އެޗްޑީސީ

ސިނާއީ ބޭނުމަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ވިއްކަނީ

ސިނާއީ ބޭނުމަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބީލަމުގެ އުސޫލުން ބިން ވިއްކުމަށް ހުޅުވާލައިފި އެވެ.

މީގެތެރޭގައި ހިމެނެނީ ހުޅުމާލޭ ދެވަނަ ފިޔަވަހިން ވިއްކާ، 3,689 އަކަފޫޓާއި 3,746 އަކަފޫޓާ ދެމެދުގެ 12 ބިމެކެވެ.

ހަމައެކަނި ދިވެހިންނަށް ކުރިމަތިލެވޭ ގޮތަށް ވިއްކަން ހުޅުވާލާފައިވާ މި ބިންތަކަށް އުމުރުން 18 އަހަރުވެފައިވާ ކޮށްމެ ދިވެހި ރައްޔިތަކަށް ވެސް ބީލަން ހުށަހެޅެ އެވެ.

ބީލަން ހުށަހަޅަނީ ކުންފުންޏަކުންނަމަ އެ ކުންފުންޏަކީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ 100 ޕަސަންޓް ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމުގައި ވާންޖެހެ އެވެ.

ބިން ވިއްކުން ކުރިއަށް ގެންދަނީ ދެ މަރުހަލާ އަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާ އަކީ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމެވެ. ދެވަނަ މަރުހަލާއަކީ ގަންނަން ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށްވުރެ ގިނަ ފަރާތުން އީއޯއައި ހުށަހަޅާފައިވާނަމަ، ބިޑް ކުރުމެވެ.

ބިންތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 7،500 ރުފިޔާ އެވެ. ކޮންމެ ފަރާތަކަށްވެސް ޖުމްލަ 03 ބިން ގަނެވިދާނެ އެވެ.

ބީލަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެޗްޑީސީގެ އޮންލައިން ބިޑް ޕޯޓަލް މެދުވެރިކޮށެވެ. އެގޮތުން މިހާރު ވިއްކުމަށް ހުޅުވާލެވިފައިވާ ބިންތަކުގެ މައުލޫމާތު ބިޑް ޕޯޓަލް މެދުވެރިކޮށް ލިބެން އެބަހުއްޓެވެ.