ސިސްޓަމެއްގެ ތެރެއަށް ވަދެ ހިނގައިގަންނާން ދިޔަ ރައީސް އަމީންގެ ޖުމްހޫރީ ވެރިކަން ފުރޮޅާލައި ސިޔާސީ ފަސް ބޭފުޅެއްގެ މައްޗަށް އޮތް އެޑްމިނިސްޓްރޭޝަނެއްގެ ތެރެއިން އަނެއްކާވެސް އުފެދުނު ރަސްކަމުގެ ކުރީކޮޅުން ފެށިގެން ރާއްޖެ އޮތީ ހިންގުންތެރި ކަމެއް ނެތި ހުއްޓިފަ އެވެ. މުހައްމަދު ފަރީދު ދީދީ ރަސްކަމުގައި ހުންނަވަ އެވެ. ބޮޑު ވަޒީރެއްގެ ނަން ބޯޑުގައި އިބްރާހިމް ފާމުލަދޭރި ކިލެގެފާނު ހުންނެވި އެވެ. ކިލެފާނު "ސަބަބުން" އުފަންވި އައްޑޫ މައްސަލަ އާއި އޭގެ ތެރެއިން ކުރިލަމުން ދިޔަ އެތައް ހައިޖާނަކާއި ދެވަނަ ބޮޑުހަނގުރާމައިން ފެށިގެން ރައީސް އަމީނާއެކު ވާރުތަވަމުން އައިސްފައިވާ އެޑްމިނިސްޓްރޭޓިވް އޮޅުން ބޮޅުން އޮތެވެ.
އަދި މެނޭޖް ކުރެވިފައި ނެތް އިގްތިސޯދީ ބެކް ލޮގާއި ވޯރާއިންގެ ދިވެހި ވިޔަފާރި އާއި އިގްތިސޯދު ފޭރިކެއުން ޑިސެމްބަރު 12، 1957 ގައި ރައީސް އިބްރާހިމް ނާސިރު ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވި އިރު ވެސް އެ އޮތް ގޮތަކަށް އެކަކަށް ވެސް އަތްލާން ނުކެރޭ ވަރަށް ހަޑި ހޭވިފައި އޮތެވެ.
ޑިސެމްބަރު 11، 1957 ގައި ބޮޑު ވަޒީރު ކަމުން އިބްރާހިމް ފާމުލަދޭރި ކިލެގެފާނު އިސްތިއުފާ ދެއްވައިފި އެވެ. އެ ދުވަހު ރަދުން މުހައްމަދު ފަރީދުގެ އެންގެވުމަށް ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބާއްވައި އިސްތިއުފާގެ މައްސަލަ ހުށަހަޅައި އެ އިސްތިއުފާ މަޖިލީހުގެ އިއްތިފާގުން ބަލައިގަތެވެ. އެ ޖަލްސާގައި ރައީސް ނާސިރު ހުށަހަޅުއްވައި އިބްރާހީމް ޝިހާބުގެ ތާއީދާއެކު ފާމުދޭރި ކިލެގެފާނަށް އަރުވާ އިއްޒަތެއްގެ ގޮތު "ސާހިބުއްރިފްއާ" ގެ ލަގަބާއި ސަރުކާރުގެ އެއްމެ މަތީ އެޑްވައިޒަރުގެ ރަމްޒީ މަގާމު ދެއްވި އެވެ. އެގޮތަށް ނިންމީ މަހަކު 1000 ރުފިޔާ އާއި ބޮޑު ވަޒީރު ކަމުގައި ބޭނުންފުޅު ކުރެއްވި ކާރުކޮޅާ ވެސް އެކުއެވެ. -- ބޮޑު ވަޒީރު ކަމުގައި ވެސް ފަހުން ވެސް ކާރުކޮޅަކަށް ނާރުއްވަ އެވެ.
ރައީސް ނާސިރު ބޮޑު ވަޒީރު ކަމަށް ގެންނަން ރައްޔިތުންގެ މަޖިލީހުން ފާސް ކުރީ އިބްރާހީމް ޝިހާބު ހުށަހަޅުއްވާ ކުނޑިގޭ އަބްދުއްލަތީފުގެ ތާއީދާއެކު އެވެ. އެ ނިންމެވުން ރަދުން ގަބޫލު ކުރެއްވުމުން ރައީސް ނާސިރު ރާއްޖޭގެ ބޮޑުވަޒީރަކަށް ވެވަޑައިގެން "ސާޙިބުއްދައުލާ އިބްރާހީމް ނާސިރު" ގެ ގޮތުގައި ހަމަޖެހުނީ އެވެ. މަގާމުގެ ހުވާ ކުރެއްވީ ޖެހިގެން އައި ދުވަހު އެވެ. ޑިސެމްބަރު 12، 1957 ގައެވެ.
