AVAS PHOTO ESSAY

އިނގިރޭސީންނަށް ހައިރާންކަން، ރާއްޖެއަށް މިނިވަންކަން!

ދިވެހި ރާއްޖެއާ ތޮޅެ އަރައިރުންވަމުން ގޮސް އިނގިރޭސި "ގަން ބޯޓް ޑިޕްލޮމަސީ" ގެ ތެރެއިން ބިރު ދައްކައިގެން ލިޔުނު "ބްރިޓިޝް ޕްރޮޓެކްޓްރޭޓް" ކަނޑައިލާން އިނގިރޭސީން އެންމެ ފަހުން އެއްބަސްވެއްޖެ އެވެ. އޭގެ ފަހަށް އަނެއްކާ ތަޅުވަމުން، ދަންމަމުން ދަންމަމުން ގޮސް ދެން ހަމަ ހަދާނެ އެއްވެސް ގޮތެއް ނެތި ނުރުހިފައި ތިބެގެން "ދިވެހި ރާއްޖެއަށް ފުރިހަމަ މިނިވަންކަން ދީފީމޭ" ލިޔެފި އެވެ. އަދި އެގޮށް ވި އެއްބަސްވުން މައްޗަށް ޖުލައި 26، 1965 ގައި ސިރިލަންކާގައިތިބެ ދިވެހި ރާއްޖެ އާއި އިނގިރޭސީން ސޮއިކޮށްފި އެވެ.

ރާއްޖެ އަށް ފުރިހަމަ މިނިވަންކަން ދިނުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުން އެކަމާ ނުރުހުމާއި މަލާމާތާއެކު އިނގިރޭސިވިލާތުގެ ބައެއް ނޫސްތަކުން ވަނީ ހަމަ އެދުވަހު އިނގިރޭސި ސަރުކާރަށް ފާޑުކިޔާފަ އެވެ. ޖުލައި 27، 1965 ގެ "ދަ ގާޑިއަން" އާއި "ދި އޮބްޒާވަރު" ނޫސް ބުނާ ގޮތުން ދިވެހި ރާއްޖެ / އިނގިރޭސި އެއްބަސްވުމުގެ ނަތީޖާ އަކަށްވެގެން ދާނީ ސުއޭޒް ކެނެލްގެ އިރުމަތީގައިވާ އިނގިރޭސިންގެ ދިފާއީ ބާރު ކެނޑި، ނިކަމެތިވެގެން ދިއުމެވެ.

އަދި "ރާއްޖެއަށް މިނިވަންކަން ދިއުން އެއީ ހެދި ވަރަށް ބޮޑު ގޯހެއް" ކަމަށް އިނގިރޭސި ނޫސްތައް އެ ދުވަހު ސިފަކޮށްފައި ވެއެވެ.

އަބްދުﷲ އަފީފް

ނަމަވެސް މި އެއްބަސްވުމުން އިނގިރޭސިންނަށް ލިބުނު ޔަގީން ކަމަކީ 1984 އާ ހަމައަށް އައްޑު އަތޮޅުގައި ތިބުމުގެ މިނިވަންކަމާއި އަދި ބޭރު ގައުމަކަށް ރާއްޖޭގައި އަސްކަރީ މަރުކަޒެއް ހެދުމުގެ ފުރުސަތު ނުދޭނެ ކަމުގެ އިތުބާރެވެ.

ދުނިޔެއަށް ހުޅުވި ރާއްޖޭގެ ކަންކަން ބަދަލުވެފައިވާ ގޮތުން އަދި އިންޑިއާ އާއި އިނގިރޭސީންނާއި އެމެރިކާ އާއި ޗައިނާއިން ރާއްޖެ އޮތް ޕޮޒިޝަނާމެދު ފާރަވެރިވެ ކަންކަން ބައްޓަން ކޮށްފައިވާ ގޮތުން އެކަން އަދިވެސް އޮތީ އެގޮތުގައޭ ބުނަން މިހާރު ތަންކޮޅެއް ދައްޗެވެ. -- ޝައުގުވެރި އެ ތަފުސީލުތައް މިކަހަލަ އެހެން ލިޔުމެއްގައި އަދި ގެންނާނީ އެވެ. ރާއްޖޭގެ ޕޮލިޓިކަލް ބެލެންސް މިވަގުތުން އޮތް ގޮތުން މިއީ އެވާހަކަތައް ލިޔަން ދިވެހި އެއްވެސް ރިޕޯޓަރަކަށް ރަނގަޅު ދަނޑިވަޅަކަށް ނުވާނެ އެވެ.

