ރިޕޯޓް

އައްޑޫ ބަސްދަތުރުތައް، ޖީބަށް ބޮޑު ލުޔެއް!

Aug 1, 2016
10
  • ކުރިން ދަތުރަކަށް 150-200ރ. ހޭދަ ކުރޭ
  • މިހާރު ހޭދަވަނީ 10-30ރ. ވަރު
  • އާއްމުން ހިދުމަތް ހޯދަނީ އުފަލުން

އައްޑޫގެ ގުޅިފައިވާ ރައްތަކަށް ދާ މީހަކަށް ދަތުރުފަތުރަށް ކުރަން ޖެހޭ ހަރަދު އެނގޭނެ އެވެ. އާންމުކޮށް ޓެކްސީ ބޭނުންކުރާނަމަ ދުވާލެއްގެ މައްޗަށް 200ރ. ވަރު ހޭދަވެ އެވެ. މިއީ އާއްމު ރައްޔިތެއްގެ އާއްމު މަސައްކަތުން ލިބޭ އާމްދަނީއަށް ބަލާނަމަ ކެތްވާވަރުގެ އަދަދެއް ނޫނެވެ. އެއަށްވުރެ ހަރަދު ބޮޑީ އެވެ. މުޅި އައްޑޫ ސިޓީގެ ރައްޔިތުން ތިބީ މިކަމުން އަރައި ގަނެވޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ. މިކަމަށް އެމްޕީއެލްއިން މިވަނީ ނިމުން ގެނެސްދީފަ އެވެ. އެމްޕީއެލް އިން ފެށި ބަހުގެ ދަތުރާއެކު ކުރިން ކުރި ބޮޑު ހަރަދުން މިވަނީ ރައްޔިތުން ސަލާމަތްވެފަ އެވެ.

"ރައްޔިތުންނަށް މި ލިބެން ދިޔައީ ބޮޑު ފަސޭހައެއް. ބުނަންވެސް ނޭނގޭ ވަރުގެ ފަސޭހައެއް މިއީ. މިހާރު ފޭދޫން- ހިތަދުއަށް ދާނަމަ 200ރ. ވަރު ދާނެ. އެކަމަކު މިހާރު އެ އަަދަދު ކުޑަ ވެގެން ދިޔައީ،" ފޭދޫ، ސަފާގޭ، ހުސެއިން މުހައްމަދު "އަވަސް" އަށް ވާހަކަ ދައްކަމުން ބުންޏެވެ.

މާލޭ ވިޔަފާރި ބަނދަރު ހިންގަމުން އަންނަ އެމްޕީއެލް އިން އައްޑޫ- ފުވައްމުލަކުގައި ފެށި "ދެކުނު" ދަތުރުފަތުރުގެ ދަށުން އައްޑޫގައި ބަހުގެ ހިދުމަތް ދޭން އަށް ބަހެއް ބޭނުންކުރެ އެވެ. ފެންވަރު ރަނގަޅުކޮށް ހަދާފައިވާ އަށް ބަސް އައްޑޫގައި ބޭނުންކުރެ އެވެ. މީގެތެރޭގައި ހިމެނެނީ 50 އާއި 30 މީހުންގެ ޖާގައިގެ ބަސްތަކެވެ. އަދި މި ބަސްތަކަކީ ދަތުރުކުރާ މީހުންނަށް ފަސޭހަކަމާއެކު އިށީނދެލައިގެން ތިބެވޭ ގޮތަށް ފަރުމާކޮށްފައިވާ ބަސް ތަކެވެ. މި ބަސްތަކުގައި ލަގެޖުވެސް އުފުލެ އެވެ.

