ދިވެހި ރާއްޖެއާ ޗައިނާގެ ގުޅުން

ޗައިނާގެ އިސްތިގުލާލަށް ގޮން ނުޖަހަން ރައީސް ނަޝީދަށް ދަންނަވައިފި

ޗައިނާގެ މިނިވަން ކަމާއި އިސްތިގުލާލަށް ގޮން ނުޖައްސަވަން އެ ގައުމުން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ގޮވާލައިފި އެވެ.

ދެކުނު ޗައިނާގެ ކަނޑުގައި ޗައިނާ ބާރު ގަދަ ކުރަމުންދާ ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ އެ ގައުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ހައި ކޮމިޝަނަރު ކެރޮން ރޮސްލާވެސް ޓެގް ކުރައްވައި ރައީސް ނަޝީދު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދެކުނު ޗައިނާ ކަނޑުގައި އޮންނަ ސްޕާޓްލީ އައިލެންޑްސް ކައިރިއަށް އިނގިރޭސިވިލާތުގެ މަނަވަރުތައް ވަނުމުން އުފާ ކުރައްވާ ކަމަށެވެ.

"ރާއްޖެއަށް މިނިވަންކަން ލިބުނު ދުވަސް ފާހަގަ ކުރަމުންދާ އިރު ސްޕާޓްލީ އައިލެންޑްސް ކައިރީގައި މިނިވަންކަމާއެކު ދަތުރުފަތުރު ކުރެވޭނެ ގޮތަށް އިންތިޒާމްތައް ހަމަޖައްސަން އިނގިރޭސިވިލާތުގެ މަނަވަރުތައް އެ ސަރަހައްދަށް ވަނުމުން އުފާ ކުރަން" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން ފަހުން ވަނީ ރައީސް ނަޝީދު ދެެއްކެވި ވާހަކަތަކަށް ރައްދު ވެސް ދީފައެވެ. އެމްބަސީން ބުނީ ބައިނަލްއަގުވާމީ ގަވައިދުތަކާ އެއްގޮތަށް ޗައިނާގެ ކަނޑުގެ ސަރަހައްދުގައި ދަތުރު ކުރުމާ މެދު މައްސަލައެއް ނެތް ކަމަށެވެ.

"... އެހެން ނަމަވެސް ޗައިނާއާ ކުރިމަތިލައި މި ގައުމުގެ އިސްތިގުލާލަށް ގޮންޖަހައި މި ސަރަހައްދު ނުރައްކަލަށް ވައްޓާލުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން" ޗައިނާގެ އެމްބަސީން ކުރި ޓުވީޓުގައި ވެއެވެ.

ރައީސް ނަޝީދަކީ އާންމުކޮށް ޗައިނާއަށް ބަހުގެ ހަމަލާތައް ދެމުން ގެންދަވާ ބޭފުޅެކެވެ. އަދި ޗައިނާއާ ދެކޮޅަށް ދައްކަވާ ވާހަކަތަކަށް ޗައިނާގެ އެމްބަސީން މީގެ ކުރިންވެސް ވަރަށް ގިނައިން ރައްދު ދީފައި ވެއެވެ.