ރާއްޖޭގެ ޖުމްހޫރީ ރައީސުން

ޖޫން 23، 1964 | ރޮއިޓާސް

ލަންޑަނުގައި ވާހަކަފުޅު ދައްކަވަމުން ކޮމަންވެލްތު ސެކްރެޓަރީ ޑަންކަން ސެންޑީސް ވިދާޅުވަނީ ދިވެހިރާއްޖެ އަށް މިނިވަންކަން ދިނުމާބެހޭ ގޮތުން ދެ ގައުމުގެ ދެމެދު ލަންޑަނުގައި މަޝްވަރާތައް ކުރެވެމުން އެބަދެ އެވެ. އެހެން ނަމަވެސް އެ ކަމުގެ ނާޒުކުކަން ގުޅިގެން ދަނީ ދުނިޔޭގެ މަސްރަހަށް ހާއްސަކޮށް އިސްލާމީ ދުނިޔެއަށް އަންނަ ބަދަލުގެ ތެރެއަށް ރާއްޖެ ވަދެ އިސްލާމީ ގައުމުތަކާ ބައިވެރިވަމުން ދާދިއުމުގެ މައްޗަށެވެ. "އެއީ އިނގިރޭސީންނަށް ނުރައްކަލަކަށް ވެދާނެ" ކަމެކެވެ.

ކޮމެންވެލްތު ސެކްރެޓަރީ ޑަންކަން ސޭންޑީސް

އަދި ޑަންކަން ސޭންޑީސް ރޮއިޓާސް އަށް ދެއްވި އެހެން އިންޓަވިއުއެއްގައި ވިދާޅުވަނީ ސެޕްޓެމްބަރު މަހު މާލޭގައި ބޮޑުވަޒީރު އިބްރާހިމް ނާސިރާއެކު ބޭއްވި ބައްދަލުވުމުގައި 1960 ގެ އެގްރީމެންޓް އިސްލާހްކޮށް ރާއްޖެއަށް ފުރިހަމަ މިނިވަންކަން ދިނުމަށް ނާސިރު އެދިވަޑައިގެންނެވި ކަމަށެވެ. މިގޮތަށް އިނގިރޭސި ސަރުކާރުން އެއްބަސްވާނެ ކަމަށް ހުށަހަޅާފައިވާ ޝަރުތުތަކަކީ އައްޑު އަތޮޅުގައި ގާއިމްކޮށްފައިވާ އަސްކަރީ މަރުކަޒު ދެމެހެއްޓުމުގެ ހައްގު ލިބިފައި އޮތުމާއި އެއްވެސް އެހެން ގައުމަކަށް ރާއްޖޭގައި އަސްކަރީ މަރުކަޒެއް ހެދުމުގެ ފުރުސަތު ނުދިނުމެވެ. ހާއްސަކޮށް ދިވެހި ސަރުކާރުން އިސްލާމީ ގައުމުތަކާ އޮންނަ ގުޅުންތައް ފެއަށް ޖައްސާލުމާއެކު އިރު މައްޗާއި މެދު އިރުމައްޗާ ބާއްވާ ގުޅުން ކުޑަ ކުރަންޖެހޭނެ އެވެ.

އިނގިރޭސީ ރާާނީ

މައްސަލައިގެ އަސްލު

އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު ކުރި އެއްބަސްވުމެއްގެ ދަށުން، އިނގިރޭސިންގެ ހިމާޔަތުގެ އުނގަށް ރާއްޖެ ދިޔުމާއެކު ރާއްޖޭގެ ހާރިޖީ ހުރިހާ ކަންތައްތަކެއްގެ ޒިންމާ ނެގީ އިނގިރޭސިންނެވެ. އޭގެ ފަހުން އިނގިރޭސިން އެކި ސިފަސިފާގައި ރާއްޖޭގެ މައްޗަށް ބާރު ފޯރުވާފައިވެ އެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ރާއްޖޭގައި އިނގިރޭސިންގެ އަސްކަރީ މަރުކަޒުތައް ގާއިމްކުރި އެވެ.

އައްޑު އަތޮޅުގައި އިނގިރޭސިންނަށް އަސްކަރީ މަރުކަޒެއް ހެދުމުގެ ހުއްދަ އެންމެ ފުރަތަމަ ލިބިދީފައި ވަނީ 1953 ގައި ވެވުނު އެއްބަސްވުމުގަ އެވެ. އަދި 1950 ގެ ފަހުކޮޅު އައްޑު އަތޮޅުގައި ރޯޔަލް އެއާފޯސްގެ މަރުކަޒެއް ގާއިމްކުރުމުގެ މަސައްކަތް ވެސް ފެށި އެވެ. އެއީ 1956 ގައި ބޮޑުވަޒީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނާ އެކު ކޮޅުނބުގައި ވި ނުރަސްމީ އެއްބަސްވުމެއްގެ ދަށުންނެވެ.

