އައްޑޫ ސިޓީ

އެމްޕީއެލް ސަދަން ލިންކް: އައްޑޫ ރުއްސައިފި!

Dec 28, 2016
3
  • ދަތުރުތައް އައްޑޫގައި ބަލައި ގަނޭ
  • ގިނަ އަދަދެއްގެ ޒުވާނުން ވަޒީފާ އަދާކުރޭ
  • ހިދުމަތް ފުޅާކުރަން އިތުރު ޕްލޭންތަކެއް

ރާއްޖޭ ސިޔާސީ ގޮތުން ކަފިކަފި ވުން އޮތް މިންވަރު ދެކޭށެވެ. ހިޔާލު ތަފާތުވުން ބޮޑުވެ، ބޭބެ އާއި ކޮއްކޮ ވާހަކަ ނުދައްކާތާ އެތައް އަހަރެއްވީ އެވެ. މަންމައާ ޒުވާބުކޮށް ގެއިން ނުކުމެގެން ދިޔައީ ކިތަށް ދަރިން ހެއްޔެވެ؟ އެކަމަކު މި ހިޔާލު ތަފާތުވުމުގެ ތެރެ އިން ވެސް އެންމެން ހިތް ރުހޭ އެއް ކަމެއް މި އޮތީ ފެނިފަ އެވެ. އެއީ އެމްޕީއެލް އިން އައްޑޫ އާއި ފުވައްމުލަކުގައި ދޭ ދަތުރުފަތުރުގެ ހިދުމަތެވެ. އެމްޕީއެލްގެ "ސަދަން ލިންކް" ކުންފުނިން ދޭ މި ހިދުމަތް ސިޔާސީ ފިކުރު އެއް ދިމާ އަކަށް ލަންބުވައިފި އެވެ. މިއަދު މިއީ ހުރިހާ ރައްޔިތުން ހިތް ރުހޭ ހިދުމަތެކެވެ. އެމްޕީއެލްގެ ހިދުމަތް ބަލައި ގަންނަނީ ތައުރީފާ އެކުގަ އެވެ.

"އަޅުގަނޑުމެން ވަރަށް ހިތްހަމަ ޖެހޭ ހިދުމަތެއް އެމްޕީއެލް އިން ދެމުން އަންނަނީ. ރަނގަޅަށް ކަމެއް ކުރާނަމަ އެކަމެއް ހެޔޮ ހިތުން ބަލައި ގަންނަން،" ރާއްޖޭގެ އެންމެ ސިޔާސީ ފޯރިގަދަ އައްޑޫ ސިޓީގެ އެމްޑީޕީ ހާޑްކޯ ފޭނެއް ނަން ނުޖެހުމަށް ޝަރުތުކޮށް "އަވަސް" އަށް ބުންޏެވެ.

ދެކުނުގެ ދަތުރުފަތުރުގެ ހިދުމަތް އެމްޕީއެލް އިން ފަށާފައިވަނީ މި އަހަރުގެ ޖުލައި މަހު އެވެ. އަދި މި ހިދުމަތް ފެށިތާ އަހަރެއް ނުވެ އެވެ. އެމްޕީއެލް އިން އައްޑޫ- ފުވައްމުލަކުގައި ދެމުން ގެންދާ ދަތުރުފަތުރުގެ ހިދުމަތުގައި ފުވައްމުލަކާއި އައްޑޫގެ އެތެރެރޭގެ ދަތުރުތަކުގައި ބޭނުން ކުރަނީ އޭސީ ކުރި އަރާމު ބަސް ތަކެެކެވެ. މީގެ ތެރޭގައި ހިމެނެނީ 52 މީހުންގެ ޖާގައިގެ ބަހާއި 32 މީހުންގެ ޖާގައިގެ ބަހެވެ. މީގެ އިތުރުން އައްޑޫގައި ވަކިން އޮތް ހުޅުމީދޫ އަށް ދަތުރު ކުރުމަށް ސްޕީޑް ލޯންޗުގެ ހިދުމަތް ވެސް އެމްޕީއެލްއިން ދެ އެވެ. އަދި އައްޑޫ އާއި ފުވައްމުލަކު ގުޅާލާފައި ވަނީ ލޯންޗު ފެރީގެ ހިދުމަތުންނެވެ.