އެމްޕީއެލް އިން އައްޑޫގައި ބަހުގެ ހިދުމަތް ދޭން ނަގަނީ 10-30ރ. އާ ދެމެދުގެ އަދަދެކެވެ. މީގެ އިތުރުން ލަގެޖަށް ފަސް ރުފިޔާ ޗާޖެއް ނަގަ އެވެ. ނަމަވެސް ކުރިން ޓެކްސީގައި ދަތުރުފަތުރުގެ ހިދުމަތް ހޯދާ އައްޑޫގެ ގުޅިފައިވާ ފަސް ރަށުގެ މީހުން އާއްމު ގޮތެއްގައި 100ރ. އާއި 200ރ. ވަރު ހޭދަ ކުރެ އެވެ.

"އަވަސް"އާ ވާހަކަ ދެއްކި ފޭދޫ، ދެފަނޑީމާގޭ، ގެ މޫސާ މަނިކު 52އ. ބުނީ ބަހުގެ ހިދުމަތަކީ އައްޑޫގެ ގުޅިފައިވާ ރައްތަކުގެ ރައްޔިތުންނަށް ލިބިގެންދިޔަ ފަސޭހަ ބުނަން ދަތި ކަމަށެވެ.

"މީގެ އެންމެ ބޮޑު ފައިދާއަކީ އަޅުގަނޑުމެން ހޮސްޕިޓަލަށް ދަނީ ވަރަށް ބޮޑު ހަރަދެއް ކޮށްގެން. އާއްމުކޮށް 200-250ރ. ވަރު ހޭދަވޭ. ނަމަވެސް މިހާރު ދެ ގަޑިން ނޫނީ ތިން ގަޑިން ބަސް އޮތީމަ އޭގެ ފައިދާ ވަރަށް ބޮޑު،" މޫސަ ބުންޏެވެ.

އެހެން ޒުވާނަކު ބުނީ ސްކޫލްތަކަށް ދާ ކުދިންނަށް މި ހިދުމަތުގެ ސަބަބުން ބޮޑު ލުޔެއް ލިބިގެން ހިނގައްޖެ ކަމަށެވެ.

"މިހާރު މަހެއްގެ މައްޗަށް ސްކޫލް ކުއްޖެއްގެ އަތުން [ބަހުގެ ހިދުމަތް ދޭ ޕްރައިވެޓް ކުންފުންޏަކުން] އެބަ ނަގާ 300ރ.- 500ރ. ވަރު. ނަމަވެސް އެމްޕީއެލްއިން މިދެނީ 30ރ. އަށް އެހެންވެ މީގެ އެންމެ ބޮޑު ފައިދާއެއް ލިބޭނީ އާއިލާތަކަށް،" ފޭދޫ ޒުވާނަކު ބުންޏެވެ.

"އެމްޕީއެލްއާ އަޅާ ނުކިޔޭނެ"

އައްޑޫގައި ބަހުގެ ހިދުމަތް ފަށާފައި މިވަނީ އަލަކަށް ނޫނެވެ. އައްޑޫގެ ގުޅިފައިވާ ރައްތަކުގައި މީގެ ކުރިން ވެސް ބަހުގެ ހިދުމަތް ދީފައިވެ އެވެ. އެމްވީކޭ އިން ވެސް ބަހުގެ ހިދުމަތް ދީފައިވެ އެވެ. އަދި އެ ކުންފުނިންވެސް ނަގާފައިވަނީ ކުޑަ އަގެކެވެ. މި ހިދުމަތްވެސް އައްޑޫ ރައްޔިތުންނަށް މި ވަނީ، ބޮޑު ފަސޭހައަކަށެވެ.

އައްޑޫ ރައްޔިތުން ބުނާ ގޮތުގައި އެމްވީކޭއިން މީގެ ކުރިން ދިން ބަހުގެ ހިދުމަތާއި އެމްޕީއެލް އިން ފެށި ބަހުގެ ހިދުމަތް އަޅާ ނުކުޔޭނެ ކަމަށެވެ.

"އެމްވީކޭގެ ބަހުގެ ހިދުމަތް ދިނީ ވަރަށް އާދައިގެ ބަސްތަކުން. އެކަމަކު އެމްޕީއެލް އިން މިދެނީ ވަރަށް ފެންވަރު ރަނގަޅު ބަސްތަކެއް ބޭނުންކޮށްގެން. އެހެންވެ ހިދުމަތުގެ ފެންވަރު ރަނގަޅު ވާނެ ކަމަށް ބެލެވެނީ،" ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި މަރަދޫ ޒުވާނެއް ބުންޏެވެ.

