މި ޒަމާނުގައި ޓެކްނޮލޮޖީއަކީ އެއާ ނުލާ މުޖުތަމައުގައި މަދަނީ އަދި ސަގާފީ ކަންކަމުގައި ވެސް ބައިވެރި ނުވެވޭހާ ދިރިއުޅުމަށް މުހިންމު ވެފަވާ އެއްޗެކެވެ. ޑިޖިޓަލް ވަސީލަތްތަކަކީ މިހާރު މަސައްކަތުގެ މައިދާނާއި ތައުލީމު އުގެނުމަށާއި އަސާސީ ހިދުމަތްތައް ހޯދުމުގައިވެސް އިސް ދައުރެއް އަދާކުރާ ވަސީލަތްތަކަކެވެ.
އެޗްޑީސީ ގެ ސްމާޓް ސިޓީ އިންފްރާސްޓްރަކްޗާ މަޝްރޫއުގެ ތެރެއިން ގްރޭޓާ މާލެ ސަރަހައްދުގައި މަސައްކަތްތެރިންގެ މާހައުލަށް ބޮޑެތި ބަދަލުތަކެއް އަންނާނެ އެވެ. ޑިޖިޓަލް އިންފްރާސްޓްރަކްޗާ އެއް ގާއިމް ކުރުމުން ވިޔަފާރިތަކާއި ކުންފުނިތައް އަދި ދައުލަތުގެ ވުޒާރާ ތަކުގައި މަސައްކަތްތެރިން މަސައްކަތް ކުރާ ގޮތް މުޅިން ބަދަލު ވެގެންދާނެއެ ވެ. މި މަޝްރޫގެ ލަނޑުދަނޑި އަކީ އަމިއްލަ ޖަމިއްޔާތަކާ ވިޔަފާރިތައް އަދި ދައުލަތުގެ އެކި ބޭނުމަށް އުފައްދާ އޮންލައިން އެޕްލިކޭޝަން ތަކާ ވަސީލަތްތައް އުފެއްދުމަށް ބޭނުންވާ އަސާސީ މައިގަނޑު ވަސީލަތްތައް ގާއިމް ކުރުމެވެ.
ދެހާސް ދިހައެއްގެ ގެ ހޯދުން ތަކުން ދައްކާގޮތުން ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ބޭނުންކުރަނީ ނުވަތަ ލިބެނީ އާބާދީގެ ދެބައިކުޅަ އެއްބަޔަށެވެ. އޭރުގަ ހުރިހާ ގެއެއްގައި އިންޓާނެޓް ނުހުރެއެވެ. އިންޓަނެޓް ބްރޯޑްބޭންޑް ކަނެކްޝަން ހޯދުން ގިނަ ގޭގޭގައި ވީ މާލީ ގޮތުން ބުރަކަމަކަށެވެ. ސްކޫލުތަކުގެ ކޮމްޕިއުޓަރު ލެބް ނުވަތަ ރައްޓެއްސެއްގެ ނުވަތަ ތިމާގެ މީހެއްގެ ގެއިން އިންޓަނެޓް ބޭނުންކުރަން ޖެހޭ ސްކޫލު ނުވަތަ އޮފީސް މަސައްކަތް ކުރަން ދިއުމަކީ އޭރުގަ އާންމު ކެމެކެވެ.
އޭގެ ދިހަ އަހަރު ފަހުން، އިންޓަނެޓްގެ ހިދުމަތް މިވަނީ ކަރަންޓާއި ފެން ފަދަ އަސާސީ ހިދުމަތްތަކާ އެއްވަރުގެ މުހިންމު އެއްޗަކަށް ވެފައެވެ. ކަރަންޓް ކެނޑުމުން ވާ އުނދަގޫ އިންޓަނެޓްގެ ހިދުމަތް މެދުކެނޑުމުން ވެސް ވެއެވެ. އާންމު ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަން ވަނީ އިންޓަނެޓާ ގުޅިފައެވެ. އިންޓަނެޓް އަދި ޑިޖިޓަލް ވަސީލަތްތަކުގެ މުހިންމުކަމާމެދު ޝައްކު ކުރެވޭނެ ޖާގައެއް ނެތެވެ. އަދި ދިރިއުޅުމުގެ އެންމެ އަސާސީ ބޭނުންތަކާގުޅިފަވާ ހިދުމަތެއް ވާން ޖެހޭނީ އާންމު ރައްޔިތުންނަށް ފަސޭހައިން ހެޔޮ އަގެއްގައި ލިބިދޭ ހިދުމަތަކަށެވެ.