ހުޅުދޫ އިން ވާހަކަ ދެއްކި، އަންހެނަކު ބުނި ގޮތުގައި އެމްޕީއެލްގެ ހިދުމަތާމެދު ޝަކުވާއެއް ނެތެވެ. ހިދުމަތް ދޭ ގޮތް ރަނގަޅެވެ.

"މިހާރު ވަރަށް ރަނގަޅު ހިދުމަތް ދޭލެއް. އައްޑޫގެ އެއް ރަށުން އަނެއް ރަށަށް ދަތުރު ކޮށްލުމަކީ މިހާރު ވަރަށް ފަސޭހަ ކަމެއް. ކުރިން ބޮޑު އެއްޗެއް އަތުން ހަރަދުވޭ. އެކަމަކު މިހާރު ކުޑަ ހަރަދަކުން ދަތުރު ކޮށްލެވޭ،" އޭނާ ބުންޏެވެ.

އެމްޕީއެލް އިން ދެކުނުގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ފޭދޫ އާއި ހުޅުދޫގައި ވަނީ ފެރީ ޓާމިނަލް ގާއިމްކޮށްފަ އެވެ. އަދި މި ދަތުރު ކުރަނީ މާލެއެކޭ އެއްގޮތަށް ޝެޑިއުލްކޮށް ދުރާލާ ޓިކެޓު ވިއްކައިގެންނެވެ. މި ހިދުމަތް ދިނުމަށް ރަނގަޅު ފެންވަރުގެ ޓާމިނަލެއް ހަދާފައިވެ އެވެ. ނަމަވެސް އެ ކުންފުނީގެ އަމާޒަކީ މިހާރު ހަދާފައިވާ ފެރީ ޓާމިނަލަށް ވުރެ ފެންވަރުގެ ގޮތުން ރަނގަޅު ޓާމިނަލެއް މުސްތަގުބަލުގައި ތަރައްގީ ކުރުމެވެ.

ސަދަން ލިންކުގެ ދެކުނުގެ ދަތުރުފަތުރުގައި ހިމެނޭ ގުޅިފައިވާ ރަށްތަކުގެ ބަސް ދަތުރު މިހާރު ދުވާލަކު ހާހެއްހާ މީހުން ބޭނުން ކުރެ އެވެ. މީގެ އިތުރުން ކޮންމެ ދުވަހަކު ހެން އެތައް ބަޔަކު ވަކިން އޮންނަ ހުޅުމީދޫ އަށް ދެ އެވެ. އަދި ފުވައްމުލަކަށް ދަތުރު ކުރާ މީހުން ވެސް މަދެއް ނޫނެވެ.

ފޭދޫން ވާހަކަ ދެއްކި އަހުމަދު އަލީ ބުނި ގޮތުގައި މި ދަތުރުފަތުގެ ސަބަބުން އިގްތިސާދީ ގޮތުން ބޮޑެތި ފައިދާ ތަކެއް ލިބެ އެވެ.

"ވަރަށް ގިނަ އެއްޗިހި ފުވައްމުލަކުން ވެސް ރަށަށް ގެނެވޭ. އަދި މިކޮޅުގައި [އައްޑޫ] ގައި ހައްދާ އެއްޗި ވެސް ގެންދިއުމުގެ މަގު ފަހިވޭ. މީއީ ރަނގަޅު ކަމެއް،" އަހުމަދު ބުންޏެވެ.

އެމްޕީއެލްގެ މި ދަތުރުތަށް ކިތަންމެ، ރަނގަޅަށް ޝެޑިއުލްގެ ދަށުން ކުރިނަަމަވެސް، އައްޑޫން ފުވައްމުލަކަށް ދާން ކުރާ ދަތުރަކީ ކަނޑު ގަދަ ދުވަސްވަރު ވޭން ހުރި ދަތުރު ތަކެކެވެ. ސަބަބަކީ މި މަގުގައި ދަތުރު ކުރުމަށް ވެސް ބޭނުން ކުރަނީ ގަލްފް ކްރާފްޓް ލޯންޗަށްވުމެވެ.

