ލިޔުނީ: އިބްރާހިމް ޒާދީ
ވިޔަފާރި ލާމަރުކަޒީކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް އަގު ހެޔޮކޮށް ރާއްޖެއިން ބޭރުން ސީދާ މުދާ ގެނެސް އަތޮޅުތައް ތަރައްގީ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކުރިއަށް ގެންދަވާ ސިޔާސަތުގެ ދަށުން މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ އެމްވީ ބޮންތި 2 ގައި، ޓުޓިކޮރިން އާއި ހިތަދޫ އާއި ދެމެދު ކުރަމުން އައި ދަތުރު މިހާރު ވަނީ ހުއްޓާލާފަ އެވެ.
މިދަތުރުތައް ހުއްޓާލުމުން އާއްމު ދިރިއުޅުމުގައި ބޭނުންކުރާ ތަރުކާރީއާއި، މޭވާ، ބިސް، އަލުވި، ފިޔާ، ދަޅުކާނާ ފަދަ އިންޑިއާއިން އެތެރެކުރާ ތަކެއްޗާއި ހާއްސަކޮށް އިމާރާތް ކުރުމަށް ބޭނުން ކުރާ ސާމާނުގެ އަގު އުފުލި، އަބަދުމެ ތަކެއްޗަށް ޖެހިފައިވުމުގެ ޝަކުވާ ރައްޔިތުންގެ މެދުގައި އިންތިހާއަށް ބޮޑެވެ.
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ ލޯނު އެހީގެ ދަށުން ތަރައްގީކޮށް 2005 ވަނަ އަހަރު ޑިސެމްބަރުގައި ބޭނުން ކުރަން ފެށި ހިތަދޫ ރީޖަނަލް ޕޯޓް، ދެކުނުގެ މައި ހަބްގެ ގޮތުގައި ހިދުމަތް ދޭން ފެށީ 2009 ވަނަ އަހަރު ޖުލައި މަހު އެވެ. މިއީ މާލެ ފިޔަވައި ރާއްޖޭގައި އޮޕަރޭޓް ކުރާ ތިން ބަނދަރުގެ ތެރޭގައި ހިމެނޭ އެއް ބަނދަރެވެ. އެހެންނަމަވެސް މިބަނދަރު ފަރުމާކޮށްފައިވާ ގޮތުން މިތަނަށް މުދާ ގެންދިއުމުގައި އާއި އަދި އެންމެ ފުރިހަމަ ގޮތުގައި ހިދުމަތް ދިނުމުގައި ގޮންޖެހުން ތަކެއް އޮވެ އެވެ. މޫސުމީ ގޮތުން އަންނަ ބަދަލު ތަކާއެކު އުފެދޭ ބިޔަ ބާނި ތަކުގެ ސަބަބުން ބައިނަލް އަގްވާމީ ބޯޓްތަކަށް މަގަތުފާލަމަށް ކައިރި ނުކެރެވޭތީ އެވެ. މި ސަބަބާ ހުރެ ބޯޓުގެ ވެރިފަރާތުން ބޯޓް ބަނދަރުކުރުމަށް އުޒުރުވެރި ވެއެވެ.
ހަމައެއާއެކު ހިތަދޫ ބަނދަރަށް މުދާ ގެންދިއުމުގައި ވިޔަފާރިވެރިންގެ ކަންބޮޑުވުންތައްވެސް އެހާބޮޑެވެ. މަގަތު ފާލަމަށް ބޭރުން އަންނަ ބޯޓު ފަހަރަށް ކައިރި ނުކުރެވޭތީ ހިތަދޫ ޕޯޓަށް މުދާ ގެންނަން ޖެހެނީ މާލޭ ހާބަރުގައި ޓްރާންސިޓް ކުރުމަށް ފަހުގަ އެވެ. މިހާރު އިންތިޒާމު އޮންނަ ގޮތުން ހިތަދޫ ބަނދަރަށް މުދާ ގެންދިއުމަށް ނާލުގެ ގޮތުގައި 20 ފޫޓްގެ ކޮންޓެއިނަރަކަށް އިތުރު 24،000 އާއި 35،000 ދެމެދުގެ އަދަދަކަށް ދިވެހި ރުފިޔާ ހަރަދު ކުރަން ޖެހުމަކީ ދެކުނު ސަރަހައްދުގައި މުދަލުގެ އަގު ބޮޑުވާންޖެހޭ މައިގަނޑު ސަބަބެވެ. މިސަބަބުތައް މިހެން ހުރުމުން، ހިތަދޫ ޕޯޓަށް ދިމާވެފައި ހުރި ދަތިތައް ހައްލުކޮށް ޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއެއް ވަނީ އިއުލާންކޮށްފަ އެވެ.
ހިތަދޫ ޕޯޓް ލިމިޓެޑްގެ ރީޑިވެލޮޕްމެންޓް ޕްލޭން
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބެލެނިވެރިކަމުގެ ދަށުން ހިންގަމުން އަންނަ ހިތަދޫ ޕޯޓްގެ ރީޑިވެލޮޕްމަންޓް ޕްރޮޖެކްޓް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ވަނީ ހަވާލުކޮށްފަ އެވެ.