ދުނިޔޭގެ މަސްރަހަށް ބަލާއިރު އެ އަހަރަކީ ސުއޭސް ކެނެލްގެ މައްސަލަ ކުރިމަތިވެ އިނގިރޭސިންނާއި ފަރަންސޭސިން އިޒްރޭލާ ގުޅިގެން މިސުރާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅި އަހަރެވެ.

އިނގިރޭސި މަނަވަރުތައް

އޮކްޓޯބަރ 17، 1959 | ނިއު ޔޯކް ޓައިމްސް

ނިއުޔޯކް ޓައިމްސްއިން އެ ދުވަހު ރިޕޯޓްކޮށް ލިއެފައިވާ ގޮތުގައި "ކުޑަަކުޑަ ދިވެހި ރާއްޖޭގެ ސަރުކާރާއި ވަރުގަދަ ވެރިޔާ އިބްރާހިމް ނާސިރު އިނގިރޭސިވިލާތާ މެދު ދެކޭ ގޮތް ބަދަލުވީ ސުއޭޒް ކެނެލްގެ ހާދިސާ އަށް ފަހުގަ" އެވެ.

އަދި އެ ނޫހުގައި މިހެން ރިޕޯޓް ކުރެ އެވެ:

"ދިވެހިންނަކީ މުސްލިމުންނަށް ވެފައި އަދި ވަރަށް ގިނަ ޒުވާނުންނަކީ މިސްރުން ކިޔަވާ ވިދާޅުވެގެން ތިއްބެވި ބޭފުޅުންނަށްވުމާއެކު މިއީ ވުން އެކަށީގެންވާ ކަމެކެވެ."

އަދިވެސް އެ ނޫހުގައި ލިޔެފައިވާ ގޮތުގައި ވިޔަފާރީގެ ގޮތުން ރާއްޖެ އެންމެ ބޮޑަށް ގުޅިފައިވަނީ ސްރީލަންކާއާ ކަމުގައި ވީ ނަމަވެސް، ސިޔާސީ ގޮތުން އެންމެ ކައިރީ އިރު މައްޗާއި މެދުއިރުމަތީގެ ގައުމުތަކާ އެވެ. އަދި އަރަބި އިސްލާމީ ގައުމުތަކާ ދެމެދު "ކުޑަ ކުޑަ ރާއްޖެ އާ ދެމެދު އޮންނަނީ ވަރަށް ބޮޑު ލޯތްބެ" ކެވެ.

ސްއެޒް ކެނެލް: ރާއްޖޭގެ މިނިވަން ކަމާ ގުޅިފައިވޭ
ސްއެޒް ކެނަލް: ރާއްޖެއަށް މިނިވަންކަން ލިބުނީ ސުއެޒެ ކެނަލްގެ ހާދިސާއަށް ފަހު

ހަގީގަތުގައި ވެސް ދިވެހި ސަރުކާރާއި އިނގިރޭސިވިލާތާ ދެމެދު 1953 ގައި ކޮށްފައިވާ އެއްބަސްވުން އިސްލާހު ކުރުމަށް ރާއްޖެ އިން މަސައްކަތް ކުރަން ފެށީ ސުއޭޒް ކެނެލްގެ ހާދިސާއަށް ފަހު އެވެ. އިނގިރޭސިންނަށް ރާއްޖޭގައި އަސްކަރީ މަރުކަޒެއް ގާއިމްކުރުމާއި އަދި ރާއްޖޭގެ ދިފާއީ އަދި ހާރިޖީ ކަންތައްތައް ބެލެހެއްޓުމުގެ ބާރު 1956 ގެ އެއްބަސްވުމުން ލިބިދީފައިވެ އެވެ. އެންމެ ފަހުން 1956 ގެ ނުރަސްމީ އެއްބަސްވުމާ ދެކޮޅަށް އާންމުންނާއި ސަރުކާރުގެ އިސް ބޭފުޅުން ނުރުހުން ފާޅުކުރަން ފެށުމުގެ ނަތީޖާއަކީ ޑިސެމްބަރު 1957 ގައި ބޮޑުވަޒީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނު އިސްތިއުފާ ދެއްވުމެވެ.