ބޮޑު ވަޒީރުކަން ހޯއްދަވަން ދެއްކެވީ އިގްތިސޯދު މިނިވަންކަން
ބަޔަކު ނާސިރަށް ބޮޑު ވަޒީރުކަން ދީނީއެއް ނޫނެވެ. އޭރު ރާއްޖޭގެ ޕޮލިޓިކްސްގައި އެ މަނިކުފާނުގެ ކުޅަދާނަ ކަމުން ޝިހާބުގެ އެ ހުށަހެޅު މަޖިލީހަށް ދިޔަ އިރުވެސް މަގާމަށް ވަޑައިގެންނެވޭނެ ހުރިހާ މަގެއް ވަނީ ކޮށައި އަލިކޮށްފަ އެވެ.
ނާސިރު އެ މަގާމަށް ވަޑައިގަތުމުގެ ކުރީން ބޮޑު ވަޒީރު ފާމުލަދޭރި ކިލެގާނު ސްރީލަންކާއަށް ވަޑައިގަތެވެ. އެ ދަތުރުފުޅުގައި ވަޑައިގަތީ ބޮޑުވަޒީރުގެ ގާއިމު މަގާމެއްގެ ގޮތު، ސަރުކާރު ހިންގެވުން ނާސިރާ ހަވާލު ކުރައްވާފަ އެވެ.
އެކްޓިން ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވުނު އިރު ރާއްޖޭގެ ޕޮލިޓިކްސްގައި ނާސިރު މަގުބޫލެވެ. ރައްޔިތުން ގާތުގައި ނާސިރު އެންމެ ބޮޑަށް ވިއްކަވަމުން ގެންދެވީ "އިގްތިސޯދީ ގޮތުން ފުދޭ ބަޔަކަށް ދިވެހި ރައްޔިތުން ވާންޖެހެއޭ" އެވެ. އަދި ރައްޔިތުން ދިޔައީ ނާސިރުގެ އިގްތިސޯދީ ސިޔާސަތުތައް ބަލައިގަނެ ގަބޫލު ކުރަމުންނެވެ.
އޭރު ނާސިރު ހުންނެވީ ރަނގަޅު ސިޔާސީ ލީޑަރަކަށް ވެވަޑައިގެންފަ އެވެ. އަދި ދަނޑިވަޅު ބައްލަވާފައި ކައިރި މަގަކުން ބޮޑު ވަޒީރު ކަމަށް ވަޑައިގަތުމަށް އެވަގުތަށް އޮތް އެންމެ މޮޅު ސިޔާސީ ދެ ކާޑުގައި ހިއްޕަވައި ޖެއްސެވީ އެވެ.
ދިވެހި ރައްޔިތުން އޭރު އެންމެ ނުރިހިފައި ވަނީ ރާއްޖޭގެ ވިޔަފާރި އާއި އިގްތިސޯދު ދިރުވާލައިގެން ތިބި އިންޑިއާގެ ބޮމްބޭއަށް ނިސްްބާވާ ވޯރާއިންގެ ގިނަ ބައިވަރު މީހުންނާއި ސްރީލަންކާއިން ގެނެސް ވަޒަންވެރި ކުރުވާފައިވާ އިންޑިއާއަށް ނިސްބަތްވާ ވޯރާއިން ދެކެ އެވެ. އޭގެ ސިޔާސީ ފައިދާ ނާސިރަށް އެނގި ވަޑައިގަންނަވަ އެވެ.
އަނެއްކޮޅުން އިނގިރޭސީން އަޑީގައި ތިބެގެން ރާއްޖޭގެ ހުރިހާ ކަމަކަށް އަތްބާނައި ހިންގަމުން ދިޔަ "ގަންބޯޓް ޕޮލިސީ" ގައި ދިވެހި ދައުލަތް ބައިބައިކޮށްލަން ފަހަރު "ނަޓެއް" ފަހަރަކު "ވަސަރެއް" ނައްޓަމުން ދާތީ ދިވެހިން ތިބީ ފަޅައިގެންދާން ކައިރިވެފަ އެވެ.
ބޮޑު ވަޒީރު ފާމުލަދޭރި ކިލެގެފާނަކީ ވޯރާއިން ފައިސާގެ ސަޕޯޓާއި މަދަދު އޮތް ބޭފުޅެކެވެ. އަތީރީގެއިން ރާއްޖޭގައި ދިރުވި "އިނގިރޭސި ފަނި" އަލުން ރާއްޖޭގައ ގަދަވީ ވެސް ކިލެފާނުގެ ސަބަބުންނެވެ. ނާސިރުގެ އިގްތިސޯދީ ސިޔާސަތު ހިންގެން އޮތީ ވެސް އަދި އިނގިރޭސީންނާ ދެކޮޅަށް ސީދާ ފާޅުގައި ތެދުވެވެން އޮތީ ވެސް ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވި ގެނެވެ.
