އިންސާނުންގެ ފަރާތުން ތިމާވެއްޓާއި ދުނިޔެ އަށް ކޮންމެވެސް ބަދަލު ތަކެއް އަންނަކަމީ އެއްވެސް ބަޔަކު ދެބަސްނުވާނެ ހަގީގަތެކެވެ. އަޅުގަނޑުމެންގެ ދުނިޔެއަކީ ވަރަށް ގިނަ ގޮތްޖޮތުން އަމިއްލަ އަށް އިއާދަވުމުގެ ގާބިލްކަން ލިބިފަވާ ތަނެކެވެ. ނަމަވެސް އިންސާނީ ތަރައްގީއާއި ދިރިއުޅުމުގެ އާދަކާދަތަކުގެ ސަބަބުން ދުނިޔޭގެ ގުދުރަތީ ނިޒާމު ތަކަށް ބުރޫއަރާ އަލުން އިއާދަ ނުކުރެވޭފަދަ ގެއްލުން ވާންފެށުމުން އިންސާނުންގެ އާދަކާދަތަށް ބަދަލުކޮށް ދުނިޔޭގެ ނިޒާމުތައް ރައްކާތެރިކޮށް އިއާދަކުރަން މަސައްކަތް ކުރަންޖެހެ އެވެ.
ރާއްޖޭގައި ގްރޭޓާ މާލެ ސަރަހައްދަކީ ރާއްޖޭގެ އާބާދީގެ ނިސްބަތުން ބަލާއިރު އެންމެ މީހުން ގިނަ ކާރުބާރު ބޮޑު ސަރަހައްދެވެ. އަދި މީހުން ބައިބޯވެ ތޮއްޖެހުން އިތުރުވާ ވަރަކަށް މިސަރަހައްދުގައި ދިމާވާ މައްސަލަތައްވެސް ދަނީ އިތުރުވަމުންނެވެ. ވޭތުވެދިޔަ 30 އަހަރަށް ބަލާާލާއިރު މާލެ ސިޓީގެ މުޖުތަމައުއަށާއި ދިރިއުޅުމަށް ވަނީ އެތައް ބަދަލެއް އައިސްފަ އެވެ. އައު ވިޔަފާރިތަކާއި ހިދުމަތްތައް ގިނަވުމާއެކު މީހުން އެކިތަންތަނަށް ދާންޖެހުމާއި މުދާ އުފުލުން ވަނީ އިތުރުވެފަ އެވެ. ހަމަ އެއާއިއެކު މަގުތައްވަނީ އެކިބާވަތުގެ ވެހިކަލްތައް އިތުރުވެ ތޮއްޖެހޭ ހިސާބަށް ގޮސްފަ އެވެ. އަހަރު ތަކެއް ކުރިން މަދު ސައިކަލާއި ކާރުފަދަ ވެހިކަލްތަކުން ދަތުރުފަތުރުގެ ކަންކަން ފަރުޖެހިގެން ތިބި މާލޭގައި މިހާރު މިވަނީ މަގުމަތި ފުރި ވެހިކަލް ދުއްވުމާއި ހިނގުން އަދި ނޭވާލުމަށްވެސް ދަތިވާ ހިސާބަށް ގޮސްފައެވެ.
ދުނިޔޭގައި ދަތުރުފަތުރުން އުފެދޭ ގްރީންހައުސް ގޭހުގެ 95 އިންސައްތައަކީ ކާބަންޑައިއޮކްސައިޑް އެވެ. ކާރުޙާނާތަކަށް އައި އިންގިލާބައްފަހު ގްރީންހައުސް ގޭސްއުފެދުމާއި ބޭރުވުން ވަނީ އިންތިހާ އަށް މައްޗައްގޮސްފަ އެވެ. މި ގޭސްތައް އުފެދުމާއި ބޭރުވުން ކޮންޓްރޯލްކުރުމަށް ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ. އަދި އެފިޔަވަޅު ތަކުގެ ސަބަބުން ތިމާވެއްޓަށްކުރާ އެހެން ނޭދެވޭ އަސަރު ތަކައްވެސް އެދެވޭ ބަދަލެއް އާންނާނެެއެވެ.
