ގިނަ ބަޔަކު ގަބޫލު ކުރާގޮތުގައި ރާއްޖޭގައި ހުޅުވުނު ފުރަތަމަ ބޭންކަކީ ސްޓޭޓްބޭންކް އޮފް އިންޑިޔާގެ މާލޭގެ ގޮތްޕެވެ. އެ ބޭންކް ހުޅުވީ ފެބްރުއަރީ 1974 ގައެވެ. އެބޭންކްގެ ގޮތްޕެއް ރާއްޖޭގެ އެހެންރަށެއްގައި ހުޅުވުނީ 2008 ގައެވެ.
ޕާކިސްތާނުގެ ހަބީބް ބޭންކަކީ މާލޭގައި ދެވަނައަށް ބޭންކިންގެ ޚިދުމަތް ދޭންފެށި ބޭންކެވެ. އެއީ 1976 ގެ އެޕްރީލް މަހުއެވެ. ދެން 1981 ވަނަ އަހަރު މާލޭގައި ހުޅުވީ ބޭންކް އޮފް ސިލޯނެވެ. ދިވެހި ބޭންކް، ބީއެމްއެލް ހުޅުވީ ނޮވެމްބަރު 11، 1982 ގައެވެ. އޭގެ ފަހުން އޯގަސްޓް 2، 2010 އިސްލާމީ އުޞޫލު ތަކާ އެއްގޮތަށް ހިނގާ ބޭންކެއް ރާއްޖޭގައި ހުޅުވާފައުވާއިރު އެހެން ބޭންކްތައް ވެސް އެބަހުއްޓެވެ.
ރާާއްޖޭގެ ބޭންކުތައް ގާއިމުކުރި ތާރީޚުތައް ފެންނަން ހުރުމާއެކު ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވުނު ބޭންކަކީ އައްޑޫ އަތޮޅު ހިތަދޫގައި 1961 ވަނައަހަރު ހުޅުވި "ދަ ޕީޕަލްސް ބޭންކް އޮފް އައްޑޫ އެޓޯލް" އެވެ.
މާލޭގައި ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ގޮތްޕެއް ހުޅުވުމުގެ 13 އަހަރު ކުރީން ހުޅުވި މި ބޭންކް ހިނގަމުންދިޔައީ އައްޑޫ އަތޮޅު ހިތަދޫ މެރިންޑްރައިވްގައި ހުރި ޢިމާރާތެއްގައެވެ. މިހާރު އައްޑޫގައި ހުރި މީޑިއާނެޓްގެ އޮފީސް ހުރި ޢިމާރާތުގަ އެވެ. ބޭންކުގައި މައިގަނޑު ގޮތެއްގައި މުޢާމަލާތު ކުރެވުނީ އެދުވަސްވަރު އައްޑޫގައި ބޭނުންކުރި ސްޓާލިންގ ޕައުންޑުންނެވެ. މި ބޭންކްގެ ޚިދުމަތްތައް އައްޑޫގައި ދެމުންދިޔަ ދުވަސްވަރު އައްޑޫގެ ގިނަ ބަޔަކަށް އިގްތިސޯދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބުނެވެ.
އައްޑޫ ރައްޔިތުން އެ މީހުންގެ އިގްތިސޯދު ކުރިއަރުވަން ކުރި މަސައްކަތުގެ ފޮނިމޭވާ ދެމެހެއްޓެނިވި ގޮތަކަށް ނުލިބުނު މައިގަނޑު ސަބަބަކީ އޭރުގެ ދިވެހި ސަރުކާރުން ދަ ޕީޕަލްސް ބޭންކް އޮފް އައްޑޫ އެޓޯލް އުވާލުމެވެ. އެބޭންކު ގައި ހުރި ފައިސާ ތައް އޭގެ ހައްގުވެރީންނަށް ދިނުމަކާވެސް ނުލައެވެ.
ބޭންކުގައި ހުރި ފައިސާ މާލެ ގެންދިޔައީ ކަމުގައި ބުނެވެއެވެ. އައްޑޫ ރައްޔިތުންގެ މުދާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި "ޣަނީމާ" ކުރެވުނީއެވެ. ސަބަބަކީ އެދުވަސްވަރު އައްޑޫ މީހުންތިބީ ޣައިރު ޤާނޫނީ ސަރުކާރެއްގެ ބެލެނިވެރިކަމުގެ ދަށުގައި ކަމުގައި ވާތީއެވެ.
ބޭންކް ހިންގޭނީ ރައުސުލްމާލެއް އޮވެގެންކަން ޤަބޫލުކޮށް އޭރު އައްޑޫގައި ތިބި މުއްސަނދިން އެމީހުންގެ ގިނަ ޢަދަދެއްގެ ފައިސާ ޖަމާ ކުރުމުން އެމީހުނަށް ލިބުނީ ބޭންކުން ފައިސާ ނަގަން ތައްޔާރު ކުރެވުނު ޗެކްފޮތެވެ. އެއިންޗެކަކަށް ފައިސާ ދޭނެ ބަޔަކު ނެތެވެ. ހައްގު ހޯދަން ދާނެ ތަނެއްވެސް ދުނިޔޭގައި ނެތްކަމަށް އެމީހުން ނިންމިއެވެ.
ރާއްޖޭގައި ޒަމާނުއްސުރެ ހިނގަމުން އައި ޓެކްސް ނިޒާމު (ވާރު ނެގުމުގެ އުސޫލު) އުވާލުމާއި ދިވެހިންގެ ބަޔަކު އަމިއްލައަށް އުފެއްދި ދިވެހިންގެ އަމިއްލަ ބޭންކު ވުޖޫދުން ފޮހެލުމުގެ ސަބަބުން ދިވެހި އިގްތިޞާދަށް ލިބުނު ގެއްލުމުގެ ވާހަކަ އެއީ މިއަދު ދައްކަން ޖެހޭ، އެކަމަކު އަދި ނުދެކެވޭ ވާހަކަ އެކެވެ.