ކޮންމެ ގޮތެއް ހަދައިގެން ވިޔަސް ވޯރާއިން ކަންތައް ނިންމާލަން ބޭނުންފުޅުވި އެވެ. އިނގިރޭސީންނާ ދެކޮޅު މޫވެމެންޓެއް އުފަންދަން ބޭނުންފުޅުވެ ވަޑައިގަތެވެ. ފުރަތަމަ ފިޔަވަޅަކަށް ހެއްދެވީ ވޯރާއިންނާ ދެކޮޅަށް ތެދުވެ ވަޑައިގަތުމެވެ. އެކުއެކީ އިނގިރޭސީންނާ ދެކޮޅު ރޫހުވެސް މަޑުމަޑުން މަޑުމަޑުން އުފަން ކުރުވަމުން ގެންދެވި އެވެ.
ނާސިރުގެ ޕްރައިވެޓް ސެކްރެޓަރީ ނތ. ހަސަންދީދީ އާއި އަދި ނާސިރު ދެނަމްބަރު ސެކްރެޓަރީ އަލީ ހުސައިން ވިދާޅުވާ ގޮތުގައި މައިގަނޑު ބޭނުންފުޅަކަށް ވެފައި އޮތީ ވޯރާއިންނާއި އިނގިރޭސީންގެ ކިބައިން ރާއްޖެ މިނިވަންކޮށް ވަރުގަދަ އިގްތިސޯދެއް ރާއްޖެއަށް ހޯއްދަވައި ދެއްވުމެވެ. ބޮޑު ވަޒީރުގެ އޮފީހުގައި މަސައްކަތް ކުރެއްވި ބަންދު ސަލީމް ވެސް ވިދާޅުވަނީ އެ ގޮތަށެވެ.
ސިޔާސީ ގޮތުން އެންމެ ރަނގަޅު ދަނޑިވަޅުގައި އަދި އޭރު ނާސިރަށް ލިބިވަޑައިގެންފައިވާ ތާއީދުގެ ބޭނުން ފުރިހަމައަށް ހިއްޕަވައިގެން ނާސިރު ވޯރާއިންނާ ދިމާ ކޮށްލެއްވި އެވެ. އެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު މެންބަރު މާދޫގެ އަލީ އަހުމަދު މެދުވެރި ކުރައްވައި މާޗު ،12 1957 ގައި މަޖިލީހަށް ބިލެއް ވައްދަވައި ދިވެހި ރައްޔިތުން ހައިރާން ކޮށްލެއްވި އެވެ.
އަލީ އަހުމަދު ބިލު ހުށަހެޅުއްވެވި ނަމަވެސް މައްސަލައިގެ އިބާރާތް ލިޔުއްވީ ރައީސް ނާސިރުގެ އަމިއްލަފުޅަށެވެ. އެކަން ހިނގި ގޮތް މެންބަރުންނާއި ސިޔާސީ ބޭފުޅުންނަށް ވެސް އެކަން އެނގިވަޑައިގަންނަވަ އެވެ. މަޖިލީހުގައި އެ ބިލުގެ ބަހުސް ކުރީ މާޗު ،29 1957 ގަ އެވެ. ބޮޑު ވަޒީރު އިބްރާހިމް ފާމުލަދޭރި ކިލެގެ ފާނު ރާއްޖެ ވަޑައިގެންނެވިއިރު ވޯރާއިން ބޭރުކޮށްލަން މަގު ފަހި ކުރި ބިލް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.
ތާރީހު އިލްމުވެރިޔާ ސިއްކަގޭ މުހައްމަދު ނަސީމް ވިދާޅުވާ ގޮތުގައި އޭރު މުޅި މާލެ އާއި -- ރާއްޖެތެރެ އެއް ނޫން --"ރާއްޖޭގެ އެތެރޭ" ގައި އޮތީ "އިގްތިސޯދާއި ވިޔަފާރީގެ ފުރިހަމަ މިނިވަން ކަމެއް ރާއްޖެއަށް ލިބިއްޖެ" ކަމުގެ އުންމީދީ ވާހަކަ އެވެ. އަދި ނާސިރުގެ ލީޑަޝިޕްގެ ވަރުގަދަ ކަމާއި އޭނާގެ އިގްތިސޯދީ ސިޔާސަތުގެ މޮޅު ކަމުގެ ވާހަކަ އާއި ބޮޑު ވަޒީރު ކަމަށް ނާސިރު ގެންނާން ޖެހިއްޖެ ކަމުގެ ވާހަކަ އެވެ. އަދި މިހެން ވެސް މީހުން ބުނާން ފަށައިފި އެވެ. ބޮޑު ވަޒީރު ފާމުލަދޭރި ކިލެގެފާނަކީ ސިޔާސީ ބޭފުޅެއް ނޫނެވެ. އިގްތިސޯދީ ބޭފުޅެއް ވެސް ނޫނެވެ. އެއީ ސާދާ ހެޔޮލަފާ ބޭސްވެރި އިލްމުވެރިއެކެވެ.
