ރިޕޯޓް

އެމްޕީއެލްގެ އުންމީދީ ބަސް ދަތުރުގެ އިންތިޒާރުގައި މުޅި އައްޑޫ!

  • އައްޑޫ-ފުވައްމުލަކުގެ ދަތުރުފަތުރުގެ ހިދުމަތް މިރޭ ފަށާނެ
  • އައްޑޫގައި ހިދުމަތް ދޭނީ އަށް ބަހުން
  • ފައްޓަވައި ދެއްވާނީ ނައިބް ރައީސް

ސ. ގަމުން: މުހައްމަދު އަފްރާހު

އައްޑޫގެ ގުޅިފައިވާ ރަށްތައް ބަހުގެ ހިދުމަތުން ކުރިން އޮތީ ގުޅާލާފަ އެވެ. އޭރު ހިދުމަތް ދިނީ އެމްވީކޭއިންނެވެ. ނަމަވެސް މި ހިދުމަތް "ފަނޑުވަމުން ގޮސް" ބަސްތަކުގެ ބުރަކިޖެހި ހުއްޓުނީ އެވެ. މިއާއެކު އައްޑޫގެ ރައްޔިތުންގެ ޖީބަށް ދަތުރުފަތުރުގެ ބުރަ ބޮޑުވެގެން ދިޔަ އެވެ. ނަމަވެސް އަނެއްކާ ވެސް މި ބުރަކަމަށް މިވަނީ ލުޔެއް އަންނަން ތައްޔާރުވެފަ އެވެ. އެއީ އެމްޕީއެލް އިން އައްޑޫ- ފުވައްމުލަކުގެ ދަތުރުފަތުރު ވިއުގަ މިރޭ އިފްތިތާހު ކުރާނެ އެވެ. މިއާއެކު މުޅި އައްޑޫ ބަހުގެ ވިއުގައިން ގުޅާލެވިގެންދާނެ އެވެ.

"ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ބަސް ދަތުރުތައް ފެށުމުން. މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން އަންނަ ކަމެއް،" މީދޫގެ ރައްޔިތެއް ކަމަށްވާ މުހައްމަދު އަލީ އުފަލުން ހުރެ ބުންޏެވެ.

ސަބަބަކީ މިރޭ އައްޑޫގައި ފެށިގެންދާ ބަހުގެ ހިދުމަތާއެކު އައްޑޫ ރައްޔިތުންގެ ދަތުރު ފަތުރަށް ކުރަން ޖެހޭ ބޮޑު ހޭދަައަށް ލުޔެއް ލިބިގެންދާނެ އެވެ. މިހާރު އައްޑޫގެ ގުޅިފައިވާ ރައްތަކަށް ދަތުރުކުރުމަށް އާންމު މީހެއްގެ އަތުން އާއްމު ގޮތެއްގައި 20-150ރ. ވަރު ނަގަ އެވެ. ނަމަވެސް އެމްޕީއެލް އިން ވަނީ ރައްޔިތުން ތަހައްމަލް ކުރަމުން ގެންދާ މިވޭން ނިމުމަކަށް ގެންދާނެ ކަމަށް ވައުދުވެފަ އެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވާ ގޮތުގައި އެ ކުންފުނިން ބަހުގެ ހިދުމަތް ދޭނީ ކުންފުންޏަށް ފައިދާވާނެ ގޮތް ބަލައިގެންނޫން ކަމަށެވެ. އޭގެ ބަދަލުގައި ވިސްނާފައި އޮތީ ރައްޔިތުންނަށް ފައިދާވާނެ ގޮތަކަށެވެ.

"އަޅުގަނޑުމެން ބަލަނީ ރަނގަޅު ހިދުމަތެއް ދޭން. އިރާދުކުރެއްވިއްޔާ އެކަން ކޮށްދޭނަން،" ޖުނައިދު ވިދާޅުވި އެވެ.

އެމްޕީއެލް އިން އައްޑޫގައި ބަހުގެ ހިދުމަތް ދޭނީ 50 ގޮނޑި އާއި 30 ގޮނޑީގެ ބަސްތަކެއް ބޭނުންކޮށްގެންނެވެ. މި ދަތުރު ފެށުމުގެ ރަސްމިއްޔާތު އޮންނާނީ ހިތަދޫ ބަނދަރު ސަރަހައްދުގައި މިރޭ އެވެ. މި ހިދުމަތް ފައްޓަވައި ދެއްވާނީ ރައީސުލް ޖުމްހޫރިއްޔާގެ ނައިބް އަބްދުﷲ ޖިހާދު އެވެ. މި ހިދުމަތް ފެށުމާ ދިމާކޮށް "މޯލްޑިވިއަން އައިޑޮލް" ތަރިންނާއެކު ވަރަށް ކުލަގަދަ ރަސްމިއްޔާތެއް ވެސް އޮންނާނެ އެވެ. އައްޑޫގައި އަނެއްކާ ވެސް ފެށޭ ބަހުގެ ހިދުމަތާއެކު މުޅި އައްޑޫ މި ވަނީ ހެއްވާލައިފަ އެވެ.