އެޗްޑީސީން ހުޅުމާލޭގައި ތަރައްގީ ކުރަމުންދާ ކޮންޓެއިނާ ޕާކް ރޯދައިގެ ކުރިން ނިމޭނެކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެޗްޑީސީން ބުނީ އެ ޕާކް ރޯދަމަހުގެ ކުރިން ނިމޭނެ ކަމަށާއި އަދި އެތަން އާއްމުނަށް ހުޅުވާލުމުގެ އެއްމެ ފަހުގެ ތައްޔާރީތައް މިހާރު ކުރަމުންދާ ކަމަށެވެ.
ރާއްޖެއަށް މުޅިން އާ ކޮންސެޕްޓަކަށް ހަދާ މި ޕާކް ތަަރައްގީކުރަނީ ބޭނުން ނުކޮށް ދޫކޮށްލައިފައި ހުންނަ ކޮންޓެއިނަރު ބޭނުން ކޮށްގެން ނެވެ. އަދި މި ޕާކުގައި ކެފޭ، އެގްޒިބިޝަން ސްޕޭސް އަދި ތަފާތު މަސައްކަތްތައް ކުރުމަށް ކޯ ވޯކިން ސްޕޭސްއެއް ހިމެނިފައި ވެއެވެ.
އެޗްޑީސީން ބުނީ މި ޕާކާއެކު އާއްމުކޮށް މީހުން ޒިޔާރަތްކޮށް މަސައްކަތުގެ މަހައުލުގައި އަހުލުވެރިވުމާއި ހިތްހަމަޖެއްސުމަށް ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ. އެގޮތުން މި ޕާކްގެ އެގްޒިބިޝަން ސްޕޭސްގައި ފަންނުވެރި ކަމުގެ މަސައްކަތްތައް މަޢުރަޒުކޮށް ދައްކާލުމުގެ ފުރުޞަތު ލިބިގެން ދާއިރު، ތަފާތު މަންސަތައް ފަދަ ހަރަކާތްތައް ބޭއްވުމަށް ހުޅުވާލެވިގެންދާނެ ކަމަށެވެ.
މީގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މި ޕާކުތަކަށް އެކި ހަރަކާތްތައް ހިންގައި މަސައްކަތް ކުރުމަށް ގިނަ ފުރުޞަތުތަކެއް ފަހިވެގެން ދާނެ ކަމަށެވެ.