ރައީސް މުހައްމަދު ނަޝީދު

ވެރިން ޖަލަށްލުން ހުއްޓުވަން ޖެހޭ: ނަޝީދު

ރާއްޖޭގެ ވެރިކަން ކުރާ ބޭފުޅުންނާ ދޭތެރޭ ފަހުން ކަންކަން ވެގެންދާ ގޮތާމެދު ގިނަ ރައްޔިތުން ކަންބޮޑުވާ ކަމަށާއި ވެރިން ޖަލަށް ލުމުގެ ސަގާފަތަށް ހުއްޓުމެއް އަންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ގެނެސްދިން "އާސްކް ސްޕީކާ" ޕްރަގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

އިދިކޮޅު ލީޑަރު އަދި ކުރީގެ ރަައީސް އަބްދުﷲ ޔާމީން ޖަލު ބަންދުން ގެއަށް ބަދަލު ކުރާނީ ކޮން އިރަކުންތޯ އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ވެރިކަން ކުރާ ބޭފުޅުންނާ ދޭތެރޭ ފަހުން ކަންކަން ވެގެންދާ ގޮތް ގިނަ ރައްޔިތުންނަށް ކަމު ނުދާ ކަމަށެވެ. ދިވެހި ހުރިހާ ރައްޔިތުން އެއްވެސް ސިޔާސީ ލީޑަރަކާއި ގާޔާ ނުވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވެރިކަމުގައި ހުންނެވިއިރު އޭގެ ކުރިން ރައީސްކަން ކުރެއްވި ރަައީސް މައުމޫން ޖަލަށް ލެއްވުމަށް މަސައްކަތް ނުކުރައްވާ ކަމަށާ ނަމަވެސް އެކަން ނުކުރެއްވީ މައުމޫން އެމަނިކުފާނަށް ކަމެއް ކުރައްވާފައި ނުވާތީ ނޫން ކަމަށްވެސް ވިދާޅުވި އެވެ. ދެން ވިދާޅުވީ މައުމޫން ކުރެއްވީ އަނިޔާވެރި ވެރިކަމެއް ކަމަށާ އަދި އެ ވެރިކަމަކީ ރައްޔިތުން ފިތްކަނޑައިގެންދާފަދަ އަނިޔާވެރި ވެރިކަމެއް ކަމަށެވެ. ރައީސް ޔާމީން ޖަލުގައި ހުންނެވީ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ޖަލަށް ލެއްވުމުން ކަމަށް ދޭހަވާ މޭރުމަކުން ވެސް ވާހަކަފުޅު ދެއްކެވިއެވެ. ނަމަވެސް އެ ވާހަކަ ފުރިހަމަ ނުކުރައްވާ ހުއްޓަވާ ލެއްވީއެވެ.

"އަޅުގަނޑު ގެންގޮސް ޖަލަށް ނުލީނަމަ ރައީސް ޔާމީން... އަޅުގަނޑެއް ރައީސް މައުމޫން ޖަލަކަށް ނުލަން. އެއީއެއް ރައީސް މައުމޫން އަޅުގަނޑަށް ކަމެއް ނުކުރައްވާތީއެއް ނޫން،"

ވެރިކަމަށް ވަޑައިގަތުމަށް ފަހު ރައީސް ޔާމީން ވެސް މަސައްކަތް ކުރެއްވީ އެމަނިކުފާނު ޖަލަށް ލެއްވުމަށް ކަމަށް ވިދާޅުވިއެވެ. ނަޝީދު އެ އިޝާރަތް ކުރައްވާ އެމަނިކުފާނުގެ ވެރިކަމުގައި ކްރިމިނަލް ކޯޓްގެ އޭރުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ގިރިފުށީގައި ގެންގުޅުނު މައްސަލާގައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވި އިއްވުމަށެވެ. އެ ހުކުމް އިއްވާފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގަ އެވެ. ނަޝީދު ވިދާޅުވީ ވެރިކަމަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކު އޭގެ ކުރިން ވެރިކަން ކުރެއްވި ބޭފުޅަކު ޖަލަށް ލެއްވުމުގެ ސަގާފަތް ގެންގުޅޭނަމަ ވެރިން ޖަލަށްލުމުގެ އާދަ ނުހުއްޓޭނެ ކަމަށެވެ.

"ރައީސް ޔާމީން ވެސް މަސައްކަތް ކުރެއްވީ އަޅުގަނޑު ޖަލަށްލާން. އަޅުގަނޑުގެ ވާހަކައަކީ މިގޮތަށް މިކަން ހިނގާހާ ދުވަހަކު މިކަމަށް ހުއްޓުމެއް ގެނެވޭކަށެއް ނެތޭ. އަޅުގަނޑު އެދެނީ ހުއްޓުމެއް އަންނަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ރައީސް މައުމޫން ޖަލަށް ނުލެއްވި ނަމަވެސް މައުމޫންގެ ވެރިކަމުގައި ހިނގާފައިވާ ކަންކަން ބެލުމުގެ ނަމުގައި ރިޔާސީ ކޮމިޝަނެއް އުފެއްދެވިއެވެ. އަދި ރައީސް މައުމޫން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުވެސް ކޮށްފައިވެއެވެ. އެ ދުވަހު އެމަނިކުފާނު އޭރު ދިރިއުޅުއްވި އަލިވާގެ ކައިރީގައި ހަމަނުޖެހުންވެސް ހިނގިއެވެ.