ޓެލެގްރާފް | އިނގިރޭސި ވިލާތް

ދިވެހި ރާއްޖޭގެ ބޮޑުވަޒީރުކަމާ ހަވާލުވެ ވަޑައިގެން އިބްރާހިމް ނާސިރު މަސައްކަތް ކުރެއްވީ ރާއްޖޭގެ ހާރިޖީ ގުޅުން އެހެން ގައުމުތަކާއެކު އަމިއްލައަށް ގާއިމްކޮށް ދެމެހެއްޓުމުގެ މިނިވަންކަން ހޯއްދެވުމަށެވެ. މިކަމާ ގުޅޭ ގޮތުން މިނިސްޓަރުންގެ ފެންވަރުގައި އެތަކެއް ބައްދަލުވުމެއް ލަންޑަނުގައި ވަނީ ބާއްވާފަ އެވެ. އަދި އެކަންކަން ކުރިޔަށް ދިޔައިރު އަރަބި އިސްލާމީ ދުނިޔެއާ ކައިރިވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ދިމާއަށް ފާޅު ކުރެއްވި އެވެ. އެކަންކަން އެގޮތަށް ހިނގައިދާއިރު ދިވެހި ރާއްޖޭގެ ވެރިޔާ ހުއްޓުވަން އިނގިރޭސި ދައުލަތަށް ކުރެވުނު ކަމެއް ނެތެވެ.

ރާނީ އެލިޒަބަތު ދޭއް

ޕްރެސްކޮންފަރެންސް | އިނގިރޭސީންނާ ދެކޮޅަށް ގޮވާލުން

އިނގިރޭސިންގެ އަސްކަރީ މަރުކަޒެއް އައްޑު އަތޮޅުގައި ގާއިމްކުރުމާ ދެކޮޅަށް ދުނިޔޭގެ ތާއީދު ހޯދަން ދިވެހި ސަރުކާރުން މަސައްކަތް ފެށި އެވެ. އެޕްރީލް 1، 1958 ގައި ކޮލަމްބޯގައި ދިވެހި ސަރުކާރުން ނިއުސް ކޮންފަރެންސެއް ބޭއްވި އެވެ. ޑިޕްލޮމޭޓުންނަށް ބްރީފްކޮށް ދެއްވުމުގެ އިތުރުން ރާއްޖޭގެ ތައުލީމާ ބެހޭ ވަޒީރު އިބްރާހިމް ޝިހާބު އެ ނޫސް ކޮންފަރެންސްގައި އިންޑިއާ އަދި ސްރީލަންކާގެ ސަރުކާރަށް ގޮވާލެއްވީ އިނގިރޭސިންގެ އަސްކަރީ މަޝްރޫއަށް ފާޅުގައި ދެކޮޅު ހެދުމަށެވެ. މީގެ އިތުރުން ރާއްޖޭގެ "ހާރިޖީ ސަމުގާ" އިރު މައްޗަށާއި މެދު އިރުމައްޗަށް އަނބުރާލާފައިވާ ކަމުގެ އިންޒާރު ހުޅަނގަށް ދިނެވެ.

އިބްރާހިމް ޝިހާބު

އިސްލާމީ ގައުމުތަކުގެ ތާއީދު ޗައިނާއަށް ވަފުދެއް

އިނގިރޭސިންނާ އޮތް ގުޅުން ހީނަރުވެ އަދި ދެކުނުގެ ތިން އަތޮޅުގައި ސިޔާސީ ހަމަނުޖެހުން އުފެދުނު ދުވަސްވަރު، ބޮޑުވަޒީރު ނާސިރު އަވަށްޓެރި އަދި އިސްލާމީ ގައުމުތަކުގެ ސަޕޯޓް ހޯއްދެވުމަށް މަސައްކަތް އިތުރު ކުރެއްވި އެވެ. ޗައިނާއާ ގާތަށް ޖެހިލުމާއެކު މިސުރުގެ ރައީސް ޖަމާލް އަބްދުއް ނާސިރާ ބައްދަލު ކުރެއްވުމަށް އިބްރާހިމް ޝިހާބު ފޮނުއްވި އެވެ. ޗައިނާއަށް ވަފުދެއް ފޮނުއްވެވި އެވެ. އަދި އެހެން ވަފުދުތައް ޕާކިސްތާނާއި ސައުދީ އާއި އިންޑިއާ އަށް ވެސް ފޮނުއްވާފައިވެ އެވެ.