"ކަނޑު ގަދަ ދުވަސްވަރު ޖެހެނީ ދަތުރުތަށް ހުއްޓާލަން. ގަލްފް ކްރާފްޓް ލޯންޗަކީ ގަދަ ކަނޑުގައި ދުއްވަން އެހާ ފަސޭހަ އެއްޗެއް ނޫން. މިއީ މައްސަލައަކީ. އެކަން ރަނގަޅު ކުރަނިކޮށް ފުވައްމުލަކު- އައްޑޫ ދަތުރުތަށް ވެސް ވަރަށް ފުރިހަމަ ވާނެ،" ހުޅުދޫ މީހަކު ބުންޏެވެ.

އެމްޕީއެލް އިން ކިތަންމެ ފުރިހަމަ އަށް މި ހިދުމަތް ދިން ނަމަވެސް، އެ ކުންފުނިން މި ކަންކުރަނީ ބޮޑު ގެއްލުމެއްގަ އެވެ. އެ ކުންފުންޏަށް މި ދަތުރު ފަތުރުން އަހަރަކު 20 މިލިއަން ރުފިޔާގެ ގެއްލުމެއް ވެއެވެ. ނަމަވެސް މި ގެއްލުން ފައިދާ އަށް ބަދަލުކޮށް، ނުވަތަ ގެއްލުން ކުޑަ ކުރެވޭނެ ޕްލޭން ތަކެއް ވެސް އެމްޕީއެލް އިން ދަނީ ރާވަމުންނެވެ. މިގޮތުން އެ ކުންފުނީގެ މިހާރުގެ މިހާރު ނަޒަރު ހުއްޓިފައި ހުރީ ކުރިން އެމްވީކޭ އިން ހިންގި ދޫގަސް އެ ކުންފުންޏަށް ހޯދުމެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު އައްޑޫގެ ވިޔަފާރިވެރިންނާ ބައްދަލު ކުރެއްވުމަށް އީކްއޭޓާ ވިލެޖުގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ބައްދަލު ކުރެއްވުމުގައި ވިދާޅުވި ގޮތުގައި އެ ކުންފުނިން އައްޑޫގެ ރައްޔިތުންނަށް ހާއްސަ ޕްރޮޖެކްޓަކާއެކު ވަރަށް އަވަހަށް އަންނާނެ އެވެ. މި މަޝްރޫއު ވެގެން ދާނީ އައްޑޫގެ ޒުވާނުންނަށް ވަޒީފާ ލިބޭ، އިގްތިސާދީ ގޮތުން ފައިދާ ކުރާނެ މަޝްރޫ އަކަށެވެ.

އެމްޕީއެލް އިން ދޫގަސް ހިންގުމާ ހަވާލުވާން ތައްޔާރުވި ނަމަވެސް، އެ މަޝްރޫއަކީ އެމްޕީއެލް އަށް އެހާ ފަސޭހަ ކަމެއް ކަމަކަށް ނުބެލެވެ އެވެ. ސަބަބަކީ ދޫގަސް ވަރަށް ބޮޑަށް ވީރާނާ ވެފައިވުމެވެ. އެތަން އަލުން އޮޕަރޭޝަނަށް ގެންނަން ބޮޑު އިންވެސްޓްމަންޓެއް ކުރަން ޖެހެ އެވެ.

ނަމަވެސް، އެމްޕީއެލްގެ މެނޭޖުމަންޓުން ތިބީ ދެކުނުގެ ދަތުރު ފަތުރުގެ ގެއްލުން ކުޑަ ކުރުމަށް އިތުރު ޕްލޭންތަކާއެކު އެވެ. ބޭނުމަކީ ދެމެހެއްޓެނިވި ގޮތަކަށް ދަތުރު ފަތުރުގެ ހިދުމަތް ދިނުމެވެ. އެންމެން ބަލައިގެންފައިވާ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމެވެ.