ޔޫރަޕްގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޓެރަރިސްޓް ހަމަލާތަކެއް ދީފާނެ ކަމަށް ވަރަށް ބޮޑަށް ތައްޔާރުވާން ފަށައިފި އެވެ.
އޮފިޝަލުން ބުނާ ގޮތުން ޓެރަރިސްޓް ހަމަލާއެއް ދީފާނެ ކަމަށް ބުނެ އެތައް އިންޒާރެއް ދަނީ ލިބެމުންނެވެ.
ސީއެންއެން އިން ބުނި ގޮތުން ޖަރުމަނުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަަކަށް އޮތް ނުރައްކާ ވަކިން ބޮޑެވެ.
ޓެރަރިސްޓުން ހަމަލާދޭނީ ކޮން ތަނަކަށް ކޮން އިރަކު ކަމެއް ބުނަން ނޭނގޭ ކަމަށް އޮފިޝަލުން ބުނާ ކަމަށްވެސް ސީއެންއެންއިން ބުންޏެވެ.
ފަރަންސޭސިވިލާތުގައި މިހާރު ކުރިއަށްދާ އާންމު އިންތިހާބާ ގުޅިގެން އުފެދިފައި އޮތް ހަމަނުޖެހުންތައް މުޅި ގައުމަށް ފެތުރިގެން ހިނގައިދާނެ ކަމަށްވެސް އޮތީ ބިރު ހީވެފަ އެވެ. މިފަދަ ހާލަތަކުން ފައިދާ ނަގައި ޓެރަރިސްޓުން އެކި ތަންތަނަށް ހަމަލާދީފާނެ ކަމަށް އެމެރިކާގެ އަސްކަރީ އޮފިޝަލުން ބުންޏެވެ.
އޮފިޝަލުން ބުނީ ފަރަންސޭސިވިލާތާއި ޖަރުމަނަކީ ޓެރަރިސްޓުން ފެތުރިގެންފާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ދެ ގައުމުު ކަމަށެވެ.
އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޓެރަރިސްޓް ހަމަލާއެއްގެ ބިރުބޮޑުވެފައި ވަނީ އެމެރިކާއިން މިހާރު ދުނިޔޭގައި އަދާކުރާ ދައުރާ މެދު ހިތްހަމަނުޖެހޭ މީހުން ގިނަވެފައިވާތީ ކަަމަށް ލިބިފައި ހުރި އިންޓެލިޖެންސުން އެނގޭ ކަމަށް އޮފިޝަލުން ބުނެ އެވެ.
ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގައި އެމެރިކާއިން އިޒުރޭލަށް ހަތިޔާރު ފޯރުކޮށްދިނުމާއި ރަތް ކަނޑުގައި ހޫސީންނަށް ހަމަލާދިނުމަކީވެސް މި ޖަމާއަތްތަކާ ގުޅިފައި ތިބި ހަނގުރާމަވެރި ގުރޫޕްތަކުން އެމެރިކާއަށް ފާރާލާ ސަބަބެކެވެ.
ޖަރުމަނުގައި ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތަކީ ވެސް ޓެރަރިސްޓުން ފައިދާ ނަގާފާނެ އެއްވުމެއް ކަމަށް އަސްކަރީ މާހިރުން ބުނެ އެވެ. އަދި ފަރަންސޭސިވިލާތުގައި ޖުލައިގައި އޮންނަ ޕެރިސް އޮލިމްޕިކް ހަފްލާތަކަކީ ވެސް ޓެރަރިސްޓުން އެ ގައުމަށް ވަންނަން ލިބޭ ފުރުސަތެއް ކަމަށްވެސް ތަޖުރިބާކާރުން ބުނެ އެވެ.
ޓެރަރިސްޓުން ބޮޑަށް ބަލާނީ މީހުން ގިނަ ތަންތަނާއި ގައުމުތަކުގެ ޝައުގުވެރިކަން ހުރި އިމާރާތްތައް ކަމަށް އަސްކަރީ މާހިރުން ބުނެ އެވެ.
އޮފިޝަލުން ބުނާ ގޮތުން އިވެންޓްތަކަށް ބެލުމެއް ނެތި މުޅި ޔޫރަޕްގައި ސަލާމަތީ ފިޔަވަޅުތައް އެޅުމަށް މިހާރު ވަނީ ނިންމާފަ އެވެ.