މި އަދަކީ އިނގިރޭސީންގެ ހިމާޔަތުން ނިކުމެވި، ރާއްޖޭގެ މިނިވަން ދުވަހެވެ. މި ހާއްސަ ނިއުމަތް ދިވެހިންނަށް ލިބުނީ ދިވެހި ރާއްޖޭގެ ސިޔާދަތީ އެންމެ މަތީ މަސްލަހަތަށްޓަކައި ރައީސް ނާސިރު ހިންގެވި ދިގު، ހިންގެވުމެއްްގެ ސަބަބުން ކަމަށް ޝައްކު ކުރާނެ އެއްވެސް ޖާގައެއް ނެތެވެ. އަދި ބޭރުގެ ނުފޫޒުތަކަށް ފުރުސަތު ނުދެއްވައި ގައުމުގެ އެންމެ މަތީ މަސްލަހަތަށްޓަކައި ރަނގަޅު ވަގުތުގައި އެމަނިކުފާނު މީހެއްގެ މޫނާއި ކަނދުރާއަށް ބެލުމެއް ނެތި އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންނެވެ.
މިނިވަންކަން ހޯދަން ދިވެހިން ނުކުތް މައިގަނޑު ސަބަބަކީ ދިވެހި ސަރުކާރުން ވަކިވެ، އައްޑޫއަކީ ވަކި ދައުލަތަކަށް ހަދަން އިނގިރޭސީން އަޑީގައި ތިބެ ހިންގި ހަރަކާތްތަކެވެ. އެއީ އިނގރޭސި ސިއްރު ކޯޑް، "އޮޕަރޭޝަން ކޮންކިއުބައިން" ގައި އިނގިރޭސި ސަރުކުރާއި އެ ގައުމުގެ ކޮންޒެވޭޓިވް ގަރާރުކޮށްފައިވާ ނިންމުމެކެވެ. އެ ގަރާރުގައި އެންމެ ފުރަތަމަ "ދިވެހިރާއްޖެ - އައްޑު އަތޮޅު" ޖަހާފައި އޮތް ޖުމްލައިގައި ފުރަތަމަ އޮތީ "ސޭޝަލް - މާހޭ" އެވެ. އަދި ސްރީލަންކާ - ކޮލަމްބޯ" މިހެނެވެ. ނަމަވެސް ކޮންކިއުބައިން ސާވޭ އާއި އިނގިރޭސި "ގަން ބޯޓް ޑިޕްލޮމަސީ"ގެ ތެރެއިން ދިވެހި ރާއްޖޭގެ އައްޑު އަތޮޅަށް އެކަން ބަދަލުކޮށްލީ ހަނގުރާމައިގެ ފަސޭހައަށާއި ޖިއޯ ޕޮޮލިިޓިކްސްގެ ބޭނުމަށެވެ.
އިނގިރޭސި ސަރުކާރުގެ ފަރާތުން ރާއްޖެ އަށް ވަޑައިގަންނަވާ ތަފާތު ފެންވަރުގެ ބޭބޭފުޅުންނަށް ރައީސް ނާސިރުގެ ފައިންޕުޅުދުށުމަށް ބައްދަލު ކުރައްވަ އެވެ. އޭގެތެރެއިން ބައެއް ފަހަރު ބައްދަލު ނުކުރައްވާނެ ކަމަށް ސީދާ ދިމާއަށް ވިދާޅުވެ އެވެ.
އެ ދުވަސްވަރު ކޮމަންވެލްތުގެ ވަޒީރު ޑަންކަން ސޭންޑިސް ވަޑައިގެން އެޕޮއިންޓްމެންޓަކަށް އެދި ވަޑައިގަތުމުން ދެއްވި ވަގުތަށްވުރެ ގަޑި ލަސް ކުރައްވައިގެން ވެސް ރައީސް ނާސިރު އޭނާއާ ބައްދަލު ކުރެއްވި އެވެ. ނާސިރުގެ ކަންތައް ކުރެއި އެ ގޮތަށް ޑިޕޮލަމޭޓަކަށް ގަޑި ދެއްވުމަށްފަހު ވައިޓިން ރޫމުގައި ބޭންދެވި ދެވަ ރައީސަކީ ޑރ. މުހައްމަދު ހަސަން މަނިކެވެ.
