޭ ދޭންޖެހޭތީ އެކަމާ ކަންބޮޑުވެގެން ސިފައިންގެ ތެރެއިން ބައެއް މީހުން ވަޒީފާ ދޫކޮށްލި އެވެ. އަދި ނުދިން ބައެއް މީހުން ވަގުތުން ވަޒީފާއިން ވަކި ކުރި އެވެ.

ކުއްލި މި މައްސަލަ ނާސިރު ނިންމެވި ގޮތުގެ ރަސްމީ ސިފަ މިހާރު ކެނޑިފައި ވިޔަސް އެ އާދައިގެ ދަށުން މިހާރު ވެސް އެންމެ ގިނައިން ލޭ ހަދިޔާ ކުރާ ބަޔަކަށް ވެފައި އޮންނަނީ ސިފައިންނާ ފުލުހުންނެވެ.

ނާސިރުގެ ނިންމެވުމަށް ފަހު ލޭގެ މައްސަލައިގައި ހެލްތު މިނިސްޓަރު މޫމިނާ ހަލީމް މަޒުމޫނެއް ވެސް ލިޔުއްވާފައި އޮވެ އެވެ:

"... މީން ކޮންމެ މީހަކީ ވެސް ބަލިވެ އިނީއްސުރެ އެއްވެސް ބޭހެއް ފަރުވާއެއް ނުކުރާ އެކަމުގެ ސަބަބުން ބަލިވެ މީހާގެ ހަށިގަނޑުން ލޭ މަދުވެ ލޭގައި ހުންނަންވީ އެކިއެކި ބާވަތްތައް މަދުވެ ދެރަވެފައިވާ މީހުންނެވެ..." މަޒުމޫނުގައި ވެއެވެ. "ގިނައިން ލޭ އަންނަން ފަށައިފިނަމަ ފުރާނަ ސަލާމަތް ކުރުމުގައި އެ މީހާގެ ހަށިގަނޑަށް ލޭ އެޅެން އަދުގެ ހޮސްޕިޓަލުގައި ހަމަޖެހިފައި އެބަހުއްޓެވެ. ހިތްޕުޅަށް ގެންނަވާ އައްސަވާށެވެ. ދައުލަތުން މިކަމަށް ހާދަ މުހިންމު ކަމެއް ވަނީ ދެއްވާފަ އެވެ. ދިވެހި ސިފައިންގެ ތެރޭގެ އެންމެން ދައުލަތުގެ އަމުރުފުޅަށް މިހާރު ތިބެނީ ލޭ ގްރޫޕް ކޮށްފަ އެވެ. މި ގްރޫޕްކޮށް ލޭގެ ގްރޫޕް އެނގޭނޭ ރެކޯޑެއް ހޮސްޕިޓަލުގައި ވަނީ ތައްޔާރުވެފަ އެވެ. އަދި މިގޮތަށް ހަމަޖެހުމަށްފަހު ލޭ އަޅަން ވެގެން ލޭދޭނެ މީހަކު ހޯދުމަށްޓަކައި ސިފައިންގެއަށް ފޯނުކޮށްލުމުން 15 މިނެޓްއިރު ތެރޭގައި ހޮސްޕިޓަލުން އެދުނު ބަޔަކު ހޮސްޕިޓަލަށް ފޮނުވައިދެ އެވެ. އޭރަކު ކުރާ މަސައްކަތް ހުއްޓާފަ އެވެ. ސަރުކާރުގެ ނުވަތަ އަމިއްލަ ވަގުތުތަކުގައި ތިބި ނަމަވެސް މި ދެންނެވި ގޮތުގައި ލޭ ދިނުމަށް ތައްޔާރުވެގެން އަންނަނީ ލޭ ދޭހިތުންނެވެ. ދުވަހަކު ނުވެސް ދެކޭ ނުވަސް ދަންނަ މީހެއްގެ ފުރާނަ ސަލަމާތްކުރެވޭތޯ ތިމާގެ ހަށިގަނޑުން ލޭ ދިނުމަށެވެ. ކުޑަ އެތިފޮދެއް ނޫނެވެ. 500 މިލި ލީޓަރެވެ."