އެމްޕީއެލްއަށް މިކަން ދެމެހެއްޓޭނެ ތަ؟

ރީތި ނަމެއް ކިޔާފައި ހިދުމަތް ފަށައި، ނަމަވެސް ހުއްޓުމަކީ އާންމު ކަމެވެ. ސަބަބަކީ އެމްޕީއެލްއަށް ދެކުނުގެ ދަތުރުފަތުރުން ގާތްގަނޑަކަށް 19 މިލިއަން ރުފިޔާ ގެއްލުންވުމެވެ. އެހެންވެ އެމްޕީއެލްގެ މި ހިދުމަތްވެސް އެފަދަ ގޮތަކަށް ހުއްޓިދާނެތޯ؟ މިއީ ހަމަ ކޮށްލަން އެންމެ ރަނގަޅު ސުވާލެކެވެ. މިއީ ބައެއް މީހުންގެ ސުވާލެވެ. އެ ސުވާލަށް ޖަވާބު ދިނުމަށް އެމްޕީއެލްއިން ވަނީ ބޮޑު މަޝްރޫއެއް އައްޑޫގައި ފަށަން ނިންމާފަ އެވެ. މީގެ ތެރޭގައި 100 އެނދުގެ ސިޓީ ހޮޓަލެއް އެޅުމާއި ފެންވަރު ރަނގަޅު ސްލިޕްވޭ އަދި ހުޅުމީދޫގައި ހަދާ ބޮޑު ރެސްޓޯރެންޓެއް ހިމެނެ އެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވީ އެ ކުންފުންޏަކީ ހެވީ ވެހިކަލްތައް ގެންގުޅޭ ކުންފުންޏެއް ކަމަށާއި، ބޮޑެތި ބަސްތައް މަރާމާތުކޮށް ބެހެއްޓުމުގެ ގާބިލްކަން އެ ކުންފުނީގައި އެބަހުރި ކަމަށެވެ.

"އަޅުގަނޑުމެން މި ފަށަނީ 19 މިލިއަން ރުފިޔާގެ ގެއްލުމުގައި. އެހެންނަވެސް މާތްﷲ ގެ އިރާދަފުޅާ މިންވަރު ފުޅުން އޭތި އެއްކޮށް ޒީރޯ ކޮށްފައި ނޫނީ އަޅުގަނޑުމެންނަށް ފައިދާވާ ކުންފުންޏެއްގެ ގޮތުގައި ސަދަން ޓްރާންސްޕޯޓް ލިންކް ހެދޭނެ،" ޖުނައިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދަތުރުފަތުރުގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި އެ ކުންފުންޏަށް ދެވޭނެ ކަމަށާއި، އެކަން ކުރުމަށް ޓޫރިޒަމްގައި ވިޔަފާރިކުރާނެ ކަމަށެވެ.

"މި ކަމަކީ އައްޑޫ- ފުވައްމުލަކުގެ ރައްޔިތުން އެދިއެދި އޮތް ކަމެއް. އެކަން ކޮށްދެއްވުމަށް ހުދު ރައީސް ޔާމީން އެދިލެއްވި،" ޖުނައިދު ވިދާޅުވި އެވެ.

އެމްޕީއެލް އިން ބަހުގެ ހިދުމަތް ދަނީ ދެމުންނެވެ. މިއާއެކު ހަމަގައިމު ވެސް އައްޑޫގެ ރައްޔިތުނަށް ބޮޑު ލުޔެއް ލިބިގެން ގޮސްފި އެވެ. ރައްޔިތުންގެ އަތުން ކުރިން ކުރި ހަރަދު މިވަނީ ކުޑަވެގެން ގޮސްފަ އެވެ.