ބޮޑު ވަޒީރު ފާމުލަދޭރި ކިލެގެފާނަކީ އޭރު ފޮރިން މިނިސްޓަރު އަދި މަޖިލީހުގެ ހުވަދު އަތޮޅުގެ މެންބަރެވެ. އެ މަނިކުފާނު ރާއްޖެ ވަޑައިގެންނެވި އިރު ވޯރާއިން ރުޅިގަދަ ވެގެެން ކޮކޮޅަށް ދުވެ ނަގަނީ އެވެ.
ކިލެފާނު ހުންނެވީ ވަރަށް ބޮޑަށް ކޯފާވެފަ އެވެ. އަދި ރާއްޖޭގެ ހާރިޖީ ސިޔާސަތު ގެންދާންވީ މަގުތަކުން ގެންދިއުމުގެ މަސްއޫލިއްޔަތު އެޅިފައި ވަނީ އެމަނިކުފާނުގެ އިސްތަށިފުޅުގައި ކަމަށްވާއިރު އެމަނިފާނުގެ މަޝްވަރާއާ ނުލާ އެފަދަ ބިލެއް ފާސް ކުރުމުގެ މާނަ އަކީ ކޮބައިތޯ މަޖިލީހުގައި ސުވާލު ކުރައްވައިފި އެވެ.
ތިޔަ މައްސަލާގައި އިނގިރޭސި އަދި އިންޑިޔާ ސަރުކާރަށް އަޅުގަނޑާ ސުވާލު ކުރެވިދާނެ އެވެެ. ނަމަވެސް ބޭރުގެ ދައުލަތްތަކުން އެމަނިކުފާނަށް ދީފައި އޮންނަ މަގާމެއްގެ ސަބަބުން އެ މައްސަލައިގައި ސުވާލު ނުކޮށް ތިބީ އެވެ. އެކަމަކު ސްރީ ލަންކާގެ ވޯރާ ޖަމާއަތުގެ ވަފުދެއް މިހާރުވެސް އެމަނިކުފާނާ ބައްދަލުކޮށް މި މައްސަލައިގެ ސަބަބުން އެމީހުންނަށް ލިބުނު ނިކަމެތިކަމުގެ މައްޗަށް ދިވެހި ސަރުކާރުން ރުހުމުގެ ލޮލަކުން ބަލައިދޭތޯ އެދިފައިވެ އެވެއިބްރާހިމް ފާމްލަދޭރި ކިލެގެފާނު | ކުރީގެ ބޮޑު ވަޒިރު / ބޮޑު ވަޒީރު
އަލުން އެ މައްސަލަ މަޖިލީހަށް ވައްދަވައިގެން ކުރި ބަހުސްގައި ކިލެގެފާނު ވިދާޅުވަނީ ކީކޭ ކަމަށްތޯ އެވެ؟
"ތިޔަ މައްސަލާގައި އިނގިރޭސި އަދި އިންޑިޔާ ސަރުކާރަށް ވެސް އަޅުގަނޑާ ސުވާލު ކުރެވިދާނެ އެވެެ. ނަމަވެސް ބޭރުގެ ދައުލަތްތަކުން އެމަނިކުފާނަށް ދީފައި އޮންނަ މަގާމެއްގެ ސަބަބުން އެ މައްސަލައިގައި ސުވާލު ނުކޮށް ތިބީ އެވެ. އެކަމަކު ސްރީ ލަންކާގެ ވޯރާ ޖަމާއަތުގެ ވަފުދެއް މިހާރުވެސް އެމަނިކުފާނާ ބައްދަލުކޮށް މި މައްސަލައިގެ ސަބަބުން އެމީހުންނަށް ލިބުނު ނިކަމެތިކަމުގެ މައްޗަށް ދިވެހި ސަރުކާރުން ރުހުމުގެ ލޮލަކުން ބަލައިދޭތޯ އެދިފައިވެ އެވެ،"
ކިލެގެފާނުގެ މި ވާހަކަފުޅު ސިޔާސީ ވާހަކައަކަށް ވެސް ނުވެ އެވެ. ކަމެއްގެ ދިފާއަަކަށް ވެސް ނުވެ އެވެ. މި ވާހަކަފުޅުން ދޭހަ ވަނީ އެމަނިކުފާނާއި އޭރުގެ އެޑްމިނިސްޓްރޭޝަންގެ މައްޗަށް އިނގިރޭސީންނާއި އިންޑިއާއިން ނުފޫޒުފޯރުވާފައި އޮތް މިންވަރެވެ. އެކަމާ އެމަނިކުފާނު ބިރުން ހުންނެވި ވަރެވެ.
އަދިވެސް ފާމުލަދޭރި ކިލެގެފާނު މަޖިލީހުގެ ތަޅުމުގައި ވިދާޅުވެ އެވެ: "... މިފަދަ އެއްޗެއް އަޅުގަނޑުގެ ލަފައެއް ނެތި ފާސް ކުރުމުގެ މާނައަކީ ދުނިޔޭގެ ހަމައިން ބަލާ ނަމަ އަޅުގަނޑުގެ ހާރިޖީ ސިޔާސަތު ގެންދާ ގޮތް މަޖިލިހަށް ގަބޫލު ނުކުރެއްވުމެވެ. އެހެން ތަނެއްގައި ނަމަ ވަގުތުން އަޅުގަނޑު ޖެހޭނީ އިސްތިއުފާ ދޭށެވެ... ފާސް ކުރި ބިލަކީ ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުން ފާސް ކުރަން ހެޔޮ ވެސް ނުވާ ފަދަ ބިލެކެވެ..."