މަސައްކަތުގެ އެއްބަސްވުމުގައި ދެފަރާތުން ސޮއި ކުރި ރަސްމިއްޔާތު ހިތަދޫ ބަނދަރުގައި ބޭއްވީ މިދިޔަ އަހަރުގެ އޭޕްރީލް ދެވަނަ ދުވަހު އެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ 211 މިލިއަން ރުފިޔާގެ މި މަޝްރޫއުގައި ހިމެނެނީ 500،000 ކޮޑި މީޓަރު ކޮނުމާއި، 8.50 ހެކްޓަރުގެ ބިން ހިއްކުމާއި އަދި 200 މީޓަރު ދިގު 80 މީޓަރު ފުޅާ އިންޓަނޭޝަނަލް ކީވޯލް އަކާއި 165 މީޓަރު ދިގު 60 މީޓަރު ފުޅާ ޑޮމެސްޓި ކީވޯލްގެ އިތުރުން 2،360 މީޓަރުގެ ބޭރު ތޮށްޓާއި، 500 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 25،900 އަކަ މީޓަރު ޕޭވްކުރުމާއި އަދި ބަނދަރު ލައިޓިން ޖެހުން ކަމަށެވެ.
"މި މަޝްރޫއު ފުރިހަމަ ވުމުން އެޗްޕީއެލްގެ އޮޕަރޭޝަންސް އަށް މިހާރު އޮތް ގޮންޖެހުންތަކަށް ހައްލު ލިބިގެން ދާނެ،" ޝާހިދު ވިދާޅުވި އެވެ.
މިދިޔަ ލޯކަލް އިންތިހާބު ބޯމަތި ވެގެން އައި ދުވަސްވަރު ބޮޑު ރަސްމިޔާތެއްގައި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 525 ދުވަހުގެ ތެރޭގައި މަޝްރޫއު ނިންމުމަށެވެ. އޭގެފަހުން ދޮޅު އަހަރު ވެގެން ދިޔައީ އެވެ. އަމަލީ މަސައްކަތް އަދި އޮތީ ނުފެށި އެވެ.
މިއަހަރު އަމަލީ މަސައްކަތް ފަށަނީ
މިދިޔަ މަހުގެ ހަވަނަ ދުވަހު އެމްޕީއެލް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން ކުންފުނީގެ ސީއީއޯ ޝާހިދު ވިދާޅުވީ އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްދާ ހިތަދޫ ޕޯޓް މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ވާން ޖެހޭ ތައްޔަރީތައް ބާރަށް ކުރިޔަށްދާ ކަމަށާއި މައިގަނޑު ހުރިހާ ކަމެއް މިހާރު ނިމިފައިވާ ކަމަށެވެ. ޕޯޓްގެ ރީޑިވެލޮޕްމަންޓް މާސްޓާ ޕްލޭން އެއްކޮށް ނިމި، ޑިޒައިން ހެދި، ކޯސްޓިން އާއި އީއައިއޭ ވެސް ހެދި މިހާރު އެޕްރޫވްވެފައިވުމުން ޕޯޓުގެ އަމަލީ މަސައްކަތް މި މަހުގެ ތެރޭގައި ފެށޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށްވެސް ވިދާޅުވި އެވެ.
ހިތަދޫ ޕޯޓްގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރުގެ ބަސް
އަވަސް އަށް މައުލޫމާތު ދެއްވަމުން ހިތަދޫ ޕޯޓްގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު އިބްރާހީމް ރަޝީދު (އިބްރޭ) ވިދާޅުވީ 107 މުވައްޒަފުން ވަޒީފާގައި އުޅޭ ހިތަދޫ ޕޯޓަކީ 2019 ވަނަ އަހަރުގެ ފަހު ހަ މަހުން ފެށިގެން ހަރަދު ދެކޮޅު ޖެއްސެމުން އަންނަ ތަނެއް ކަމަށެވެ. ހަފުތާއަކު އެވްރެޖް ގޮތެއްގައި، 20 ފޫޓް ސައިޒްގެ 100 ވަރަކަށް ކޮންޓެއިނަރު އެތެރެވާ މި ބަނދަރަށް ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ ރައްކާތެރި މަގަތު ފާލަމެއް ނެތުމެވެ. އުއްމީދު ކުރަނީ ހިތަދޫ ޕޯޓްގެ ރީޑިވެލޮޕްމެންޓް މަޝްރޫއޫ ނިމުމުން މިހާރު ހުރި މައްސަލަތަކަށް ހައްލު