ސިޓީއެއްގައި މީހުންނާއި ހިދުމަތްތައް ގިނަވުމާއިއެކު ހަކަތަ ބޭނުންވާވަރު އަދި ހަކަތަ އުފައްދަންޖެހޭ މިންވަރު ދާނީ މަތިވަމުންނެވެ. ހަކަތަ އުފައްދާ މިންވަރު އިތުރުވުމާއެކު އުފެދޭ ގޭސް ގިނަވެ ވައި ތަގައްޔަރުވުމާއިއެކު ހޫނުމިން މައްޗައްދެއެވެ. ނަމަވެސް ޒަމާނީ ތަރައްގީއާއި ޓެކްނޮލޮޖީގެ އެހީގައި މިކަންކަމަށް ހައްލުހޯދޭނެ އެވެ. މަދު ހަކަތަބޭނުންކުރާ ބާވަތުގެ ވަސީލަތްތައް އަންނަނީ އީޖާދު ކުރަމުންނެވެ. އަދި އެފަދަ އައު ވަސީލަތްތަކަށް އަހުލުވެރިވެ ގިނަމީހުން ބޭނުންކުރަން ފެށުމުން ގަނަކަންކަމަށް ކޮންމެވެސް ވަރެއްގެ ހައްލު ލިބިގެންދާނެއެވެ.
މުޖުތަމައުގައި އާބާދީ ބޮޑުވާވަރަކަށް އުފެދޭ ކުނިގިނަވެއެވެ. ކުނި އެއްކުރުމާއި ނައްތާލުމަށް އެކަށޭނަ ނިޒާމުތަކެއް ގާއިމު ކުރެވިފަވީނަމަވެސް އާބާދީ ބޮޑުވަމުންދާ މިންވަރާ ކުނި އުފެދޭ މިންވަރަށް ބަލާއިރު އަދިވެސް މިހާރަށްވުރެ ހަރުދަނާ ރަނގަޅު ނިޒާމްތަކެއް ގާއިމްކުރުން ވަރަށް މުހިންމެވެ. މިހާރުވެސް ދުނިޔޭގެ ބައެއް ތަންތަނުގަ ބޭނުންކުރާ ވަސީލަތްތަކުގެ ތެރޭގަ އިރުގެ ހަކަތައިން މަސައްކަތްކުރާ ކުނި ކޮމްޕެކްޓް ނުވަތަ ފިއްތާ މެޝިނު ހިމެނެ އެވެ.
މި ސްމާޓް ސިސްޓަމްގައި ސެންސަރު އަދި ކެމެރާ ހުރެ އެވެ. އަދި އަމިއްލަ އަށް ކުނި ކޮމްޕްރެސް ކޮށް މެޝިން ފުރުމުން ކުނި މެނޭޖްކުރާ އިދާރާތަކަށް ކްލައުޑް މެދުވެރިކޮށް ސިގްނަލް ދެއެވެ. ސިގްނަލް ލިބުމުން މެޝިން ހުސްކުރާ ވެހިކަލް ގޮސް އެ މަސައްކަތް ކުރުމުން މިފަދަ ބޮޑެތި ވެހިކަލްތަކުގެ ބޭނުން ކުރުން މަދުވެ އޭގެން އުފެދޭ ގޭހުގެ މިންވަރާ ކާބަން ފުޓްޕްރިންޓް ކުޑަވެއެވެ.
ޔޫރަޕިއަން ޔޫނިއަންގެ ހޯދުންތައް ދައްކާގޮތުގައި ދުނިޔެ އަށް ބޭރުވާ ކާބަންޑައި އޮކްސައިޑްގެ 25 އިންސައްތައަކީ ދަތުރުފަތުރުގެ ނިޒާމުތަކުން އުފައްދާ އެމިޝަން ތަކެވެ. ވެހިކަލްތަކުން ވަރަށް ގިނަ އަދަދެއްގެ ތެޔޮބޭނުންކުރެ އެވެ. އަދި އެއާއެކު އުފެދޭ އެމިޝަންތައް ގިނައެވެ. ތެޔޮ ބޭނުންކުރާވަރު އަދި އުފެދޭ އެމިޝަން މަދުުވާނެހެން ވެހިކަލް ދުއްވުމަށް އެންމެ ރަނގަޅީ ގަޑިއަކު 45-65 މޭލުގައި ދުއްވުމެވެ. ދަތުރުފަތުރުގެ ނިޒާމްތަކުގައި މިހާރު ފަހުގެ ސޮފްޓްވެއާއާއި ހާޑްވެއާ އަދި ޓެކްނޮލޮޖީ ބޭނުންކޮއްގެން އެންމެ އަވަސް އަދި ރައްކާތެރި ހިދުމަތް ފޯރުކޮށްދިނުމަށް ވަނީ މަގުފަހިކޮށްފަ އެވެ. ކެމެރާ، ސެންސަރު އަދި ޓްރެފިކް ސިގްނަލް ބޭނުންކޮށްގެން ޓްރެފިކް ތޮއްޖެހި ހުއްޓުންނުއަރާނެ މަގުތަކުން ދަތުރު ކުރުމަށް އަންގައިދޭ ވަކި ނެވިގޭޝަން ސިސްޓަމްތައް ހުރެއެވެ. މީގެ އިތުރުން ސްމާޓް ބައިސްކަލު ބޭނުންކުރުމާ ރައިޑް ޝެއާކުރުން ފަދަ ކަންކަމަކީ ވެސް މިހާރު އާލާވަމުން އަންނަ ކަންކަމެވެ.
