ތާރީހު

ބޮޑުވަޒީރުކަމާއި މަގާމުގެ ބާރުތައް އުފެދި ނިމިގެން ދިޔަ ގޮތް

Jun 27, 2017
1

ދިވެހި ސިޔާސީ ނިޒާމުގައި ރަސްގެފާނުގެ ބާރުތައް މުޅިންހެން ކެނޑިއްޖެ އެވެ. އެ ހިސާބުން ބޮޑުވަޒީރުގެ ބާރުގަދަވީ އެވެ. ބޮޑުވަޒީރުންގެ ބާރު ފެތުރުނު ހިސާބުން ފެށިގެން ރާއްޖޭގައި މިހާތަނަށް ނުވަ ބޭފުޅުން ވަނީ ބޮޑުވަޒީރުކަންކުރައްވައި އެކަން މާޒީގެ ތެރެއަށް ގޮސްފަ އެވެ. މާޒީގައި ބޮޑުވަޒީރުންނަށް ވީ އައްސުލްތާން މުހައްމަދު އިމާދުއްދީނު (ހަތަރު ވަނަ)، މުސްކުޅި ބަންޑާރައިންގެ ރަސްކަމުން ފެށިގެން ބޮޑު ވަޒީރުކަން ކުރެއްވި ބޭފުޅުންނެވެ.

މުސްކުޅި ބަންޑާރައިން ރަސްކަން ކުރެއްވީ 1835 އިން 1882 އަށެވެ. ބޮޑުވަޒީރުންގެ ނުވަ ބޭފުޅުންނަށް ބަލާއިރު މިކަން ފެށިފައި ވަނީ ކަކާގެ އާއިލާއިންނެވެ. އެއަށް ފަހު އަތިރީގޭ އާއިލާ އެވެ. އެންމެ ފުރަތަމަ ކަކާގޭ އަލީ ރަންނަބަނޑޭރި ކިލެގެފާނެވެ. ދެން އެކިލެގެފާނުގެ ދަރިކަލުން މުހައްމަދު ރަންނަބަނޑޭރި ކިލެގެފާނެވެ. އޭގެ ފަހަށް އަތިރީގޭ އިބްރާހިމް ދޮށިމޭނާކިލެގެފާނެވެ.

ކަކާގޭ މުހައްމަދު ރަންނަބަނޑޭރި ކިލެގެފާނާއި އަތިރީގޭ އިބްރާހިމް ދޮށިމޭނާކިލެގެފާނު ވަނީ އެތައް ފަހަރަކު ބޮޑު ވަޒީރުކަންކުރައްވާފަ އެވެ.

އިބްރާހިމް ދޮށިމޭނާ ކިލެގެފާނު ހިމެނިވަޑައިގަތީ ނުވަ ބޮޑުވަޒީރުންގެ ތެރެއިން އެ މަގާމުގައި ހުންނަވަނިކޮށް އަވަހާރަވި އެންމެ ފަހުގެ ބޮޑުވަޒީރު ކަމުގަ އެވެ. އެ ކިލެގެފާނު އަވަހާރަވީ 31 މާޗް 1925 ގައެވެ. އޭގެ ފަހުން ދިވެހިރާއްޖޭގެ ބޮޑުވަޒީރުކަން ކުރެއްވި ހަ ބޭފުޅުންގެ ތެރެއިން އަވަހާރަވެފައިވާ ފަސް ބޭފުޅުންނަކީ އެކިއެކި ސަބަބުތަކާ ހެދި މަގާމުން އިސްތިއުފާ ދެއްވައިގެން ނުވަތަ މަގާމު ގެއްލިވަޑައިގެން މަގާމުން ވަކިވެވަޑައިގެންނެވި ފަސް ބޭފުޅުންނެވެ.

އިބްރާހިމް ދޮށިމޭނާ ކިލެގެފާނަށް ފަހު ބޮޑު ވަޒީރުކަން ލިބިވަޑައިގަތީ އެ ކިލެގެފާނުގެ ދަރިކަލުން އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނަށެވެ. އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނަށް ފަހު ބޮޑުވަޒީރުކަން ލިބިވަޑައިގަތީ، އެ ކިލެގެފާނުގެ ދަރިކަލުން އަލްއަމީރު މުހައްމަދުފަރީދު ދީދީ އަށެވެ.