ލިބި، ހިތަދޫ ބަނދަރުގެ ހިދުމަތް ރަގަޅު ވެގެންދާނެ ކަމަށެވެ. މިސަރަހައްދުގައި ކޮންޓެއިނާ އުފުލާ އެންމެ ބޮޑެތި ބޯޓް ފަހަރުތަކަށް އަލަށް ހަދާ އިންޓަނޭޝަނަލް ކީވޯލްއަށް ކައިރި ކުރެވޭނެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެކު އައްޑުއަށް ސީދާ ކާގޯ ގެނައުމަށް އެމްއެސްއެސްގެ ބޮންތި-2 ގައި 2020 ވަނަ އަހަރު ޑިސެމްބަރު މަހުގައި ފެށި ދަތުރުތައް 14 ދަތުރު އެޅުމަށްފަހު މިހާރުވަނީ ހުއްޓާލާފަ އެވެ. އިންޑިއާގެ ޓުޓިކޮރިން އާއި ހިތަދޫއާއި ދޭތެރޭގައި ފެށި ދަތުރު ތަކަކީ އޭގެ ސަބަބުން ހިތަދޫ ބަނދަރަށް ދިރުން ލިބުނު އަދި މި ސަރަހައްދުގެ ވިޔަފާރިވެރިންނާއި އާއްމު ރައްޔިތުންނަށްވެސް ލުއި ފަސޭހަތަކެއް ލިބި ކުރިމަގުގެ އުއްމީދު އުފައްދައި ދިން ކަމެކެވެ. ތަރުކާރީ އާއި، މޭވާ، އަލުވި، ފިޔާ، ބިސް، ދަޅުކާނާ އަދި މިނޫނަސް އިންޑިއާއިން ގެންނަ ތަކެތި ހާއްސަކޮށް މިސަރަހައްދުގައި އެންމެ ޑިމާންޑް އޮންނަ އިމާރާތް ކުރުމުގެ ދާއިރާއަށް ބޭނުންވާ ތަކެތި ޔަގީން ކަމާއެކު ބާޒާރުގައި ލިބެން ހުރުމާއި އެކު ފާހަގަކުރެވޭ މިންވަރަށް އެ އެއްޗެހީގެ އަގުވެސް ހެޔޮވި އެވެ.
ނަމަވެސް ޓުޓިކޮރިން ދަތުރު ހުއްޓާ ލުމުން އިމާރާތް ކުރުމުގެ ސާމާނު ހިމެނޭނެހެން އިންޑިއާގެ ތަކެތީގެ އަގު ބާޒާރުގައި އުފުލި، އަބަދުމެ އޮންނަނީ ތަކެއްޗަށް ޖެހިފަ އެވެ. އިމާރާތް ކުރުމުގެ ތަކެތި އައްޑޫގައި ކޮންޓްރޯލް ކުރަމުން އަންނަނީ އެސްޓީއޯ އިންނެވެ.
އިބްރޭ ވިދާޅުވި ގޮތުގައި އެމްއެސްއެސްގެ އެމްވީ ބޮންތި ދޭއްގައި، ޓުޓިކޮރިން އާއި ހިތަދޫ އާއި ދެމެދު ކުރި ދަތުރުތައް ހުއްޓާލީ ހިތަދޫ ބަނދަރުގެ އެއްވެސް މައްސަލައެއް އޮވެގެން ނޫނެވެ. އެކަމަކު އޭނާވެސް ސީދާ ސަބަބެއް ވިދާޅުވެފައި ނުވާތީ ދަތުރުތައް ހުއްޓާލި ސަބަބެއް ސާފެއް ނޫނެވެ.
ހިތަދޫ ބަނދަރު އިގްތިސާދަށް މުހިއްމު
ހިތަދޫ ޕޯޓަކީ އިންޑިއާ ކަނޑުގެ މެދު ތެރޭގައި އޮންނަ ތަނެކެވެ. އިންޑިއާ ކަނޑަކީ ދުނިޔޭގެ ވިޔަފާރީގެ މުދާ އެއްގައުމުން އަނެއް ގައުމަށް އުފުލުމުގެ ވިޔަފާރީގައި ނުހަނު ބޮޑަށް ބޭނުންކުރަމުން އަންނަ ކަނޑެކެވެ. އަހަރަކު 18 ޓްރިލިއަން ޔޫއެސް ޑޮލަރުގެ މުދާ ދައުރު ކުރެވޭ، ހިދުމަތުގެ ބޮޑު މި ވިޔަފާރި ދާއިރާގެ ތެރެއަށް ވިސްނުން ތެރިކަމާއެކު ރާއްޖެއަށް ފަސޭހައިން ވަދެވިދާނެ ކަމަށް ގަބޫލު ކުރެވެ އެވެ. ގައުމުގެ އިގްތިސާދާއި ވަޒީފާގެ ތިޔާގިކަމަށް އަމާޒު ކުރާ މިފަދަ ތަސައްވުރަކަށް ހިތަދޫ ބަނދަރު ފަރުމާ ކޮށްގެން ކުރިޔަށް ދިއުމަކީ ރާއްޖެއަށް އެންމެ ބޭނުންތެރި ވާނޭ ގޮތެވެ. ވަގުތީ ހައްލަކަށް ވުރެން މިބާވަތުގެ ކޮންމެ ކަމެއްގައިވެސް ވިސްނުން އިސްކުރުން ޖެހެނީ ދުރު ރާސްތާއަށް އަމާޒުހިފާ ގައުމީ ބޮޑު މަންޒަރަށެވެ. ގައުމުގެ ވަސީލަތް ބޭކާރުވިޔަ ނުދިނުމަށެވެ.