ކިލެގެފާނު އެ މައްސަލަ ހިއްޕަވައިގެން މަޖީލީހަށް ވެންނެވީ ވެސް ވޯރާއިންގެ ޔަގީންކަން ހޯއްދަވައިގެނެވެ. ވޯރާއިން މަޖިލީހުގެ މެންބަރުން ގަނެފައި އޮތުމުގެ ސަބަބުން މުޅި މަޖިލިސް އެނބުރުނީ އެވެ. ނާސިރުގެ ބާރުގައި ފާސްކުރި ބިލް އުވުނީ އެވެ.
ނާސިރުގެ އެ ފިޔަޅު ވޯރާއިންނާއި އިނގިރޭސީން ނާކަމިޔާބު ކޮށްލި އިރު ނާސިރުގެ އުމުރުފުޅަކީ 29 އެވެ. އެމަނިކުފާނުގެ ސިޔާސީ ތަރި އޭރު އަދި ރަނގަޅަށް އަރައި އުދަރެހުގައި ހަމަޖެހިލަނީ އެވެ. އެހެންކަމުން ދެން ވެސް ހުންނެވީ ދަނޑިވަޅަކަށް ބައްލަވައިގެންނެވެ. އެގޮތުން ކިލެގެފާނުގެ އެޑްމިނިސްޓްރޭޝަން ފޭލިވެ އެމަނިކުފާނަށް ބޮޑުވަޒީރުކަން ލިބިވަޑައިގަތުމާއެކު ފުރަތަމަ އެޅުއްވި ފިޔަވަޅުތަކުގެ ތެރޭގައި ވޯރާ އިން ބާކީކޮށް ފައްސާލުމުގެ މަސައްކަތް ފެއްޓެވި އެވެ. އެމީހުންގެ 105 އަހަރުވީ ދުއްތުރާ ދިވެހި ބިމުން ލުހެލައި އިގްތިސޯދީ މިނިވަންކަން ދިވެހިންގެ ބާރުގެ ދަށަށް މުޅީން ގެނެވުނީ އޮގަސްޓު 1، 1962ގަ އެވެ. އޭގެ ކުރިން 1958 ގެ އަހަރު މެދާ ހަމައިން އެމީހުން "ސައިޒަށް ފިޓް" ކޮށްލައިފި އެވެ.
އޭރު އެމަނިކުފާނުގެ އުމުރުފުޅުން ވާނީ 31 އަހަރެވެ. ކުރިން ވޯރާއިން ގަނެލުމުގެ ސަބަބުން ނާސިރާ ހިލާފަށް ވޯޓް ދެއްވި ހުރިހާ މަޖިލިސް މެންބަރުން ވެސް މިފަހަރު ތިއްބެވީ ނާސިރާއެކު އެވެ. ވިދާޅުވީ "އާދޭހޭ ތިޔަ ބައިވަރުތުރައް ރާއްޖެއިން އަވަހާ ބޭރު ކުރަންވީ" އޭ އެވެ.
ނާސިރުގެ އިގްތިސޯދީ އެޖެންޑާގެ ފަށައިގަތުން
މިހާ ހިސާބަށް ރައީސް ނާސިރަށް ވަޑައިގެންނެވުނު އިރު ބޮޑު ވަޒީރުކަން ލިބި ވަޑައިގެން 1958 އަހަރު ދެބައި ވެއްޖެ އެވެ. އެހެންވެ ދެން ފެއްޓެވީ ރާއްޖޭގެ ވިޔަފާރި އާއި އިގްތިސޯދު ކޮޅަށް ޖަހާނެ އިގްތިސޯދީ އެޖެންޑާއެއް އެކުލަވައިލުމުގެ މަސައްކަތެވެ. އެ މަސައްކަތް ކުރައްވަމުން ގެންދެވި އިރު ދާހިލީ ވަޒީރުގެ ހައިސިއްޔަތުން ނާސިރު ރައްޔިތު، ކޮންމެ މީހަކަށް ސިޓީފުޅެއް ފޮނުއްވެވި އެވެ. ސިޓީފުޅު ފައްޓާވާފައި އޮންނަނީ "މާލޭގެ ރައްޔިތުންނަށް" ކަމަށް ވިޔަސް ސިޓީފުޅުގެ އެހެން ހުރިހާ ތަނެއްގައި ލިޔުއްވާފައި ވަނީ "ރާއްޖޭގެ ރައްޔިތުނޭވެ!" މިހެނެވެ.
