ދުނިޔެ

އެމްބަސީއަށް ހަމަލާދިނީ އެމެރިކާއާ ގުޅުން އޮތް ބައެއް: ކިއުބާ

ޕެރިހުގައި ހުންނަ ކިއުބާ އެމްބަސީއަށް އަންގާރަ ދުވަހު ޕެޓްރޯލް ބޮމުން ހަމަލާ ދިނީ އެމެރިކާއާ ގުޅުން އޮންނަ ގުރޫޕަކުން ކަމަށް ކިއުބާއިން ތުހުމަތު ކޮށްފި އެވެ. ކިއުބާ ފޮރިން މިނިސްޓަރު ބްރޫނޯ ރޮޑްރީގޭ ވިދާޅުވީ ކިއުބާ ކަހަލަ ނިކަމެތި ގައުމެއްގެ އެމްބަސީއަށް ބަޔަކު ލައްވައި ހަމަލާދޭނީ ވަރަށް ގޮތެއް ނެތް ބައެއް ކަމަށެވެ.

"އަޅުގަނޑުމެންގެ އެމްބަސީއަށް ހަމަލާ ދިނުމަކީ ވަރަށް ބޮޑު މައްސަލައެއް،" ބްރޫނޯ ވިދާޅުވި އެވެ. "އެ ހަމަލާ ވަރަށް ބޮޑަށް ކުށްވެރި ކުރަން"

ބްރޫނޯ ވިދާޅުވި ގޮތުގައި ހަމަލާގެ ޒިންމާ އުފުލަން ޖެހޭނީ އެމެރިކާއިންނެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ އެފަދަ ހަމަލާތައް ކިއުބާއަށް އަމާޒު ވަނީ ކިއުބާގައި ހަމަނުޖެހުން އުފައްދަން އެމެރިކާއިން ތާއަބަދު ގޮވާލާތީ ކަމަށާއި ރައްޔިތުންގެ ހިތުގައި ވެރިންނާ މެދު ނަފުރަތު އުފައްދަން އެމެރިކާއިން ކުރާ މަސައްކަތަކުގެ ސަބަބުން ކަމަށެވެ.

ކިއުބާ އެމްބަސީން މީޑިއާއަށް ބުނި ގޮތުން އެމްބަސީއަށް ދިން ހަމަލާއަކީ ކިއުބާއަށް ދިން ޓެރަރިސްޓް ހަމަލާ އެކެވެ. އެމްބަސީގެ މައިދޮރަށް އަމާޒުކޮށް ދެމީހަކު ތިން ޕެޓްރޯލް ބޮން އެއްލުމުގެ ސަބަބުން ދޮރުގައި ހުޅުހިފި އެވެ. އެހެން ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.

ފަރަންސޭސި ފަޔާ ޑިޕާޓްމަންޓުން ބުނީ ހަމަލާދިން މީހުންގެ ބޭނުމަކީ އެމްބަސީގަައި ހުޅުޖެހުން ކަމަށާއި އެމީހުން އެއްލާފައި އޮތް ދެ އާލާތެއް ފެނިފައިވާ ކަމަށެވެ. ފަޔާ ޑިޕާޓްމަންޓުން ބުނި ގޮތުން ރޭގަނޑު ދަންވަރު ހަމަލާ ދިނުމުން ދޭހަ ކުރެވެނީ މީހުންނަށް ވުރެ ބޮޑަށް ތަނަށް ގެއްލުން ދޭން ދިން ހަމަލާއެއް ކަމަށެވެ.

ކިއުބާއަށް ދަތިކުރަން އެމެރިކާއިން އަޅާފައި ހުރި ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުންނަށް އުނދަގުލާއި ތަކުލީފު އޮތީ ޖެހިފަ އެވެ. އަނެއްކޮޅުން ކޮވިޑާ ގުޅިގެން ގައުމުގެ ހާލަތު ބޮއްސުންލައި އާންމުން މަގުތަކަށް ނިކުމެ މުޅި ގައުމު އޮތީ ހަރާބު ކޮށްފަ އެވެ.