މާހިރުން ދެކޭ ގޮތުގައި ހުރިހާ ފަރުދުންގެ ބައިވެރިވުން އޮތް ޑިޖިޓަލް މުޖުތަމައުއެއް އުފެއްދުމަށް ބޭނުންވަނީ ފަސް ކަމެކެވެ. އެއީ ހެޔޮ އަގުގައި އިންޓަނެޓްގެ ހިދުމަތް ލިބުން. އަދި ހުރިހާ އުމުރެއްގެ ރައްޔިތުން ހިމެނޭ ގޮތައް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރަން ދަސްކޮށްދިނުން. އަދި ޓެކްނިކަލް ސަޕޯޓު ބޭނުންވާ ހިދުމަތްތަކުގައި ޓެކްނިކަލް ސަޕޯޓް ބޭނުންވާ ފަރާތްތަކަށް އެ ހިދުމަތް ފޯރުކޮއްދިނުމެވެ. މީގެ އިތުރުން އޮންލައިން އެޕްލިކޭޝަންތައް ޑިޒައިން ކުރުމުގަ ހުރިހާ ފަންތިއެއްގެ ރައްޔިތުންނަށް ވެސް އަމިއްލައަށް އެކަޝީގެންވާ ގޮތުގަ ބޭނުންހިފޭނެހެން އެޕްލިކޭޝަންތައް އުފެއްދުމާއި އިންޓަނެޓްގެ ބޭނުން ކޮއްގެން އޮޓޮމެޓިކުން ކަންކަން ހަމަޖެހޭ ފަދަ ޑިޖިޓަލް ޑިވައިސްތަކުގެ ބޭނުން ކުރުމަށް އާދަކުރުމެވެ.
އިންޓަނެޓްގެ ހިދުމަތް ފުޅާވުމުގެ ސަބަބުން އާންމު ދިރިއުޅުމާއި ވައްޓަފާޅިއަށް އެދެވޭ ގިނަ ބަދަލު ތަކެއް އައިސްފަވެއެވެ. އިންޓަނެޓްގެ ޒަރީއާއި ން އެއްޗެހި ގަނެވިއްކުން އިތުރުވުމުން މީހުން އެއްޗެހި ގަންނަ ވަރު އިތުރުވުމާއި އެކު ވިޔަފާރިތައް ފުޅާވެ ވަޒީފާގެ ފުރުސަތުތައް ވެސް ގިނަވެގެން ދިޔައެވެ. އަދި ވަޒީފާ ހޯދާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަސޭހައިން ހޯދޭނެ ގޮތްވެ ވަޒީފާ ދޭ ފަރާތްތަކާ ވަޒީފާ ހޯދާ ފަރާތްތަކުގެ މެދުވެރިއަކަށް އިންޓަނެޓް ވެގެން ގޮސްފި އެވެ. އެޗްޑީސީގެ ސްމާޓް ސިޓީ އިންފްރާސްޓްރަކްޗަރ ގާއިމް ވުމުން އިތުރު ބައިވަރު ކަންކަން ވިޔަފާރިތަކާއި ވިޔަފާރިކުރާ ފަރާތްތަކަށް އަދި ވަޒީފާ ދޭ ފަރާތްތަކަށް މަގުފަފި ވެގެންދާނެއެވެ.
ސްމާޓް ސިޓީ އިންފްރާސްޓްރަކްޗާ ގާއިމްވުމުން މަސައްކަތްތެރިންނައް ވެސް އައު ފުރުސަތުތަކެއް ފަހިވެގެންދާނެ އެވެ. ޓެލެވާކިން ނުވަތަ އިންޓާނެޓްގެ ޒަރީއާ އިން ވަޒީފާ އަދާކުރުމުގެ ފުރުސަތުތައް ފަހިވާނެ އެވެ. އަދި މީގެ ސަބަބުން ވަޒީފާ އަދާ ކުރާ ފަރާތްތަކާ ވަޒީފާދޭ ފަރާތްތަކަށް ވެސް ލުއި ތަކެއް ލިބިގެންދެ އެވެ. ޓެލެވާކިންއަކީ މަސައްކަތްތެރިންނަށް އަމިއްލަ މާހައުލެއްގައި ހިތްހަމަޖެހިގެން މަސައްކަތްތައް ނިންމުމަށް ލިބޭ ފުރުސަތެކެވެ. އަދި މިގޮތައް މަސައްކަތް ކުރަން ފުރުސަތު ލިބުމުން މަސައްކަތުގެ ފެންވަރު ރަނގަޅުވެ، ޝައުގުވެރިކަމާއެކެ ވަޒީފާގެ މައްސޫލިޔަތު އަދާ ކުރުމަށް ހިތް