މިނިވަން ކަމުގެ ގަރާރެއް އިއުލާން ކުރަން އެދުން

ފެބްރުއަރީ 1959 ގައި ކޮޅުނބުގައި ހުންނަ އިނިގިރޭސި ހައިކޮމިޝަނުން ބުނެފައިވާ ގޮތުގައި ދިވެހި ސަރުކާރުން ފާހަގަކުރާ އެއް ނުކުތާއަކީ 1887 ގެ އެއްބަސްވުމަށް ފަހު ތަފާތު އެތަކެއް އެއްބަސްވުމުގައި ދެ ގައުމުގެ ދެމެދުގައި ސޮއި ކުރެވުނު ނަމަވެސް، ރާއްޖޭގެ މިނިިވަން ކަމަށް އެއްވެސް ހުރަހެއް ކުރިމަތިނުވެ ދެމިގެން ގޮސްފައިވާ ކަމަށާއި މިކަން އިނގިރޭސި ސަރުކާރުން ވެސް ގަބޫލު ކުރާށެވެ. އަދި އޭގެ ޖަވާބަކަށް ހައިކޮމިޝަން އިންތިޒާރު ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.

ކޮލަމްބޯގައި ހުންނަވާ ރާއްޖޭގެ ރެޕްރެޒެންޓެޓިވް ފެބްރުއަރީ 9 ގައި ނެރުއްވި ބަޔާނެއްގައިވާ ގޮތުން ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރަށް ވަނީ ދިވެހި ރާއްޖެއަށް މިނިވަންކަން ލިބިފައިވާ ކަމުގެ ގަރާރެއް ރަސްމީކޮށް އިއުލާން ކުރުމަށް ހުށަހަޅައިފަ އެވެ.

އަބްދުއް ސައްތާރު މޫސާ ދީދީ

އޭއެފް މޯލީ: މިނިވަން ކަމުގެ ގަރާރެއް ނެރެން ދަތި

އިނގިރޭސީ ހައިކޮމިޝަނަރުގެ ސިޓީ: އިނގިރޭސި ހައިކޮމިޝަނަރު އޭއެފް މޯލީ މިކަމާ ގުޅޭ ގޮތުން ވިދާޅުވެފައި ވަނީ "1953 ގެ އެއްބަސްވުމަށް ބަލާއިރު، ރާއްޖެއަށް ރަސްމީކޮށް މިނިވަންކަން ދިނުމުގެ ގަރާރެއް ނުވަތަ އެއްބަސްވުމެއް އެކުލަވާލުމަކީ އިނގިރޭސި ސަރުކާރަށް ވަރަށް ދަތި ވަރަށް އުނދަގޫ ކަމަކަށް" ވާނެ އެވެ.

ދިވެހި ސަރުކާރުގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖެއަކީ މިނިވަން ގައުމެއް ކަމުގައި އިއުލާން ކުރުމަށް އިނިގރޭސިންނަށް ދަތިވަނީ އެއްވެސް ރަސްމީ އެއްބަސްވުމެއް ނެތި ގަމުގައި އިނގިރޭސިންގެ އަސްކަރީ މަރުކަޒެއް ގާއިމްކުރުމުގެ މަސައްކަތް ކޮށްފައި ވާތީ އެވެ.

ރާއްޖެ އިން މިނިވަންކަމަށް އެދެމުންދާތީ އިނގިރޭސި ޚާރިޖީ އޮފީހުގެ ލަފައަކަށް ވަނީ އެދިފަ އެވެ. މިގޮތުން، ބްރިޓިޝް ކޮލޯނިއަލް ސެކްރެޓަރީ ޑަންކަން ސެންޑީސް އަށް ބޮޑުވަޒީރު އިބްރާހިމް ނާސިރު ސެޕްޓެމްބަރު 28، 1963 ގައި ފޮނުއްވި ނޯޓެއްގައި ވިދާޅުވެފައިވަނީ "ދިވެހި ރާއްޖެ ވަރަށް އަވަހަށް ފުރިހަމަ މިނިވަންކަން ލިބިގެންވާ ގައުމަކަށް ވާނޭ ކަމަށް އުއްމީދު ކުރައްވާ" ކަމަށެވެ. އަދި ހަމަ އެއާއެކު އެ ނޯޓުގައި ދިވެހި ސަރުކާރުން މިނިވަން ކަމަށް އެދި ހުށަހަޅާ ހުށަހެޅުން އިނގިރޭސިވިލާތުން ގަބޫލު ކުރަން ނާސިރު ގޮވާލައްވާފައިވެ އެވެ.