މުހައްމަދު ފަރީދު ދީދީ އަކީ، ފަހުން ސުމުއްވުލް އަމީރު މުހައްމަދު ފާށަނާކިލެގެފާނު، އަދި ޖަލާލަތުލް މަލިކު މުހައްމަދުފަރީދުލްއައްވަލު އެވެ. އަމީރެއް އަދި ރަސްކަލެއް މެ އެވެ. އަލްއަމީރު މުހައްމަދު ފަރީދު ދީދީގެ ބޮޑުވަޒީރުކަން ނިމުމަށް ފަހު އެކްޓިން ޕްރައިމް މިނިސްޓަރުގެ ގޮތުން ބޮޑުވަޒީރު ކަމުގެ މަސްއޫލިއްޔަތު އަދާ ކުރައްވާފައި ވަނީ މުހައްމަދު އަމީނެވެ. އަދި އެއަށް ފަހު އަލްއަމީރު މުހައްމަދު އަމީނު ގިނަ ދުވަސްތަކެއް ވަންދެން ބޮޑު ވަޒީރުކަން ކުރެއްވި އެވެ.

އެމެރިކާގެ ވެރިކަމުގެ ނިޒާމުގެ ބައެއް ނަންތަކާއި އިނގިރޭސިވިލާތް ފަދަ ބައެއް ގައުމުތަކުގެ ވެރިކަމުގެ ނިޒާމުގެ ނަންތައް ހިމެނޭ ގޮތަށް އެގްޒެކެޓިވް ޕްރެޒިޑެންސީ އާއި، ޕާލަމަންޓްރީ ޑިމޮކްރަސީގެ އުސޫލުން ވެރިކަން ހިންގާ ބައެއް ގައުމުތަކުގެ ވެރިކަމުގެ ނަންތައް ހިމެނޭ ގޮތަށް އެކަމަކު ވެރިކަމުގެ ބާރުތައް އެކަތިގަނޑަކަށްވެފައިވާ މަސްހުނި ނިޒާމެއް ގާއިމު ކުރައްވައިގެން މުހައްމަދު އަމީން ހިންގެވި ފުރަތަމަ ޖުމްހޫރިއްޔާގައި، ރައީސް ނުވަތަ ގާނޫނު އަސާސީގައިވާ ގޮތަށް ނަމަ ވަލިއްޔުލް އަމްރުގެ އިތުރަށް ބޮޑުވަޒީރުކަން ވެސް މުހައްމަދު އަމީނު އަދާ ކުރެއްވި އެވެ. ސިޔާސީ ޕާޓީއެއް ވެސް އޮތެވެ.

އެއީ ރައްޔިތުންގެ މުތަގައްދިމް ޕާޓީ، ނުވަތަ ޕީޕަލްސް ޕްރޮގްރެސިވް ޕާޓީ އެވެ. މި ޕާޓީގެ ރައީސަކީ މުހައްމަދުއަމީނެވެ.

ގައުމުގެ ރައީސްކަމާއި ބޮޑުވަޒީރުކަމުގެ އިތުރަށް ފަސް ވުޒާރާއެއްގެ ވަޒީރުކަން މުހައްމަދު އަމީނު އެއްފަހަރާ ކުރެއްވި އެވެ. މުހައްމަދު އަމީނުގެ ވެރިކަން އިންގިލާބު ކޮށްލެއްވުމަށް ފަހު އުފެދުނު ސަރުކާރުގެ ބޮޑުވަޒީރަކީ އިބްރާހިމް ފާމުލަދޭރި ކިލެގެފާނެވެ. އެއަށް ފަހު އިބްރާހިމް ނާސިރެވެ. އިބްރާހިމްފާމުލަދޭރި ކިލެގެފާނާއި އިބްރާހިމް ނާސިރަކީ ރާއްޖޭގެ އެންމެ ފަހުގެ ރަސްކަމުގެ ދެ ބޮޑުވަޒީރުންނެވެ. އިބްރާހިމް ނާސިރުގެ ބޮޑުވަޒީރުކަން ނިމުނީ ދިވެހިރާއްޖޭގައި 11 ނޮވެމްބަރު 1968 ގައި އުފެދުނު ދެވަނަ ޖުމްހޫރިއްޔާގެ ރައީސުލްޖުމްހޫރިއްޔާ އަކަށް އެމަނިކުފާނު އިސްވެ ވަޑައިގަތުމުންނެވެ.