މި ފަދަ ބައިވަރު އައު ނިޒާމުތައް އެހެން ގައުމުތަކުގައި ބޭނުންކޮށް ކުރިއެރުންތައް ހޯދާފަ އެވެ. ސިންގަޕޫރުގައި ސަރުކާރުގެ ފަރާތުން މުޖުތަމައުގައި ބަސް ބޭނުންކުރާ ފަރާތްތަކާ ސަރަހައްދުތައް ފާހަގަކޮށް އަމިއްލަ ބަސް ދުއްވާ ކުންފުނިތަކާ ހިއްސާ ކުރުމުން ބަހުގެ ހިދުމަތް ބޭނުންކުރާ ފަރާތަތަކަށް ފަސޭހަވެ ކާރުފަދަ އަމިއްލަ ވެހިކަލް ބޭނުންކުރާވަރު މަދުވެ އެވެ. މި ކްރައުޑްސޯސްޑް ހިދުމަތަށް ކިޔަނީ ބީލައިން އެވެ.
ދެހާސް ވިހި ވަނަ ކޮވިޑް 19 އާގުޅިގެން ފުރަތަމަ ފަހަރު ދުނިޔޭގެ އެކި ކަންކޮޅުތަށް ލޮކްޑައުންކުރުމުން ގުދުރަތީ އެކިނިޒާމުތައް އާރާސްތުވެ އެކި ކަހަލަ ދިރުންތައް ސިޓީ ތަކުގައި އާލާވިއެވެ. މީހުން ގޭގޭގައި ލޮކްޑައުން ވުމާއެކު ވެހިކަލްތައްވެސް ޕާކްކުރިގޮތައް ލޮކްޑައުންވީއެވެ. ޕެޓްރޯލް ޝެޑްތަކުގައި އާންމުކޮށް އޮންނަ ކިޔުތައް ގެއްލުމުން އޮފީސްތަކާ ސްކޫލުތަކަށް ދުއްވުމަށް ބޭނުންކުރެވޭ ތެލުގެ މިންވަރު އަންދާޒާ ކޮއްލެވެ އެވެ.
ލޮކްޑައުންގެ ދުވަސް ކޮޅުގައި ބޭރުތެރޭގެ ވައި ސާފުވެ ހަމަނޭވާލާން ފަސޭހަކަން ފާހަގަވެ އެވެ. މިކަމުން ދޭހަވީ ގޭގަ ތިބެމަސައްކަތްކުރުން ފަދަ އައު އާދަތަކުން ދިރިއުޅުމުގެ އިތުރުން ތިމާވެއްޓައްެވެސް އެދެވޭ ބަގަލުތަކެއް ގެނެވިދާނެކަމެވެ.
ޕޮލޫޝަން ނުވަތަ ވައި ނުސާފުވުން ކުޑަކުރުމުގައި ސްމާޓް ޓެކްނޮލޮޖީ ބޭނުންކޮށް ވައިގެ ކޮލިޓީ، ހަކަތަ ބޭނުންކުރާވަރު އަދި ފެނާ ކަރަންޓު އަދި އުފެދޭ ކުނި މޮނިޓަ ކޮށްގެން އެމިޝަންސް 10-15 އިންސައްތަ މަދުކުރެވިދާނެ އެވެ. ސެންސަރު އަދި ކެމެރާތަކުން ލިބިދޭ ޑޭޓާގެ އެހީގައި މިކަންކަން މޮނިޓަރ ކުރެވި އެމައުލޫމާތުގެ އަލީގައި ބޭނުންތެރި ހައްލު ހޯދޭނެ ވސީލަތްތައް އަދި ހިދުމަތްތައް ގާއިމްކުރުމުން އިސްރާފުކުޑަ މަދު ހަކަތަ ބޭނުންކުރާ ސާފުތާހިރު ސިޓީއެއް ބިނާކުރެވޭނެ އެވެ. ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ސްމާޓް ސިޓީ އިންފްރާސްޓްރަކްޗާ މަޝްރޫއުގެ ދަށުން މިފަދަ އުުފެއްދުންތަކާއި ޓެކްނޮލޮޖީ ބޭނުން ކޮށްގެން ހުޅުމާލެެއަކީ ސްމާޓް ތިމާވެއްޓާ ރައްޓެހި ފަހި ސިޓީއަކަށް ހެދުމަށް ދަނީ މަސައްކަތް ކުރެވެމުންނެވެ.