ވަރުލިބެ އެވެ. މީގެ އިތުރުން ވަޒީފާ އިން ސަލާމް ބުނާ ދުވަސްތައް ވެސް ގޭގަ މަސައްކަތް ކުރަން ލިބުމުން މަދުވެ އެވެ. ވަޒީފާ އާއި އަމިއްލަ ދިރިއުޅުމުގެ ކަންކަން ބައްޓަން ކުރުމުގެ މިނިވަންކަން ލިބުމުން ދުޅަހެޔޮ ގޮތުގައި ވަޒީފާ އާއި ޒާތީ ދިރިއުޅުމުގެ ކަންކަން ބެލެންސް ކުރެވޭނެ އެވެ. މިގޮތައް ވަޒީފާ އަދާކުރުމަށް ހައި ސްޕީޑް އިންޓަނެޓްއަކީ ލެޕްޓޮޕް ނުވަތަ ކޮމްޕިއުޓަރުގެ އިތުރުން ދެން ބޭނުންވާ އެންމެ މުހިންމު ވަސީލަތެވެ. ހައި ސްޕީޑް އިންޓަނެޓް އާންމުންނަށް އަގު ހެޔޮކޮށް ފަސޭހައިން ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތަކާ ވިއުގައެއް ގާއިމް ކުރުމަކީ އެޗްޑީސީގެ ސްމާޓް ސިޓީ އިންފްރާސްޓްރަކްޗާ މަޝްރޫއުގެ ދަށުން ކުރެވެމުންދާ މަސައްކަތެކެވެ.
ޓެލެވާކިންގެ ފުރުސަތު ފަހިވެ ގިނަ ބަޔަކު ގޭގައި ތިބެގެން އިންޓަނެޓް މެދުވެރިކޮށް ވަޒީފާ އަދާކުރަން ފެށުމުން މަސަތްކަތްތެރިންގެ ވަގުތު ސަލާމަތްވުމުގެ އިތުރުން މަގުމަތީގެ ކާރު ބާރުވެސް ކުޑަވެގެންދާނެ އެވެ. އަދި ވެހިކަލްތަކުގެ ޒަރީއާއިން ވައި ނުސާފުވާ މިންވަރު ވެސް ކުޑަވެގެންދާނެ އެވެ. ޓެލެވަރކިން ވަޒީފާއެއްގައި ރާއްޖޭގެ ނުވަތަ ދުނިޔޭގެ ކޮންމެ ތަނެއްގައި ދިރިއުޅެމުން ވެސް ވަޒީފާ އަދާ ކުރެވިދާނެ އެވެ. އަދި ރާއްޖޭގެ އެންމެ މީހުން ބައިބޯވެފަވާ މާލެ ސަރަހައްދުން ދުރަށް ދިރިއުޅުން ބަދަލު ކޮށް ހިތްގައިމު ދިރިއުޅުމަކާ މާހައުލެއްގައިވެސް ވަޒީފާ އަދާ ކުރެވޭނެއެވެ.
ރާއްޖޭގައި މިހާރު ވެސް ޓެލެވާކް ނުވަތަ ފްރީލާންސް މަސައްކަތް ކުރާ ފަރާތްތަކެއް އުޅެ އެވެ. މީގެ ތެރެއިން ގިނަ ފަރާތްތަކަކީ މިއުޒިކް، އާޓް، އަދި ފޮޓޯގްރަފީފަދަ ކްރިއޭޓިވް ދާއިރާތަކުގައި ފްރީލާންސް މަސައްކަތް ކޮށްގެން އާމްދަނީ ހޯދާ ފަރާތްތަކެވެ. މިފަދަ ފަރާތްތަކުގެ އަމިއްލަ ވިޔަފާރި ނުވަތަ މަސައްކަތްތަކަށްވެސް ހައި ސްޕީޑް އިންޓަނެޓްގެ ހިދުމަތް ލިބޭނަމަ ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.
އެޗްޑީސީގެ ސްމާޓް ސިޓީ އިންފްރާސްޓްރަކްޗަރު މަޝްރޫއުއަކީ އެކި ދާއިރާތަކުގެ މަސައްކަތްތެރިންނާ ހުރިހާ އުމުރު ފުރާގެ މީހުން ހިމެނޭ ގޮތައް މުޅި މުޖުތަމައުއަށް ފައިދާތަކެއް ލިއްބައިދޭނެ މަޝްރޫއުއެކެވެ. އަދި މާލެ ސަރަހައްދުގައި ރައްވެހިންނަށް އަމާން ހިތްގައިމު އަދި ދުޅަހެޔޮ ދިރިއުޅުމެއް މަގުފަހި ކޮށްދޭނެ މަޝްރޫއު އެކެވެ.