އެ ދުވަހު އުފެދުނު ދެވަނަ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އަށް ބަލާއިރު ބޮޑުވަޒީރުގެ މަގާމެއް ނެތެވެ. އެކަމަކު އޭގެފަހުން ގާނޫނު އަސާސީ އަށް ގެނެވުނު ބަދަލާ އެކު ނުވަތަ އިސްލާހާ އެކު 1 އޮގަސްޓް 1972 ގައި އޯކިޑުމާގޭ އަހުމަދު ޒަކީ އަށް ބޮޑުވަޒީރުކަން ލިބިވަޑައިގަތެވެ.

މާޗް 6، 1975 ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ނާސިރު ވަނީ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ގާނޫނީ ބާރު ބޭނުން ކުރައްވައިގެން، (ރައްޔިތުންގެ މަޖިލީހުން ބޮޑުވަޒީރުކަމަށް ހޮވާފައިވާ) ބޮޑުވަޒީރު އަހުމަދު ޒަކީ މަގާމުން ދުރު ކުރައްވާފަ އެވެ. އެ ދުވަހުން ފެށިގެން ރާއްޖޭގެ ގާނޫނު އަސާސީގަ އާއި ވެރިކަމުގެ ނިޒާމުގައި ބޮޑުވަޒީރުގެ މަގާމު ނެތެވެ. ބޮޑުވަޒީރުގެ މަގާމަކީ އެ ދުވަހުން ފެށިގެން ނެތިފައިވާ މަގާމެކެވެ.


ޑިސެމްބަރު 22، 1932 ގައި ރާއްޖޭގައި އުފެދުނު ގާނޫނު އަސާސީން ފެށިގެން މިހާތަނަށް ހިނގަމުން އައި ގާނޫނު އަސާސީތަކަށް ބަލާއިރު، އައްސުލްތާން ހަސަން ނޫރުއްދީނުގެ ރަސްކަމުގައި (1935 އިން 1943 އަށް) އޮތް ގާނޫނު އަސާސީގައި ރަދުންނާއި ބޮޑުވަޒީރަށް އެއްވަރަކަށް އެއްކަހަލަ ޝަރަފުވެރި ބާރުތަކެއް ލިބިވަޑައިގެންފައިވެ އެވެ. އެ ގާނޫނު އަސާސީ އަށް ބަލާއިރު މަހުކަމާތައް (އޮފީސްތައް) ހިންގުމުގެ ބާރު ވަނީ ވަޒީރުއް ދާހިލިއްޔާ ނުވަތަ ހޯމް މިިނިސްޓަރަށް ލިބިވަޑައިގެންފަ އެވެ. އެހެންކަމުން އެ ދުވަސްވަރު ރަދުންނާއި ބޮޑުވަޒީރަކީ އިއްޒަތްތެރި ޝަރަފުވެރި ދެ މަގާމު ކަމުގައިވެ، ހޯމް މިނިސްޓަރަށް ވަނީ ދައުލަތް ހިންގުމުގެ ބާރު ލިބިވަޑައިގެންފަ އެވެ.

އަލް އަމީރު ހަސަންފަރީދު ދީދީ އަކީ އެ ދުވަސްވަރު ރަދުންނާއި ބޮޑުވަޒީރަށް ވުރެ ވެސް ބާރުގަދަ ބޭފުޅަކަށްވީ އެހެންވެގެނެވެ. ދެވަނަ ބޮޑު ހަނގުރާމަ ފެށުމާ އެކު އެ ދުވަސްވަރު ދައުލަތުގެ އެންމެ މަތީ ބާރު ވަނީ ހަސަން ފަރީދު ދީދީ އަށް ލިބިވަޑައިގެންފަ އެވެ. އެހެންކަމުން، ރަދުންނާއި ބޮޑުވަޒީރު 1943 ގައި އިސްތިއުފާ ދެއްވި އެވެ.