ޣައްސާން މައުމޫން

2023 ގައި ވެރިކަމަށް ވަޑައިގަންނަވާނީ ޔާމީން: ޣައްސާން

2023 ގައި ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަންނަވާނީ އިންސާފުވެރި އިސްތިއުނާފަކުން މައުސޫމްކަން ސާބިތުވެގެން ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

މީގެ ކުރީންވެސް ޣައްސާން ވަނީ މި މޭރުމުން ވާހަކަ ދައްކަވާފައެވެ. އަލުން އެ ވާހަކަތައް ޣައްސާން ތަކުރާރު ކުރައްވާފައިމިވަނީ ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނަށް ވާދަކުރުމުގެ ފުރުސަތެއް ނެތް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވުމާއި ގުޅިގެންނެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިނިވަން ދުވަހަށް ހާއްސަކޮށް ގެނެސްދިން ޓީވީ ޕްރަގްރާމެއްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. -ޣައްސާންއަކީ ރައީސް މައުމޫންގެ ހަގު ދަރިކަލުންނެވެ. އަދި ރައީސް އަބްދުﷲ ޔާމީން އާއި ރައީސް މައުމޫނަކީ އެއްބަފާ ދެ ބޭފުޅުންނެވެ.-

ޣައްސާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމްގެ ގަދަ މަސައްކަތުން އަދި ރައްޔިތުންގެ ލޯތްބާއެކު 2023 ގައި ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަންނަވާނީ އިންސާފުވެރި އިސްތިއުނާފަކުން މައުސޫމްކަން ސާބިތުވެގެން ކަމަށެވެ. ޣައްސާން ވަނީ ރައީސް ޔާމީން ވަގުތުން މިނިވަން ކުރެއްވުމަށްވެސް ގޮވާލައްވާފައެވެ.

ޕީޕީއެމްގެ ގަދަ މަސައްކަތުން، ރައްޔިތުންގެ ލޯތްބާއެކު، ކީރިތިﷲ ގެ އިރާދަފުޅުން 2023 ގައި ރައީސް ޔާމީން ވެރިކަމަށް ވަޑައިގަންނަވާނީ އިންސާފުވެރި އިސްތިއުނާފަކުން މައުސޫމްކަން ސާބިތުވެގެން
ޣައްސާން މައުމޫން | ޕީޕީއެމްގެ ނާއިބު ރައީސް

ރައީސް މައުމޫން މިއަދު ވިދާޅުވީ ރައީސް ޔާމީނަކީ ކުށެއް ސާބިތުވެ ޖަލު ހުކުމެއްގައި ހުންނެވި ބޭފުޅެއް ކަމަށާ އެފަދަ ބޭފުޅަކަށް އިންތިހާބުގައި ވާދަނުކުރެއްވޭނެ ކަމަށެވެ. އަދި އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދެއްވުމަށް ރައީސް ޔާމީން މިނިވަން ކުރެވިގެން ނުވާނެ ކަމަށެވެ. މައުމޫން ވިދާޅުވީ ޔާމީން މިނިވަންވީ ނަމަވެސް އެކަން ވާންވާނީ ޝަރީއަތުން ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެެއް ގެންދަވަނީ ތަންފީޒު ކުރައްވަމުންނެވެ. ކޮވިޑްގެ ހާލަތު ގޯސްވުމާއި ހަމައަށް އެމަނިކުފާނު ގެންދެވީ މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުންނެވެ. މިވަގުތު ހުކުމް ތަންފީޒު ކުރައްވަނީ ގެކޮޅުގައި ހުންނަވައިގެންނެވެ.

އެމަނިކުފާނުގެ މައްޗަށް އިއްވި ހުކުމާމެދު އިދިކޮޅުން އެތައް ސުވާލެއް އުފައްދާއިރު 2023 ގެ ރިޔާސީ އިންތިހާބުގައި ރަައީސް ޔާމީން ވާދަކުރައްވާނެ ކަމަށް އިދިކޮޅުން ގެންދަނީ ތަކުރާރުކޮށް ބުނަމުންނެވެ.