ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މުހައްމަދު ނާޒިމް

ކޮވިޑުގެ ހާލަތު ސަރުކާރުން މެނޭޖުކުރީ ވަރަށް ފުރިހަމައަށް: ނާޒިމް

ކޮވިޑުގެ ހާލަތު ސަރުކާރުން މެނޭޖުކުރީ ވަރަށް ފުރިހަމައަށް ކަމަށް މޯލްޑިވްސް ނެޝެނަލް ޕާޓީގެ އެއް ފައުންޑާ އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ނާޒިމް އެފަދައިން ވިދާޅުވީ އެމްއެންޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަވަސްގެ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.

ނާޒިމް ވިދާޅުވީ އެއްވެސް ބޭފުޅަކު ކަމެއް ރަނގަޅަށް ކަމެއް ކޮށްފިނަމަ އެކަން ގަބޫލުކުރަން ޖެހޭ ކަމަށާއި އަދި ކޮވިޑްގެ ހާލަތު ސަރުކާރުން މެނޭޖްކުރީ އެންމެ ފުރިހަމައަށް ކަމަށެވެ.

"އަޅުގަނޑުމީ ޑިޒާސްޓާ މެނޭޖްމަންޓްގެ ބެކްގްރައުންޑެއް ތައުލީމީ ގޮތުން ހޯދައިފައި ހުރި މީހަކަށް ވާތީ އަޅުގަނޑަށް ގަބޫލުކުރެވެނީ ރާއްޖޭގައި އެފަދަ ކަމެއް ކުރެވޭނެ އެންމެ ރަނގަޅަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ކަމަށް. ވަރަށް ހިކުމަތްތެރިކަމާއެކީގައި އެކަމާ ގުޅޭ ހުރިހާ ޕްރޮފެޝަނަލްސް އެއީ ޑޮކްޓަރުންނާ ނަރުހުންނާ ސިފައިންނާ އަދި ކަމާ ގުޅޭ ހުރިހާ ފަރާތްތަކާއެކު މަޝްވަރާކޮށް ހަގީގަތުގައި އެކަން ވަރަށް ރަނގަޅަށް ކުރެއްވިކަން ގަބޫލުކުރަން ޖެހޭ" ނާޒިމް ވިދޅުވި އެވެ.

ކޮވިޑާ ގުޅިގެން އިގްތިސޯދަށް ލިބުނު ގެއްލުންތައް ފޫބެއްދުމަށް ސަރުކާރުން ތައާރަފްކުރި ސްޓިމިއުލަސް ޕެކޭޖްތަކާއި ދޫކުރި ލޯންތަކާއި ވަޒީފާ ގެއްލުނު މީހުންނަށް ސަރުކާރުން ހަމަޖައްސައިދިން އިނާޔަތްތަކަށް ނާޒިމް ތައުރީފް ކުރެއްވި އެވެ. އޭގެފަހުގައި ނާޒިމް އެދިވަޑައިގެންނެވީ ރާއްޖެއާ ކައިރީގައި އޮތް އެހެން ގައުމުތަކުގެ ހާލަތު އޮތް ގޮތާއި އެ ގައުމުތަކުން އެކުލަވާލި ސިޔާސަތުތައް އަޅާކިޔައި ވިސްނާލުމަށެވެ.

"އަބަދުވެސް ދުރުގައި ތިބޭއިރު ވަރަށް ގިނަ ނުކުރެވޭ ކަންކަން ފެންނާނެ. އެކަމަކު ގޮނޑީގައި އިށީނީމަ ތަފާތުތަކެއް އަންނާނެ. އެހެންވީމާ އަޅުގަނޑު މިއީ އެ ގޮނޑީގައި އިނދެ އަނެއްކާ އަލުން އެހެން ގޮނޑިއަކަށް ބޭރަށް ނުކުތް މީހަކަށް ވާތީ އަޅުގަނޑަށް މިއަދު ގަބޫލުކުރެވޭ ހަމަ ހަގީގަތުގައިވެސް ރައީސުލްޖުމްހޫރިއްޔާ ޓީމުން އެކުރި މަސައްކަތަކީ އައްސަރިބަހާއި ސާބަސް ރައްދުކުރަންޖެހޭ ވަރުގެ ފުރިހަމަ މަސައްކަތެއް"

ކޮވިޑުގެ ނިންމުންތަކަށް ނާޒިމް ތައުރީފްކުރެއްވި ނަމަވެސް އިދިކޮޅު ޕީޕީއެމް/ޕީއެންސީއާއި އާންމު ބައެއް މީހުންގެ ފާޑުކިޔުންތައް ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވެފައިވެ އެވެ. ހާއްސަކޮށް ވެންޓިލޭޓަރުތަަކާއި އޮކްސިޖަން ސިލިންޑަރުތައް ގެނައުމުގައި ބޮޑެތި ހިޔާނާތްތަކެއް ހިންގާފައިވާކަން ހާމަވެފައިވާތީ އެކަމުގައި ސަރުކާރަށް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ.

ކޮވިޑާ ގުޅުންހުރި ހިޔާނާތްތަކާ ގުޅޭގޮތުން ނާޒިމް މިއަދު ވިދާޅުވީ ހިޔާނާތެއްގެ ގޮތުގައި އާންމުން ފާހަގަކުރަމުންދާ ކަންކަމަކީ ވަކިކަމެއް ކަމަށާއި އެކަންކަން ވެސް ދައުލަތުގެ އިދާރާތަކުން ބަލަމުންދާ ކަމަށެވެ.

"ރައީސް ސޯލިހު ވިދާޅުވެފައި އެބައޮތް ތަހުގީގުތަކަށް އެއްވެސް ހުރަހެއް ނެތޭ. އަޅުގަނޑުމެން މި ކްރެޑިޓް ދިނީ މެނޭޖްކުރި ބަޔަށް. ދެން ގޯސްކަންތައްތަކެއް ވެސް ހުންނާނެ. ދެން އެކަމަށް ބުނަން ޖެހޭ ކަމެއް އޮވެއްޖިއްޔާ އަޅުގަނޑުމެން ބުނާނެ" ނާޒިމް ވިދާޅުވި އެެވެ.