ރައީސް ނާސިރުގެ އެ ސިޓީފުޅުގެ ތާރީހަކީ އޮކްޓޫބަރު 23، 1958 އެވެ. ރާއްޖޭގެ މިހާރުގެ ހާލަތާ ވެސް ވަރަށް ގުޅޭ މުހިންމު ސިޓީފުޅު ފެއްޓެވުމާއެކު "މިއަދު ދިވެހި ރާއްޖޭގެ ވުޒާރަތުއް ދާހިލިއްޔާ ހިންގުމާ ހަވާލުވެ ހުރި ވެރިއެއްގެ ގޮތުން ރާއްޖޭގެ ރައްޔިތުންނަށް އެއްޗެއް ނަންގަތުމަކީ އަޅުގަނޑުގެ ވާޖިބެއް ކަމުގައި ދެކެމެވެ. އާދޭހެވެ! ތިޔަ އެންމެ ކަލުންނާއި ކަނބަލުން ވެސް ޔަގީން ކުރައްވާނޭ ފަދައިން ދިވެހި ރާއްޖެއަކީ ވަރަށް ކުޑަ ރާއްޖެ އެކެވެ. އަދި ހުރިހާ ކަމެއްހެން ފުއްދަމުން ގެންދަނީ ރާއްޖެއިން ބޭރުން ގެންނަ ތަކެތީންނެވެ. ކަން މިހެން ހުރި އިރު ރާއްޖެއިން ބޭރު ކުރާ މުދާ ގިނަ ކުރުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ އެންމެ އިސް ވާޖިބެއް ކަމުގައި ދެކެންވާނެ އެވެ. މިހެން ނުވި ނަމަ ކުރިމަތިލާން ޖެހޭނީ ހިތި ނަތީޖާއަކާއި އެވެ. ވީމާ، މި ކަމާމެދު ތިޔަ އެންމެ ކަލުންނާއި ކަނބަލުން ހާއްސަ ސަމާލު ދެއްވުމަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ."
އެ މަނިކުފާނުގެ ސިޓީފުޅުގައި ރައްޔިތުންނަށް ކުރައްވާ އާދޭހުގެ ވަރަށް ގިނަ ވާކަތައް ވިދާޅުވެފައިި ދެން ފޯކަސް ކުރައްވާފައި އޮންނަނީ އެކްސްޕޯޓްގެ ތަފާސްހިސާބު މައްޗަށްވެ. އެ ގޮތުން 1956 ވަނަ އަހަރާއި 1957 ވަނަ އަހަރު ރާއްޖެއިން އެކްސްޕޯޓް ކުރި މުދަލުގެ ހިސާބުތައް ވިދާޅުވެފައި ވެއެވެ. އެ ގޮތުން 1956 ވަނަ އަހަރަށްވުރެ 1957 ވަނަ އަހަރު އެކްސްޕޯޓް ކުރި މުދާ މަދުވެފައިވާ ކަމާއި މަދުވި ބާވަތްތަކުން މަަދުވި މިންވަރު ވެސް ހިމަނުއްވާފައި ވެއެވެ.
އެ ހިސާބުތަކަށް ބައްލަވައި ރާއްޖޭގެ ރައްޔިތުން ކުރާންވީ ވަރާއި ގާތަށް ވެސް 1957 ވަނަ އަހަރު މަސައްކަތް ކޮށްފައެއް ނުވެއޭ ވިދާޅުވެ އެކަމާ ހިތާމަ ކުރައްވާކަން ފާޅު ކުރައްވާފައި ވެއެވެ. އަދި އޭގެ ނަތީޖާއަކަށްވީ ބޭރުން ރާއްޖެއަށް ލިބެންވީ ފައިސާގެ ތެރެއިން ވަރަށް ގިނަ އަދަދެއްގެ ފައިސާ އެ އަހަރު ލިބުން މަދުން ކަމުގައި ވެސް ލިޔުއްވަ އެވެ.
ރާއްޖޭގެ ރައްުޔިތުންނޭވެ. އަދު ދައުލަތުގެ ފަރާތުން ރާއްޖޭގެ ރައްޔިތުންންނަށް މަޖުބޫރު ކުރީ ކޮން ކަމެއް ތޯއެވެ؟ ތިޔަ ބޭކަލުންގެ މިނިވަން ކަމަށް ދައުލަތުން އެޅީ ކޮން ހުރަހެއްތޯ އެވެ؟ އާދެ! ތިޔައިން އެއްވެސް ރައްޔިތެއްގެ ސިޔާސީ މިނިވަން ކަމަކަށް ޝަހުސީ މިނިވަން ކަމަކަށް ދައުލަތުން ގާނޫނީ ގޮތުން ދީފައިވާ މިނިވަން ކަމަށް ދައުލަތަކުން ނުބެހެމު އެވެ. މަސައްކަތުގެ ގޮތުން ދާން ބޭނުންވާ ތާކަށް ރާއްޖެއިން ބޭރަށް ކަމުގައި ވީނަމަވެސް ދިއުމަކަށް ހުރަހެއް ނާޅަމު އެވެ. ވީއިރު، ރާއްޖޭގެ މަސައްކަތް މިހާ ދަށު ދަރަޖައަކަށް ދާންވީ އެއްވެސް ސަބަބެއް އަޅުގަނޑަކަށް ނުވިސްނެ އެވެ،އިބްރާހިމް ނާސިރު | ކުރީގެ ރައީސް / ބޮޑު ވަޒީރު
"އެހެން ކަމުން ތިޔަ އެންމެ ކަލުންނަށާއި ކަނބަލުންނަށް ވެސް ވިސްނި ލައްވާނޭ ފަދައިން ރާއްޖެއަށް ގެންނަން ބޭނުންވާ ތަކެތި ގެނައުން ދަތިވާނެ އެވެ."
