އެޗްޑީސީ

ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކަނީ

ދިރިއުޅުމުގެ ބޭނުމަށް ހުޅުމާލެ ދެވަނަ ފިޔަވަހިން އިތުރު ބިން ބީލަމުގެ އުސޫލުން ވިއްކުމަށް ހުޅުވާލައިފި އެވެ. މީގެތެރޭގައި ހިމެނެނީ ބީޗް ފްރަންޓުން ވިއްކާ ބިމާއި ބީޗް ސައިޑުން ވިއްކާ ބިމެވެ.

އެގޮތުން، ބީޗް ފްރަންޓުން ބިން ވިއްކަނީ 1،095.98 އަކަފޫޓާއި 3،252 އަކަފޫޓާ ދެމެދުގެ ބިންތަކެކެވެ. އަދި ބީޗް ސައިޑުން ވިއްކަނީ 1،440.80 އަކަފޫޓާއި 3،380 އަކަފޫޓާ ދެމެދުގެ ބިންތަކެކެވެ.

ހަމައެކަނި ދިވެހިންނަށް ކުރިމަތިލެވޭ ގޮތަށް ވިއްކަން ހުޅުވާލާފައިވާ މި ބިންތަކަށް، އުމުރުން 18 އަހަރުވެފައިވާ ކޮންމެ ދިވެރި ރައްޔިތަކަށް ވެސް ބީލަން ހުށަހެޅޭނެ އެވެ.

ބިން ގަންނަން ބީލަން ހުށަހެޅޭނީ ކުންފުންޏަކުންނަމަ، އެ ކުންފުންޏަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 100 ޕަސަންޓް ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާނަމަ އެވެ.

ބިން ވިއްކުން ކުރިއަށް ގެންދަނީ ދެ މަރުހަލާ އަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާ އަކީ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމެވެ.

ދެވަނަ މަރުހަލާއަކީ ގަންނަން ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީއޯއައި ހުށަހަޅާފައި ވާނަމަ، ބިޑް ކުރުމެވެ.

ބީޗް ފްރަންޓް ބިންތަކުގެ ބީލަން ފެށޭ އަގަކީ 4،500 ރުފިޔާ އެވެ. އަދި ބީޗް ސައިޑުން ވިއްކާ ބިންތަކުގެ ބީލަން ފެށޭ އަގަކީ 4،000 ރުފިޔާ އެވެ. ކޮންމެ ފަރާތަކަށްވެސް އެއް ބިމަށް ވުރެ ގިނަ ބިން ގަތުމަށް އެދި އީއޯއައި ހުށަހެޅިދާނެ އެވެ.

މިހާރު ވިއްކުމަށް ހުޅުވާލާފައިވާ ބިންތަކުގެ މައުލޫމާތު އެޗްޑީސީގެ އޮންލައިން ބިޑް ޕޯޓަލް މެދުވެރިކޮށް ލިބޭނެ ގޮތް ވަނީ ހަދާފަ އެވެ.