100 ސިފައިންނާއެކު ރާއްޖެއަށް އިންޒާރު!

Jul 27, 2019

އި ނގިރޭސިންނާއި ދިވެހި ސަރުކާރާ ދެމެދު މައްސަލަތައް އުފެދެމުން މުޑިއަރަމުން ދިޔަ ދިއުމާއި ދެކުނުގެ ތިން އަތޮޅުން ސަރުކާރާ ދެކޮޅަށް ބަޣާވާތް ކުރުން ވީ ރާއްޖެ އިނގިރޭސިންގެ އަތްދަށުން މިނިވަންވުމާ މެދު ފުންކޮށް ވިސްނަން ފެށި މައިގަނޑު ސަބަބަށެވެ.

އައްޑޫ މައްސަލާގައި އިނގިރޭސި ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދުގައި ދެކެވެމުން އައި ވާހަކައިގެ އެޖެންޑާގެ ތެރެއަށް މިނިވަންކަން ހޯދުމުގެ ނުކުތާ ވެސް އިތުރުވެގެން ދިޔަ އެވެ.

ދެކުނުގެ ފުރަތަމަ ބަޣާވާތް ފެށީ 1 ޖެނުއަރީ 1959 ގަ އެވެ. އަދި މާޗް 1959 ގައި އައްޑޫ، ފުވައްމުލައް އަދި ހުވަދު އަތޮޅު ގުޅިގެން ވަކި ސަރުކާރެއް އަބްދުﷲ އަފީފު އިއުލާން ކުރެއްވި އެވެ. އިނގިރޭސިވިލާތާއި ރާއްޖޭގެ ގުޅުން ދެކުނުގެ އެ ބަޣާވާތުން ވަރަށް ބޮޑަށް ގޯސްވި އެވެ.

ރައީސް ނާސިރުގެ މޭސްތިރިކަމުގެ ދަށުގައި ހުވަދު އަތޮޅާއި ފުވައްމުލަކު ދިވެހި ދައުލަތުގެ ބާރުގެ ދަށަށް ގެނައުމަށް އަސްކަރީ ބާރު ބޭނުންކުރުން ވީ އިނގިރޭސިން އެކަމާ މެދު ނުރުހުން ފާޅުކޮށް ފިޔަވަޅުތަކެއް އަޅަން ޖެހުނު ކަމަކަށެވެ. އަދި އެއީ އިނގިރޭސީން ސިއްސައިގެންވެސް ދިޔައ ކަމަކަށްވި އެވެ.

ހުވަދު އަތޮޅު ދިވެހި ސަރުކާރުގެ ބާރުގެ ދަށަށް ގެންނައުމަށް ސިފައިންނާއެކު ނާސިރު "މޯލްޑިވް ސްޓާރު" ގައި ޖުލައި 1959 ގައި ވަޑައިގެން އެޅުއްވި ފިޔަވަޅުތަކުގައި ބަޑިޖެހައި މީހުން މަރުވުމުގެ ސަބަބުން އިނގިރޭސިވިލާތުން އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށް ދިވެހި ސަރުކާރަށް ތަކުރާރުކޮށް ބިރު ދައްކައި އިންޒާރުތައް ދިނެވެ.

ސިލޯނުގައި ހުންނަ އިނގިރޭސި ހައިކޮމިޝަނުން އޯގަސްޓް 7، 1959 ގައި ނެރުނު ބަޔާނެއްގައިވެ އެވެ:

"ހުވަދު އަތޮޅުގައި ދިވެހި ސަރުކާރުގެ ބާރުގެ ދަށުން ހަތިޔާރު ބޭނުން ކޮށްގެން ހިންގި ހަރަކާތުގައި މީހުން މަރުވެފައި ވާތީ އެކަން ޔުނައިޓެޑް ކިންގްޑަމްގެ ސަރުކާރުން ވަރަށް ބޮޑަށް ކުށްވެރިކުރަމެވެ. އަދި މިފަދަ ފިޔަވަޅުތަކެއް، އައްޑު އަތޮޅުގައި އަޅައި ލޭ އޮހޮރުވުމަކީ އެކަމާ މެދު ވަރަށް ކަންބޮޑުވާ ކަމެކެވެ."

ހުވަދޫ ހާދިސާ އަށް ފަހު ތަފާތު ބަހުރުވައިން ދިވެހި ސަރުކާރަށް އިންޒާރު ދިނުމުގެ އިތުރަށް ރައީސް ނާސިރަށް ސިޔާސީ ގޮތުން މެސެޖްތަކެއް ދިނުމުގެ ބޭނުމުގައި ފިޔަވަޅުތަކެއް އެޅި އެވެ. އެގޮތުން ސިންގަޕޫރަށް ޑިޕްލޯއިކޮށްފައިވާ އިނގިރޭސި ސިފައިން ފުރިހަމަ ހަތިޔާރާ އެކު އައްޑު އަތޮޅު ގަމަށް ގެން ގޮސް ތައްޔާރީ ހާލަތަކަށް ގެނަ އެވެ.

އެއީ، ހުވަދު އަތޮޅާއި ފުވައްމުލައް، ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމަށް އަސްކަރީ ފިޔަވަޅުތައް އެޅުމާ ގުޅިގެންނެވެ. އޯގަސްޓް މަހުގެ ފުރަތަމަ ހަފުތާގައި އައްޑުއަށް ގެންދިޔަ 100 ސިފައިން ފައުޖު އަނބުރާ ގެންދިޔައީ 17 އޯގަސްޓް ގަ އެވެ.

އެއީ އެކަމާ ދިވެހި ސަރުކާރާއި ރައްޔިތުން ވަރަށް ބޮޑަށް ދެކޮޅުހަދާ ނުރުހުން ފާޅުކުރުމުންނެވެ. އިނގިރޭސި ސިފައިންނާ ހަވާލާދީ ރޮއިޓާސް ނިއުސް އެޖެންސީން ބުނެފައި ވަނީ "މިއީ ހަނގުރާމައެއް ނޫނެވެ! އެކަމަކު ވައިގެ ހަރަކާތްތެރިކަން ވަޒަން ކުރުމުގެ ގޮތުން ހިންގި ތަމްރީނެކެވެ!" އަދި ވެސް ބުނެފައި ވެއެވެ. "ދިވެހި ރާއްޖެއަށް ހަމަލާއެއް ދޭކަށް ނޫޅެމެވެ!"