ރާއްޖޭން ބޭރު ކުރާ ރޯނު މަދުވި ކަމުގެ މައްޗަށް ބައްލަވާލައި ވިދާޅުވެފައިވާ ގޮތުގައި ރައީސް މުހައްމަދު އަމީނުގެ ރަށްވެހި ކަމުގެ ޒަމާނުގައި ނެގިފައި ހުރި ހިސާބުތަކުން މިހާރު ދިވެހިން ކަންނެތްވެފައިވާކަން ސާބިތު ކޮށް ދެއްވި އެވެ. ވިދާޅުވެފައިވާ ގޮތުގައި އަމީންގެ ރަށްވެހި ކަމުގެ ދައުރުގައި ބައެއް ރަށްރަށުގައި މަސައްކަތް ކުރެވޭވަރުގެ ކޮންމެ އަންހެނަކުގެ މައްޗަށް 64 ބޮނޑިން ފެށިގެން 91 ބޮނޑިއާ ހަމައަށް ރޯނު ވަށާފައި ވެއެވެ. އެކަމަކު އެއީ އެ ދުވަހެއްގެ ވާހަކަ ދެންނެވުމުން ރައްޔިތުންގެ ހިތްތަކަށް ނުތަނަވަސްކަން ލިބޭ ޖުމްހޫރީ ދައުރެވެ!
"ރާއްޖޭގެ ރައްޔިތުންނޭވެ! ތިޔަ ބޭކަލުންނާއި ކަނބަލުންގެ ދިރިއުޅުން ތަނަވަސް ކުރަން އެދެނީނަމަ ތިޔަ އެންމެ ކަލުންނާއި ކަނބަލުން މުސްތަގުބަލު ތަނަވަސް ކުރަން އެދެނީނަމަ، ކުރާންވީ މަސައްކަތަކީ ހަދަންވީ ބޭހަކީ، ރާއްޖެއިން ބޭރު ކުރާ މުދާ އެއް އަހަރުން އަނެއް އަހަރަށް ގިނަ ކުރެވޭތޯ މަސައްކަތް ކުރުމެވެ. ހިތާމަޔާއެކު ނަންގަންނަމެވެ... 1957 ވަނަ އަހަރު ބޭރު ކުރެވުނު ކަށިކުނޑީގެ އަދަދު ގިނައިން މަސް ބޭނި އަހަރު 11867 ހަންދަރު މަދެވެ."
ނާސިރު ވިދާޅުވެފައިވާ ގޮތުގައި އެހެން ދިމާވެފައި އޮތީ ރާއްޖޭގެ ރައްޔިތުންނަށް އެ ރޮނގުން ހިޔާލު ނުކޮށް ތިބުމުގެ ސަބަބުންނެވެ. ލިބުނު މަސްކޮޅުގެ މައްޗަށް ޣާފިލުވުމުގެ ސަބަބުބްނެވެ. ދިވެހިންގެ މާދަމާގެ ދިރިއުޅުމާމެދު ހަނދާން ނައްތާލާފައިވުމުގެ ސަބަބުންނެވެ: "މިވަގުތު ދިވެހި ރައްޔިތުން މިކަމާމެދު ވިސްނުމަކީ އަޅުގަނޑުގެ އެދުމެކެވެ."
"ރާއްޖޭގެ ރައްުޔިތުންނޭވެ. އަދު ދައުލަތުގެ ފަރާތުން ރާއްޖޭގެ ރައްޔިތުންންނަށް މަޖުބޫރު ކުރީ ކޮން ކަމެއް ތޯއެވެ؟ ތިޔަ ބޭކަލުންގެ މިނިވަން ކަމަށް ދައުލަތުން އެޅީ ކޮން ހުރަހެއްތޯ އެވެ؟ އާދެ! ތިޔައިން އެއްވެސް ރައްޔިތެއްގެ ސިޔާސީ މިނިވަން ކަމަކަށް ޝަހުސީ މިނިވަން ކަމަކަށް ދައުލަތުން ގާނޫނީ ގޮތުން ދީފައިވާ މިނިވަން ކަމަށް ދައުލަތަކުން ނުބެހެމު އެވެ. މަސައްކަތުގެ ގޮތުން ދާން ބޭނުންވާ ތާކަށް ރާއްޖެއިން ބޭރަށް ކަމުގައި ވީނަމަވެސް ދިއުމަކަށް ހުރަހެއް ނާޅަމު އެވެ. ވީއިރު، ރާއްޖޭގެ މަސައްކަތް މިހާ ދަށު ދަރަޖައަކަށް ދާންވީ އެއްވެސް ސަބަބެއް އަޅުގަނޑަކަށް ނުވިސްނެ އެވެ."