ތިޔައީ ބަދަލު ނުކުރެވޭ ގޮތަށް ލިޔުނު އިބާރާތެއް، ތިޔަ އިބާރާތް އަހަރެން ބުންޏަސް ދިވެހިން ބަދަލެއް ނުކުރާނެ،ރައީސް ނާސިރު
ރާއީސް ނާސިރާއި ޑަންކަން ސޭންޑިސް އާއި ދެމެދު ބޭއްވި އެ ބައްދަލުވުމުގައި އޭރު ޑްރާފްޓް ކުރަމުންދިޔަ ދިވެހި ރާއްޖޭގެ މިނިވަން ކަމާބެހޭ ލިޔުން ބައްލަވައި "މިތަންކޮޅު ބަދަލުކޮށްލައްވައި ދެއްވާށޭ!" ޑަންކަން ސޭންޑިން ރައީސް ނާސިރަށް ދެންނެވި އެވެ. އަދި އޭރު އައްޑު އަތޮޅު ނޫނީ ސްރީލަންކާގައި ބާއްވަން އުޅުނު ކޮލަމްބޯ ޕްލޭން ހަވާސާ ޖަލްސާއަށް "ރައީސް ވަޑައިގަންނަވާންވާނީ މިތަން ބަދަލު ކުރައްވައިގެނޭ" ވެސް ޑަންކަން ސޭންޑިސް ދެންނެވި އެވެ.
އެހެން ނަމަވެސް ރައީސް ނާސިރު އެ ދުވަހު ވިދާޅުވި އެވެ:
"ތިޔައީ ބަދަލު ނުކުރެވޭ ގޮތަށް ލިޔުނު އިބާރާތެއް، ތިޔަ އިބާރާތް އަހަރެން ބުންޏަސް ދިވެހިން ބަދަލެއް ނުކުރާނެ،"
ރައީސް ނާސިރު އެހެން ވިދާޅުވުމުން ނަމަވެސް ޑަންކަން ސޭންޑިސް ނާސިރަށް ދެ ލޯފުޅު އަޅުއްވައި ތްރެޓް ކުރައްވަން އުޅުއްވި އެވެ. ނަމަވެސް ރައީސް ނާސިރު، ޑަންކަން ސޭންޑިސްގެ މޫނަށް ނުބައްލަވާ އިސްޖެއްސެވި ގޮތަށް އިންވައިގެން ޑަންކަން ސޭންޑިސް ބައްދަލުވުމަށް ގެންދެވި ޑްރާފްޓް ކަރުދާހުގައި ބޮޅު ބޮޅަށް ރޮނގު އަޅުއްވައި ހައްދަވާފައި ދިވެހިނ ބަހުން "ނޫން ނުވާނެ" ޖައްސާވާފައި ކޮލި އަލިމަކުގެ އަތްޕުޅަށް ދެއްވީފައި ވަޑައިގެންނެވ އެވެ.
ދާހިލީ ވަޒީރު ކަރަންކާގޭ އިބްރާހިމް ރަޝީދު ވިދާޅުވެފައި އޮންނަ ގޮތުގައި އެ ބައްދަލުުވުމުގައި ރައީސް ނާސިރު އިސް ނުނަންގަވައި "ތިންގަޑިއިރު" އިންނެވި އެވެ. ނަމަވެސް ފަހުން އެނގުނު ގޮތުގައި އެއީ އަކީ ރަނގަޅު ގޮތެއް ނޫނެވެ. ރަނގަޅު ގޮތަކީ ބައި ގަޑިއެއްހާއިރު ސޭންޑިސްގެ މޫނުފުޅަށް ނުބައްލަވާ އިންނެވުމެވެ. އެ ބައްދަލުވުމުގައި ޑަންކަން ސޭންޑިސްއަށް ޖެހި ވަޑައިގަތީ ޑްރާފްޓް އެގްރީމެންޓްގެ ހުރިހާ ގަނޑެއްގައި ސޮއި ކުރައްވާފައި ވަޑައިގަންނަވާށެވެ. އޭނާއަކަށް އިނގިރޭސި "ގަން ބޯޓް ޕޮލިސީ"ގައި ދިވެހި ރާއްޖޭގެ ރައީސް "ކޮއްޕާ ގަޅުވައެއް" ނުހެއްދެވުނެވެ.
