ހަބަރު

ޔާމީން ޖަލަށްލީ ނުހައްގުން ކަމަށް މައުމޫނަށް ވިދާޅެއް ނުވެވޭނެ: ނަޝީދު

މާފުށި ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހުންނެވީ ނުހައްގުން ކަމަށް އެމަނިކުފާނުގެ ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ވިދާޅެއް ނުވެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫންގެ ދަރިކަލުން އަދި ރައީސް ޔާމީނަށް ބޮޑުބޭބޭ ވިދާޅުވާ ޣައްސާން މައުމޫން އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީން ޖަލަށް ލާފައި ވަނީ ނުހައްގުން ކަމަށް ރައީސް މައުމޫން ވިދާޅުވާ ތަން ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށެވެ.

ޣައްސާން އެހެން ވިދާޅުވީ، ރައީސް ޔާމީން ޖަލަށް ލާފައި ވަނީ ނުހައްގުން ކަމަށްވާނަމަ ޣައްސާންގެ ބައްޕާފުޅު އަދި ރައީސް ޔާމީންގެ ބޭބޭފުޅު ރައީސް މައުމޫނާއި މައުމޫންގެ ދޮށީ ދަރިކަލުން ފާރިސް މައުމޫން އެ ވާހަކަ ދައްކަވާނެ ކަމަށް އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.

ޣައްސާންގެ އެ ވާހަކައާ ގުޅިގެން ސިޔާސީ މައިދާނުގައި ރައީސް ޔާމީނާ އެންމެ ވާދަވެރި ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލާފައި ވަނީ ނުހައްގުން ކަމަށް ރައީސް މައުމޫނަކަށް ވިދާޅު ނުވެވޭނެ ކަމަށެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވިއިރު ދާދި ފަހަކުން ނަޝީދު ލިއުއްވި ނޯޓެއްގައި ވިދާޅުވީ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބެހެއްޓުމުގެ ސަބަބެއް އަދި އޭގެ އިންސާފެއް އެމަނިކުފާނަށް ނުވިސްނޭ ކަމަށެވެ.

މީގެ އިތުރުން ރައީސް ޔާމީންގެ އުފަން ދުވަހުގެ ތަހުނިޔާ ވިދާޅުވެ މަޖިލީހުގައި ތިއްބަވާ އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަންގެ މެންބަރުން ކުރައްވާފައިވާ ޓްވީޓްތަކެއް ވެސް ރައީސް ނަޝީދު ރީޓްވީޓް ކުރައްވާފައިވެ އެވެ.

ރައީސް ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ލޯންޑަ ކުރެއްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އެވެ.

ޔާމީނަށް އިއްވީ ނުހައްގު ހުކުމެއް ކަމަށް ޣައްސާނާއި އެމަނިކުފާނު ލީޑު ކުރާ އިދިކޮޅު ކޯލިޝަނުން ދަނީ ބުނަމުންނެވެ. މި ގޮތަށް ޣައްސާން ވާހަކަ ދައްކަވާއިރު، ރައީސް މައުމޫން ދިފާއުގައި އެއްވެސް ވާހަކައެއް ދައްކާފައި ނުވާ ކަމަށް ބުނެ ގިނަ ފާޑިކިއުންތަކެއް އަމާޒުވެ އެވެ. މައުމޫންގެ ދަރިންގެ ތެރެއިން ޔާމީންގެ ފަޅީގައި ހުންނެވީ ވެސް ޣައްސާން އެކަންޏެވެ.