އަދަކީ އެއާ ހިލާފަށް ލިބިފައިވާ މިނިވަން ކަމަށްޓަކައި އުފާ ފާޅު ކުރައްވާ ދުވަހެވެ. ނަމަވެސް އެ ފާޅު ކުރައްވާ އުފަލާއި އެ ފާޅު ކުރައްވާ ހިޔާލުގެ މާނަ ކަން މިހެން ދަނީނަމަ ގެއްލިދާނެ ވާހަކަ ހިތާމަޔާއެކު ނަންގަންނަމެވެ. މި ދެންނެވި އެއްޗެއް އޮޅުވައި ނުލެއްވުން އެދެމެވެ. އާދޭހެވެ. މި ދެންނެވީ އެއް އަހަރުން އަނެއް އަހަރަށް ބޭރު ކުރާ މުދާ މަދުވުމުގެ ސަބަބުން އަޅުގަނޑުމެންގެ ދިރިއުޅުން ފުރިހަމަ ކުރުމަށްޓަކައި ބޭނުންވާ ތަކެތި ނުލިބުމުގެ ހިތާމާޔާ، ހިތްދަތި ކަމުގެ ޝަކުވާ ކުރަން ޖެހިދާނެ ވާހަކަ އެވެ،އިބްރާހިމް ނާސިރު | ކުރީގެ ރައީސް
ނާސިރުގެ ސިޓީގައި އަދިވެސް ލިޔުއްވާފައި އެވެ:
"... އަދަކީ އެއާ ހިލާފަށް ލިބިފައިވާ މިނިވަން ކަމަށްޓަކައި އުފާ ފާޅު ކުރައްވާ ދުވަހެވެ. ނަމަވެސް އެ ފާޅު ކުރައްވާ އުފަލާއި އެ ފާޅު ކުރައްވާ ހިޔާލުގެ މާނަ ކަން މިހެން ދަނީނަމަ ގެއްލިދާނެ ވާހަކަ ހިތާމަޔާއެކު ނަންގަންނަމެވެ. މި ދެންނެވި އެއްޗެއް އޮޅުވައި ނުލެއްވުން އެދެމެވެ. އާދޭހެވެ. މި ދެންނެވީ އެއް އަހަރުން އަނެއް އަހަރަށް ބޭރު ކުރާ މުދާ މަދުވުމުގެ ސަބަބުން އަޅުގަނޑުމެންގެ ދިރިއުޅުން ފުރިހަމަ ކުރުމަށްޓަކައި ބޭނުންވާ ތަކެތި ނުލިބުމުގެ ހިތާމާޔާ، ހިތްދަތި ކަމުގެ ޝަކުވާ ކުރަން ޖެހިދާނެ ވާހަކަ އެވެ."
ނާސިރުގެ އާދޭހުގެ ސިޓ ނިންމަވާލައްވަމުން ވޭތުވެ ދިޔަ ތަނާއި މާޒީން ދިވެހި ރައްޔިތުން އިބުރަތް ހާސިލްކޮށް ކުރިޔަށް އޮތް ތަނަށް އިގްތިސޯދީ ގޮތުން ހޭލުމަށް ގޮވާލައްވާފައި ވެއެވެ. ރާއްޖޭގެ މާޒީގެ ތާރީހާއި އެކުވެގެންދިޔަ ހަނދާންތަކުން އާ އަޒުމެއް ކަނޑައެޅުމާއެކު "މިދިއަ އަހަރަށް ވުރެ މި އަންނަ އަހަރު ތަނަވަސް ކުރުމަށް" ދިވެހި ހުރިހާ ރައްޔިތުން އިތުރަށް މަސައްކަތް ކުރަން ގޮވާލައްވާއި ދިވެހި އެއްވެސް ރައްޔިތަކު އެކަމަށް ފަސް ނުޖެހެން އެދިވަޑައިގެންފައި ވެއެވެ.
އަދި ސިޓީ މިހެން ނިމަވާލައްވަ އެވެ: "އަޅުގަނޑުގެ އިލްތިމާސް ނިންމާލާނީ ތިޔަ އެންމެ ކަލުންނާއި ކަނބަލުންގެ ފަރާތުން އަޅުގަނޑަށާއި ދައުލަތް ހިތްހަމަޖެހޭ ފަދަ ޖަވާބެއް ލިބޭނެ ކަމުގެ ޔަގީން ކަމާއެކު އެވެ."