ނާސިރަކީ ބަސްމަދު މަދު އާންމުންގެ ތެރެއަށް ނުކުމެ ވަޑައިގެން ހީނ ސަމާސާ ކުރައްވާ އުޅުއްވި ބޭފުޅެއް ނޫނެވެ. އެކަމަކު އެމަނިކުފާނަކީ ވަރަށް ވަރުގަދަ "ނޭޝަނަލިސްޓެ"ކެވެ.
ހަގީގަތުގައި ގައުމީ އަދި ވަތަން ސިޔާދަތީ ލޯބީގައި ރައީސް ނާސިރު ރާއްޖެއަށް މިނިވަންކަން ހޯއްދަވައި ދެއްވަން ކުރެއްވި މަސައްކަތަކީ އިނގިރޭސި އިސްތިއުމާރުގެ ހަރުކަށި ބާރާއި އެ ދައުލަތުގެ ވަރުގަދު ނިންމުންތަކުގެ ބާރުތަކާ ދެކޮޅަށް ކުރެއްވި މަސައްކަތަކަށް ވުމުން އެއީ "މުޅި ދުނިޔެއާ ދެކޮޅަށް" ނާސިރު ކުރެއްވި މަސައްކަތްޕުޅެއްގެ ގޮތުގައި ސިފަ ކުރެވިދާނެ އެވެ.
އިނގިރޭސީން ރާއްޖޭގައި ހިންގި ސިޔާސީ ކަންމުގެ ތެރެއަށް "ދިވެހިންގެ ބާރު" ވައްދައި ސީދާ އިނގިރޭސި އިސްތިއުމާރާ ދެކޮޅަށް ބަސްފުޅު ވިދާޅުވި އެވެ. އަދި އިނގިރޭސިން ރާއްޖެއިން ބޭރު ކުރުމުގެ މަސައްކަތަށް ތާއީދު ހޯއްދެވުމަށް ބައިނަލްއަގުވާމީ ކެމްޕޭނެއް ވެސް ނާސިރު ހިންގެވި އެވެ. އިނގިރޭސިންނާ ދެކޮޅަށް ބޮޑެތި މަދަނީ ބަސްނޭހުމުގެ ހަރަކާތްތަކެއް ރޭއްވެވި އެވެ. އެ ހުރިހާ ކަމަކާ ހުރެ، ރާއްޖެއަށް އަސްކަރީ ބިރުވެސް އޭރުގެ އިނގިރޭސިން ދެއްކި އެވެ. އެކަމަކު ނާސިރު އޭރު ވެސް ވިދާޅުވެފައި ވެއެވެ:
"އިނގިރޭސިންނާ ދެކޮޅަށް ކުރާ މަސައްކަތް މިފަހަރު ހުއްޓާލާނީ 'ހިމާޔަތު' ގެ ލަފުޒް އުނިކޮށްލައިގެން،"
ދުނިޔޭގެ އެންމެ ބޮޑު އެއް ބާރާދެކޮޅަށް ނާސިރު "ސިޔާދަތީ ހަރުކަން" ނުދެއްކެވި ނަމަ، މި މިނިވަންކަމުގެ ފޮނި ރަހައެއް ދިވެހިންނަކަށް ނުލިބޭނެ އެވެ.
ނާސިރާއެކު އެ މަސައްކަތުގައި އޭރު ކޮލަމްބޯގައި ހުންނަވައިގެން ބުރަ މަސައްކަތްތައް ކުރެއްވެވި އަބްދުއްސައްތާރު މޫސާ ދީދީ ވިދާޅުވެފައިވާ ގޮތުގައި ރައީސް ނާސިރު އެ މަސައްކަތްޕުޅު ފައްޓަވަން ޖެހުނީ އިނގިރޭސީންގެ ނުފޫޒު ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް މާ ބޮޑަށް ފޯރަމުން ގޮސް، އެކަމަށް ދެން ރައީސް ނާސިރަށް ކެތް ނުކުރެވިގެނެވެ.