ޣައްސާން މައުމޫން

ޔާމީން ޖަލަށްލީ އިންސާފުން ނޫންކަމަށް މައުމޫންވެސް ވިދާޅުވާނެ: ގައްސާން

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ޖަލަށްލާފައިވަނީ ސިޔާސީ ނުފޫޒުން ކަމަށާ އެ ވާހަކަ ދާދި އަވަހަށް ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްވެސް ވިދާޅުވާ އަޑު އިވިވަޑައިގަންނަވާނެ ކަމަށް މައުމޫންގެ ހަގު ދަރިކަލުން ގައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

މަނީ ލޯޑަރިންގެ މައްސަލާގައި ރައީސް ޔާމީން ޖަލަށް ލެއްވުމާއެކު އެމަނިކުފާނުގެ ދިފާއުގައި އެންމެ ބޮޑަށް ވަކާލާތު ކުރައްވަމުން ގެންދަވަނީ ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ގައްސާން މައުމޫނެވެ. ރައީސް ޔާމީންގެ ވެރިކަމުގައި މައުމޫންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށް ދައުވާ އުފުލާ ޖަލުގައި ބަންދުކުރިއެވެ. އުމުރުފުޅުން 82 އަހަރުފުޅުގައި ގިނަ ދުވަސްތަކެއް ވަންދެން މައުމޫން ވަނީ ޖަލުގައި ހޭދަ ކުރައްވާފައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް މައުމޫން ޖަލަށް ލެއްވުމުން ބައްޕާފުޅުގެ ދިފާއުގައި އެއްވެސް އެއްޗެއް ވިދާޅުވެފައިނުވާތީ ގައްސާން މައުމޫނަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވެއެވެ. ރައީސް ޔާމީން މިނިވަން ކުރެއްވުމަށް ގޮވާލާ ދާދިފަހުން ގައްސާން ކުރެއްވި ޓްވީޓަކާއި ގުޅިގެންވެސް ގިނަ ބަޔަކު އެ ހަނދާންތައް އައުކޮށްދީފައިވެއެވެ. އަދި މަޖިލީހުގެ ބައެއް މެންބަރުންވެސް ވަނީ އެ ހަނދާންތައްް އައުކުރައްވާ ގައްސާނަށް ފާޑުވިދާޅުވެފައެވެ.

މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވަނީ ރައީސް ޔާމީން ޖަލަށްލާފައިވަނީ ސިޔާސީ ނުފޫޒުން ކަމުގައިވާނަމަ ރައީސް މައުމޫންވެސް އަދި ގައްސާންގެ ބޭބޭފުޅު ފާރިސް މައުމޫންވެސް އެގޮތަށް ވިދާޅުވާނެ ކަމަށް ދެކޭ ކަމަށް ވިދާޅުވެފައެވެ.

ވަހީދުގެ އެ ސުވާލަކަށް ޖަވާބު ދެއްވަމުން ގައްސާން މައުމޫން ވިދާޅުވީ ރައީސް ޔާމީން ޖަލަށްލާފައިވަނީ ސިޔާސީ ނުފޫޒުން ކަމަށެވެ. އަދި ޓީވީ ޝޯއެއްގައި އެކަމުގެ ތަފްސީލް އޭނާ ހާމަކޮށްފައިވާނެ ކަމަށް ވިދާޅުވެ އެ ވީޑިއޯ ވަނީ ހިއްސާކުރައްވާފައެވެ.

އަދި ވިދާޅުވީ މެންބަރު ވަހީދު ވިދާޅުވި ކަންކަން މިހާރުވެސް ދާދި ކައިރިން ފެންނަ ކަހަލަ ކަމަށެވެ. ގައްސާން ވިދާޅުވީ މިހާރު އޮތް ސަރުކާރު ކޯލިޝަން މުގުރުމުން ކަންތައްތައް ފެންނަން ފަށާނެ ކަމަށެވެ.

"ދެން އިޝާރާތް ކުރެއްވި ކަންކަން [މައުމޫން އަދި ފާރިސް، ޔާމީންގެ ޝަރީއަތާ ގުޅޭގޮތުން ވާހަކަ ދެއްކެވުން] އެކަންތައް ކޯލިޝަން މުގުރުމާއެކު ފެންނަންފަށާނެ. އެ ދުވަސް ދާދި ކައިރިން ފެންނަ ކަހަލަ." މިނިސްޓަރުންގެ ނޯކޮންފިޑެންސް ހޭސްޓެގް ކުރައްވާ ގައްސާން ވިދާޅުވިއެވެ.

ގައްސާން އެ އިޝާރާތް ކުރައްވަނީ މައުމޫންގެ ކޮއްކޯފުޅު ރަމްލާ އަބްދުލްގަނީގެ ދަރިކަނބަލުން އަދި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެ ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވެފައިވާ ވިދާޅުވުމަށް ކަމަށް ބެލެވެއެވެ. އެމްޑީޕީގެ ތިން މެންބަަރަކު ވަނީ ޒަހާ މަގާމުން އިސްތިއުފާދިނުމަށް ގޮވާލައްވާފައެވެ. އިސްތިއުފާ ނުދެއްވާނަމަ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ގައްސާން ވިދާޅުވީ މި ސަރުކާރުގެ ކޯލިޝަންއަކީ ތެލާ ފެނުގެ ގުޅުމެއް ކަމަށެވެ. ނަމަވެސް ރައީސް މައުމޫނާއި ރައީސް ޔާމީނަކީ ލެޔާ ލޭގެ ގުޅުމެއް ކަމަށެވެ. އެ ގުޅުން މާ ބަދަހިވާނެ ކަމަށްވެސް ގައްސާން ވިދާޅުވިއެވެ.

ރައީސް ސޯލިހު ވެރިކަމަށް ގެނައުމަށް ރައީސް މައުމޫނާއެކު އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫނާއި ދަރިކަލުން ފާރިސް މައުމޫން މަސައްކަތް ކުރެއްވިއެވެ. އަދި މެޑަމް ނަސްރީނާ އިބްރާހިންވެސް ވަނީ ރައްޔިތުންގެ ތާއީދު ރައީސް ސޯލިހަށް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާފައެވެ. މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫންވެސް ފާޅުގައި މަސައްކަތް ނުކުރެއްވިނަމަވެސް ހުންނެވީ ރައީސް މައުމޫނާއެކުގައެވެ.

މައުމޫނާއި ވަކިވެޑައިގެން ބޮޑުބޭބޭފުޅާއެކު ހުންނެވީ ގައްސާން މައުމޫން އެކަންޏެވެ.